25 ޖެނުއަރީ 2020 ( ހޮނިހިރު )

ބައޯސްފިއަރ ރިޒާވް އާއި ގުޅޭ މަޝްވަރާތަކުގައި

ފުވައްމުލައް ސިޓީގައި ބައޯސްފިއަރ ރިޒަރވެއް ހަދަން މަޝްވަރާކޮށްފި

ފުވައްމުލައް ސިޓީ ބައޯސްފިއަރ ރިޒާރވް އަކަށް ހެދުމާއި ގުޅޭ ގޮތުން ތިމާވެއްޓާއި ބެހޭ މިނިސްޓްރީއާއި ފުވައްމުލައް ސިޓީ ކައުންސިލުން މަޝްވަރާކޮށްފި ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މި މަޝްވަރާތަކުގައި ސިޓީ ކައުންސިލުގެ ފަރާތުން ބައިވެރިވި އިސްފަރާތަކީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު އެވެ.

މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި ވަނީ މާލޭ ސިޓީގައި، ތިމާވެއްޓާ ބެހޭ މިނިސްޓްރީގައެވެ. މަޝްވަރާތަކުގެ ތަފުސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

މި މަޝްވަރާ ބައްދަލުމުމުގައި އައްޑޫ ސިޓީގައި ވެސް ބައޯސްފެއަރ ރިޒާވެއް ގާއިމުކުރުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވިފައި ވެއެވެ.

މިހާރު ރާއްޖޭގައި ބައޯސްފިއަރ ރިޒާރވެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބ.އަތޮޅުގެ ސަރަހައްދެކެވެ. އެއީ މީގެ 8 އަހަރުން ކުރިން އެމްޑީޕީގެ ސަރުކާރުގައި ކަނޑައެޅި ސަރަހައްދެކެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައޯސްފިއަރ ރިޒާވް ތަކެއް ގާއިމުކުރުމަށް މިސަަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ވެއެެވެ.

ފުވައްމުލައް ސިޓީއާއި އާއްޑު ސިޓީގައި ބަޔޮސްފިއާ ރިޒާވްތަކެއް ކަނޑައަޅަން މި އަހަރުގެ ސެޕްޓެމްބަރުގައި ހުށަހަޅަން ނިންމައިފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައި ވެއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުން ކުރިމަގުގައި ރާއްޖޭގެ އެހެން އަތޮޅުތައް ވެސް ބަޔޮސްފިއާ ރިޒާރވްގެ ގޮތުގައި ތަންތަން ކަނޑައަޅަން ހުށަހަޅާނެ އެވެ. އެގޮތުން “މުސްތަގުބަލުގައި ދިވެހި ރާއްޖެ އޮންނާނީ ނެޓްވޯކެއް ގޮތަށް ބަޔޮސްފިޔާތަކުން ގުޅިފައި،”  ކަމަށް ޑރ. ހުސައިން  ‘މިހަރު’ ނޫހަށް ވިދާޅުވެފައި ވެއެވެ.

ބައޯސްފިއަރ ރިޒާވް އާއި ގުޅޭ މަޝްވަރާތަކުގައި ފވމ ސިޓީ ޑ.މޭޔަރ ޟިރާރު ވާހަކަ ދައްކަވަނީ

ބައޯސްފިއަރ ރިޒާވްއަކީ އެސަރަހައްދެއްގެ ތިމާވެށި ހިމާޔަތްކޮށް ދިރުންތައް އާލާވުމަށާއި ދެމެހެއްޓުމަށް ފުރުސަތު ދިނުމުގެ ގޮތުން ހިމާޔަތްކުރެވޭ ވަކި ސަރަހައްދެކެވެ.

ޔުނެސްކޯ (ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަން، ސައިންސް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން) އިން ކަނޑައަޅާ ބައޯސްފިއާ ރިޒާވްތަކަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށާއި ބައޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދަން ކަނޑައަޅާ ކަނޑު އަދި ބިމުގެ އީކޯސިސްޓަމްތަކެވެ. ބައޯސްފިއާ ރިޒާވެއް ގޮތުގައި ތަނެއް ކަނޑައަޅާނީ އެތަނުގައި ޔުނެސްކޯއިން ކަނޑައަޅާ ވަކި ޝަރުތުތައް ފުރިހަމަވާ ނަމަ އެވެ.

ބައޯސްފިއާއެއްގެ ގޮތުގުގައި ތަނެއް ކަނޑައަޅައި އެތަންތައް ބަލަހައްޓާނީ އެ ގައުމެއްގެ ސަރުކާރުއަކުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގަިއ މިގޮތަށް ކަނޑާއި އެއްގަމުގެ ވަކި ސަރހައްދުތަކެއް ބައޯސްފިއަރގެ ގޮތުގައި ކަނޑައަޅާފައި ހުރެއެވެ. ދުނިޔޭގެ ބައޯސްފިއާ ރިޒާރވް އެންމެ ގިނަ ސްފެއިންގައި 49 ތަނެއް ހަމަޖައްސާފައި ވާއިރު މެކްސިކޯގައި ބައޯސްފިއާ ރިޒާވްގެ ގޮތުގައި 45 ސަރަހައްދެއް އަދި ރަޝިއާގައި 42 ސަރަހައްދެއް ކަނޑައަޅަފައި ވެއެވެ.

ފުވައްމުލައް ސިޓީން ބައޯސްފިއަރ ރިޒާރވަކަށް ކަނޑައަޅާނީ ކެޑެމޫލެ ފަރު ހެއްޔެވެ؟ ނޫނީ ތުނޑީ ސަރަހައްދު ހެއްޔެވެ؟ ނޫނީ ކިޅިތަކާއި ގުޅިގައިވާ ޗަކަ ބިންތައް ހެއްޔެވެ؟


ކިޔުންތެރިންގެ ޚިޔާލު