ފުވައްމުލައް ސިޓީ ކައުންސިލުގެ ބެޑުމިންޓަން މުބާރާތް އަންނަ އޮކްޓޯބަރު މަހު 10 ގައި ބޭއްވުމަށް ހަމަޖައްސައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިމުބާރާތުގެ ނަމަކީ “ފުވައްމުލައް ސިޓީ ކައުނސިލްގެ ބެޑްމިންޓަން މުބާރާތް 2019” އެވެ.
ފުވައްމުލައް ސިޓީގައި ބެޑްމިންޓަން ކުރިއަރުވާ އާލާ ކުރުމުގެ މަގުސަދުގައި ބާއްވާ މިމުބާރާތުގައި ފުވައްމުލަކުގައި އޮފީސްތަކާއި މުއަސައްސާތަކާއި ކްލަބް ޖަމްއިއްޔާތަކަށް ބައިވެރިވެވޭ ގޮތަށް ވަނީ ހުޅުވާލާފައެވެ.
އަންހެން އަދި ފިރިހެން ބައިގައި ކޮންމެ ބަޔަކުން ވެސް 3 ކެޓަގަރީއަކަށް ކުޅުންތެރިން ބަހާލައިގެން ޓީމުތައް ހަދާގޮތަށް މުބާރާތުގެ ގަވާއިދުގައި ވެއެވެ. ޓީމެއްގައި ކުޅުންތެރިން ހިމެނޭނީ 9-12 އާއި ދެމެދުގެ އަދަދަކަށެވެ. އޮފީސް ޓީމެއްގައި މަދުވެގެން އެ އޮފީހެއްގެ 3 ކުޅުންތެރިން ހިމެނެން ވާނެއެވެ. އަދި އެހެން އޮފީހެއްގެ ޓީމަކަށް ކުޅެވޭނީ އޭނާ ވަޒީފާ އަދާކުރާ އޮފީހުގެ ހުއްދަ ލިބިގެންނެވެ.
މިމުބާރާތުގައި ބިދޭސީންނާއި ރަށުން ބޭރު މީހުންނަށް ކުޅެވޭނީ ފުވައްމުލައް ސިޓީގައި ވަޒީފާ އަދާކުރާތާ 9 ސެޕްޓެމްބަރު 2019 އަށް 1 މަސް ދުވަސް ވެފައިވާ ފަރާތްތަކަށެވެ. ފުވައްމުލަކުގެ ރަށްވެހިންގެ އިތުރުން އެމީހުންގެ އަނބިން/ފިރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިަފއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި (ސެޕްޓެމްބަރު މަހު 19 ވަނަ) ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ބައިވެރިވުމަށް އެދޭ ފޯމު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އިއުލާން ކޮށްފައެވެ. ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަަވާއިދު ސިޓީ ކައުންސިލްގެ ރިސެޕްޝަނުންނާއި އެކައުންސިލްގެ ފޭސްބުކް ޕޭޖުން ޑައުންލޯޑު ކުރެއްވޭނެ ކަމަށް ހާމަކުރައްވައެވެ.
ކުރިން ފުވައްމުލައް ސިޓީގައި ވަރަށް ފޯރިއާއެކު ގައުމީ ފެންވަރެއްގައި ވެސް ބެޑްމިންޓަން ކުޅެ، މާލޭގައި ބާއްވާ މުބާރާތްތަކުގައި ވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ވެސް ހާސިލުކޮށްފައި ވެއެވެ. ނަމަވެސް މިފަހަކުން ބެންޑްމިންޓަންގެ އެފޯރި ފުވައްމުލައް ސިޓީިން ނުފެނެއެވެ.
ސިޓީކައުންސިލްގެ މިމުބާރާތަކީ އަނެއްކާވެސް ފުވައްމުލައް ސިޓީގައި ބެޑްމިންޓަންގެ ފޯރި އަލުން ގަދަވެގެން ހިނގައިދާނެ ހަރަކާތެއްކަމަށް ބެލެވެއެވެ.
2015 ވަނަ އަހަރުވެސް އޭރުގެ އަތޮޅު ކައުންސިލުން ފުވައްމުލައް ސިޓީގައިި ބެޑްމިންޓަން މުބާރާތެއް ބާއްވާފައި ވެއެވެ.
ނަމަވެސް ބެޑްމިންޓަން ކުޅޭ ފަރާތްތަކުގެ ޝަކުވާއަކަށް ވެފައި އޮންނަނީ މިހާރު ކުޅެމުންދާ އިންޑޯ ހޯލް ތިރިކަމުގެ ޝަކުވާއެވެ. އަދި އެކަށީގެންވާ ރަނގަޅު ޓާފެއް އެތަނުގައި ނެތުމުގެ ޝަކުވާއެވެ.
ރަށުގައި ބެޑްމިންޓަންގެ ފޯރި ގަދަވުމަކީ މިފަދަ ވަސީލަތްތައް ފުރިހަމަވުމުގައި ބާރަކަށްވެގެން ދާނެކަންކަމެވެ.
ޚިޔާލުތައް