A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: އެމްޑީޕީއިން ކުށްވެރިނުކުރި ކުއިލިއަމް އަކީ.!!!

މިދިޔަ ހަފުތާ ނިމެނިކޮށް މީޑިއާގެ ފަލަ ސުރުޚީގައި ލިޔެވިގެން ދިޔައީ ކުއިލިއަމް ކިޔާ ފިކުރެއްގެ ބަޔަކު ހިންގި ވޯކު ޝޮޕެއްގައި ދީނާއި ދެކޮޅު ވާހަކަތަކެއް ދެއްކި ވާހަކައެވެ. ނަމަވެސް، ބަޔަކު ލާދީނީ ކަމަށް ބުނަމުންދާ އެމްޑީޕީ އިން، ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ވާހަކަތައް ނުދެއްކުމަށް ބަޔާންނެރެ ސާބިތުކޮށްދިނުމަށް މަސައްކަތްކޮށްފައި ވަނީ ކުއިލިއަމް ފިކުރުގެ މީހުން އިސްލާމްދީނާއި ދެކޮޅު ވާހަކަތައް ނުދައްކާކަމަށެވެ. “މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަ” ކަމަށް އެމްޑީޕީއިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައިވެއެވެ. އަދި އެމްޑީޕީއަށް ކަމުނުދިޔައީ އެވާހަކަތައް ދެއްކި މީހުންނެވެ. “ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެން ރަޢުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމަޢު ފިތުނަ ކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ.” އެމްޑީޕީގެ ބަޔާނުގައިވެއެވެ. ނަމަވެސް، ކުއިލިއަމް ފިކުރަކީ އިސްލާމްދީނާއި ދެކޮޅު އެތައް ބަޔަކު ޚަރަދުކުރާ ފިކުރެކެވެ. އަދި އެފިކުރުގެ މީހުންދަނީ އިސްލާމްދީން ކަމަށްބުނެ އިސްލާމްދީނުގެ އަސާސްތަކާއި ދެކޮޅަށް ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.

ކުއިލިއަމް އިން ހިންގި ވޯކްޝޮޕުގައި އިސްލާމްދީނާއި ދެކޮޅު ވާހަކަތަކެއް ނުދައްކާ ކަމަށް ބުނެ އެވޯކުޝޮޕުގައި އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ދެއްކިކަމަށް ބުނެ ވާހަކަ ދައްކާ މީހުންނާއި ދެކޮޅަށް އެމްޑީޕީއިން މިހާ ހަރުކަށީ ބަޔާނެއް ނެރެފައިވާ އިރު އިސްލާމިކް މިނިސްޓްރީއިންވެސް ދަނީ އެމައްސަލަ ބަލަމުންނެވެ. އަދި އިސްލާމިކް މިނިސްޓްރީއިން މިކަމާއި ގުޅޭގޮތުން ބަހެއް ބުނެފައިނުވާއިރު ދިވެހި ދައުލަތުން އިސްލާމީ ކަންތައްތައް ބެލެހެއްޓުމަށް މަތިކޮށްފައިވާ ބަޔަކުގެ ބަހެއްނެތި އެމްޑީޕީއިން ބަޔާންނެރެ އެވާހަކަ ދައްކާ މީހުން ކުށްވެރިކުރާއިރު ކުއިލިއަމް އަކީ ކޮބައިކަން އެގެން ޖެހެއެވެ.

ކުއިލިއަމް އަކީ 2008 ވަނަ އަހަރު އިސްލާމީ ހަރުކަށި ވިސްނުމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށްބުނެ އުފެއްދި ފިކުރެއް ނަމަވެސް އެފަރާތުގެ މަސައްކަތާއިމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ހިޒުބު އައް ތަހުރީރު ޖަމާއަތާއިއެކު މަސައްކަތް ކޮށްފައިވާ މާޖިދު ނަވާޒާއި އެކު އެ ފިކުރު އުފެއްދުމަށް މަސައްކަތްކުރި އެހެން ހުރިހާ ފަރާތްތަކެއްގެ ނަންވެސް މިހާރުވަނީ އުނިކޮށްފައެވެ. މާޖިދު ނަވާޒާއިއެކު ފައުންޑަރުންގެ ގޮތުގައި މަސައްކަތްކުރި ފަރާތްތައް ވަކިވެގެން ދިޔައިރު އެޓީމާއި ގުޅިފައިވަނީ މުސްލިމުންނާއި ދެކޮޅަށް މަސައްކަތްކުރި ހައްދުފަހަނަޅާފައިވާ “އިންގްލޭންޑް ޑިފެންސް ލީގު”ގެ ލީޑަރު ޓޯމީ ރޮބިންސަން އާއި ކެވިން ކެރޯލްއެވެ. 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް މަގުމަތީ ހަރަކާތްތަކެއް ހިންގި އިންލޭންޑް ޑިފެންސް ލީގުން އިސްލާމްދީން ދީނެއްގެ ގޮތުގައި ސިފަނުކުރެއެވެ. އަދި އެބައިމީހުންގެ އިސްލާމްދީން ސިފަކުރަނީ ކަލްޓެއްގެ ގޮތުގައެވެ. އަދި އިސްލާމްދީން ހުޅަނގުން ފޮހެލުމަކީ އެބައިމީހުންގެ އަމާޒެވެ. މިއަމާޒަށް މަސައްކަތްކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި ޓޯމީ 2013 ވަނަ އަހަރު މިހާރު މަގުމަތީ ހަރަކާތްތައް ފަޑުވެއްޖެކަމަށް ބުނެ ކުއިލިއަމް އާއި ގުޅުމާއި ކުއިލިއަމްގެ ބައެެއް ފައުންޑަރުން އެ ފިކުރު ދޫކުރުމަކީ އިއްތިފާގެއްނޫނެވެ.

