ގައުމީ ދުވަސް ފާހަގަކުރުމަށްޓަކައި ފޯރިގަދަ ޙަރަކާތްތަކެއް ކުޑަގިރި ޕިކްނިކް ރަށުގައި ބާއްވައިފިއެވެ. ގައުމީ ދުވަހުގައި “ރާވޭރުން ދަޑި ގައުމީ ދަތެރެ” ނަމުގައި ކުރިޔަށް ގެންދިޔަ މި ޙަރަކާތަކީ ފުވައްމުލަކު ރާވެރީން ނިސްބަތްވާ ސަރަޙައްދު ކަމުގައިވާ އެ ރަށު ދިގުވާނޑު އަވަށުގެ “ރާވޭރުން ދަޑޮ” ސަރަޙައްދުގެ ބަޔަކު ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ. “ރާވޭރުން ދަޑޮ” ގެ މާނައަކީ ރާވެރީންގެ ދަނޑެވެ.
މި ޙަރަކާތް ފެށުނީ ހުޅުމާލޭންނެވެ. ޤައުމީ ދުވަހު ހެނދުނު ފުރާ ގަޑިއަށް ދޯނިދޮށަށް އެއްވުން އޮތީ ދިވެހި ސަގާފީ ހެދުންތަކުގައެވެ. ލިބާހާއި ކަނޑިކިއާއި ހެދުންބުރިއާއި ދިގުހެދުމާއި މުންޑާއި ފޭލީގައެވެ. ދަތުރުމަތީގައި ގައުމީ ދުވަހާ ގުޅޭ މަޢުލޫމާތު ކުދިންނަށް ދިނުމާއި ކުޑަކުދިންނާއި ބޮޑެތި މީހުން ޤައުމީ ދުވަހާ ގުޅޭ ބަންޖާއި ލަވަ ފަދަ އެއްޗެހި ކިޔުން އޮތެވެ.
ކުޑަގިރިއަށް ފޭބުމަށްފަހު ތިބުމަށް ހަމަޖެހިފައިވާ ސަރަޙައްދު ދިވެހި ގައުމީ ދިދައިން ޒީނަތްތެރިކޮށް ދިވެހި ހެދުމުގައި ހެނދުނުގެ ނާސްތާ ކުރީއެވެ. އޭގެ ފަހުގައި ކުޅިވަރުކުޅެން ވެސް އެންމެން ލައިގެން އުޅުނީ ރަތްކުލައިގެ ހެދުމެވެ. ގައުމިއްޔަތު ރަމްޒުކުރުމުގެ މަޤްޞަދުގައެވެ.
މި ދަތުރު ރާވައި އިންތިޒާމްކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ފުވައްމުލަކު ރާވޭރުން ދަޑި ފަތުޙުﷲ ޞާލިޙް މަޢުލޫމާތު ދެއްވި ގޮތުގައި މި ފަދަ ޙަރަކާތެއްގެ މައިގަނޑު މަޤޞަދަކީ ޢާންމުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތު ދިރުވުމަށް މަސައްކަތް ކުރުމެވެ. ޚާއްޞަ ގޮތެއްގައި ހެދި ބޮޑުވަމުން އަންނަ ޢުމުރުގެ ކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރު ކުރުމެވެ.
އެ ގޮތުން މި ދަތުރުގައި އެކުލެވިގެންވި ބައިތަކުގެ ތެރޭގައި ދިވެހިވަންތަ ސަގާފީ ކުޅިވަރުތައް ކުޅުމާއި ކުދިންނަށް އެ ފަދަ ކުޅިވަރުތައް ދަސްކޮށްދިނުމާއި ޒަމާނީ ކުޅިވަރު ކުޅުންވެސް ހިމެނެއެވެ. މީގެ އިތުރުން ގައުމީ ލޯބި އިތުރުކުރުމަށް ޓަކައި ގައުމީ ދިދަޔަށް އިޙްތިރާމްކުރަން ދަސްކޮށްދިނުންވެސް ހިމެނެއެވެ.
މި ދަތުރުގައި ހަމައެކަނި ރާވޭރުން ދަޑަށް ނިސްބަތްވާ 12 ޢާއިލާއަކުން 62 ބައިވެރީން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
ކުރިޔަށް އޮތްތަނުގައި ވެސް ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި މި ފަދަ ޙަރަކާތްތައް އެކި ތަންތަނުގައި ބޭއްވުމަށް ރާވަމުން އަންނަ ކަމަށް ފަތުޙުﷲ ވިދާޅުވިއެވެ
ޚިޔާލުތައް