ކުއިލިއަމް އިން ގަސްދުގައި ދޮގު މައުލޫމާތު ހިއްސާކުރުމާއި ސައިންސްގެ އަލީގައި ސައްހަ ނުވާ ވާހަކަތައް ސައްހަކަމަށް ދެއްކުމަށް ދައްކާ ވާހަކަތަކާއި ގުޅިގެން އެބައިމީހުންގެ އަގުވެއްޓިފައި ވަނީ ހަމައެކަނި އިސްލާމީ ދުނިޔޭ ގައެއްނޫނެވެ. ހުޅަނގުންވެސް އެބައިމީހުން ބަލައެއް ނުގަނެއެވެ. ކުއިލިއަމްގެ ހަރަކާތްތަކަށް ފައިސާ ހޯދާގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެގޮތުން، އިގިރޭސި ސަރުކާރުން ގިނަ އަދަދެއްގެ އެހީ ހޯދާކަމަށް ވާހަކަ ދެކެވިފައިވާއިރު އިގިރޭސި ސަރުކާރާއި އެކު ކުއިލިއަމް އިން އެއްބަސްވެފައިވާ ސިއްރު ލިއުމެއްވަނީ ފަޅާއަރާފައެވެ. މިލިއުމުގައި އިގިރޭސިވިލާތުގައި ހަރަކާތްތެރިވާ ހައްދުފަހަޅާފައިވާ ފަރާތްތަކުގެ ލިސްޓެއް ވެސް ވަނީ ފަޅާއަރާފައެވެ. އެލިސްޓު ގައި މެދުމިނުގެ ފަރާތްތައް ވެސް ހިމަނާފައިވާތީ ގިނަ ފާޑުކިއުންތަކެއް ވެސް އަމާޒުވިއެވެ.

އިގިރޭސި ސަރުކާރުގެ އިތުރުން މުސްލިމުންނާއި ދެކޮޅު އެތައްބަޔަކު ކުއިލިއަމް އަށް ޚަރަދުކުރާކަމަށް ދެކެވޭ ވާހަކަތަކަކީ ހަމައެކަނި ޔޯލަވާހަކައެއްނޫނެވެ. އެގޮތުން، ސެމް ހެރިސް ކިޔާ އެމެރިކާގެ މުސްލިމުނާއި ދެކޮޅު ޑޮކުޓަރަކު 2014 ވަނަ އަހަރު 20 ހާސް ޕައުންޑު ކުއިލިއަމްއަށް ހޭދަކުރިކަން ފަޅާއެރިއެވެ. މީގެ އިތުރުން ކުރިސްޓިއަނުންނާއި ގުޅޭ ރިސާޗުތަކަށް ފަންޑުކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ޖޯންޓެމްޕަލްޓަން ފައުނޑޭޝަނުން ކުއިލިއަމްއަށް 2014 އިން ފެށިގެން 2017 އަށް ޚަރަދުކުރިކަން ވެސް ވަނީ ފަޅާއަރާފައެވެ. މީގެ އިތުރުން ޓައިމްސް ނޫހުން 2009 ވަނަ އަހަރު ހާމަކޮށްފައިވާ ގޮތުގައި އެކިއެކި ސަރުކާރުތަކުން 1 މިލިއަން ޕައުންޑް ކުއިލިއަމް ލިބިފައިވެއެވެ. މީގެ އިތުރުންވެސް އިސްލާމްދީނާއި ދެކޮޅު ހައްދުފަހަޅާފައިވާ ކަނާތުފިޔައިގެ ޖަމާއަތްތަކުން ކުއިލިއަމްއަށް ޚަރަދުކުރާކަން ވަނީ ފަޅާއަރާފައެވެ.

ކުއިލިއަމް އަކީ ހައްދުފަހަޅާފައިވާ މުސްލިމުންނާއި ދެކޮޅަށް އުފައްދާފައިވާ ތިންކު ޓޭންކެއްކަމަށް ބުނިނަމަވެސް އިސްލާމީ އުއްމަތް އިއްތިފާގުވެފައިވާ ގިނަ ކަންތައްތަކާއި ދެކޮޅަށް އެފަރާތުންވަނީ ވާހަކަދައްކާފައެވެ. އެގޮތުން، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރާ ފަރާތްތަކާއިއެކު ގުޅިގެން އެމަސައްކަތް ކުރާކަމަށް ކުއިލިއަމްގެ ވެބުސައިޓުގައިވެއެވެ.  އަދި އިސްލާމީ ގިނަ ހައްދުތަކާއި ދެކޮޅު ކުއިލިއަމްއަކީ އެމީހަކު ބޭނުންގޮތަކަށް އުޅުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައެކެވެ.

ލާދީނީ ކަމަށް ބަޔަކު މީހުން ސިފަކުރާ އެމްޑީޕީއިން ކުއިލިއަމް އިން ރާއްޖޭގައި ހިންގި ވޯކްޝޯޕު ކުށްވެރިނުކުރާއިރު ބިލާލު ފިލިޕްސް ގެނައުމާއި ދެކޮޅަށް އެމްޑީޕީގެ އިސްފަރާތްތަކުން ޓްވީޓްވެސް ކުރިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !