ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ޔުނެސްކޯ ފުވައްމުލައް ބައޯސްފެއާ ރިޒާވް އެޑްވައިޒަރީ ކޮމެޓީއެއް އެކުލަވާލަން ފުވައްމުލައް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.
އެކި ދާއިރާތަކުން މެމްބަރުން ހޮވާގޮތަށް ހަމަޖެހިފައިވާ މި އެޑްވައިޒަރީ ކޮމެޓީގައި މުޅިއެކު ހިމެނެނީ ކިތައް މެމްބަރުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މެމްބަރުން ހޮވުމަށް ކަނޑައަޅާފައި ވަނީ 7 ދާއިރާއިން ކޮންމެ ދާއިރާއަކުން 1 މެމްބަރެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން އަދި ފުވައްމުލަކު ނޭޗާޕާކުން މިކޮމެޓީގައި ތިއްބަވާނީ ކިތައް މެމެބަރުންނެއް ކަމެއް އެނގޭކަށެއް ނެތެވެ.
މި އެޑްވައިޒަރީ ކޮމެޓީގެ ބޭނުމަކީ ބައޮސްފެއާ ރިޒާވެއްގައި ހުންނަންޖެހޭ ސިފަތައް ހާސިލުކުރުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅައި، ގޮތް ނިންމުމުގައި އަދި ތަންފީޒުކުރުމުގައި ގުޅުންހުރި ފަރާތްތަކުގެ ބައިވެރިވުމާއި ލަފާ ހޯދުމާއިއެކު؛
އަތޮޅު ނުވަތަ ސިޓީ ފެންވަރުގައި “މޭން އެންޑް ބައޯސްފެއާ” ޕްރޮގްރާމުްގެ ލަނޑުދަނޑިތަކާއި މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ ކަންކަމަށް ލަފާދީ ކޯޑިނޭޓްކުރުމާއި؛
ދުޅަހެޔޮ މުޖުތަމިއެއް ބިނާކުރުމަށްޓަކައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ދެމެހެއްޓެނި ގޮތެއްގައި ތަރައްގީކޮށް، އެތަންތަނުން މަންފާ ހޯދޭނޭ މަގުފަހިކޮށް، އިގުތިސާދު ކުރިއެރުވުމެވެ.

ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ކަނޑައެޅި ފުވައްމުލައް 3 ސަރަހައްދު. 28 އޮކްޓޯބަރު 2020
ޔުނެސްކޯ ފުވައްމުލައް ބައޯސްފެއާ ރިޒާވްއަށް އެޑްވައިޒަރީ ކޮމެޓީއެއް ހޮވަން ބާއްވާ ފުރަތަމަ ބައްދަލުވުން މިއަދު، 6 މޭ 2022 ވާ ހުކުރު ދުވަހު ހަވީރު 4:00 ގައި ބޭއްވުމަށް ވަނީ ތާވަލް ކުރެވިފައެވެ. މިބައްދަލުވުންތައް ބާއްވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ ކުރުނދުމާ މާލަމުގައެވެ. މިއަދުގެ ހަވީރުގެ ބައްދަލުވުން ޚާއްސަކުރެވިފައި ވަނީ މަސްވެރިކަމުގެ ދާއިރާއަށެވެ.
މިކަމާއި ގުޅޭ ފުވައްމުލައް ސިޓީ ކައުންސިލްގެ އިއުލާން
މިރޭ 8:30ގައި ބާއްވާ ދެވަނަ ބައްދަލުވުން ޚާއްސަކޮށްފައި ވަނީ ދަނޑުވެރިކަމުގެ ދާއިރާއަށެވެ.
ދާއިރާއަކު 1 ބައިވެރިއަކު އެޑްވައިޒަރީ ކޮމެޓީގައި ހިމެނުނު ނަމަވެސް 2 ވަނަ މެމްބަރަކު ވެސް ހޮވާގޮތަށް ހަމަޖެހިފައި ވެއެވެ. އެއީ ފުރަތމަ ހޮވޭ ބައިވެރިޔާއަށް ބައްދަލުވުމުގައި ބައިވެރިނުވެވޭނަމަ ބަދަލުގައި ބައިވެރިވާނެ ފަރާތެއްގެ ގޮތުންނެވެ.
މާދަމާ 7 މޭ 2022 ވާ ހޮނިހިރު ދުވަހުވެސް ދެބައްދަލުވުން ރޭގަނދަށް ތާވަލުކުރެވިފައި ވެއެވެ.
7 މޭ – ރޭގަނޑު 20:30 – ގެސްޓްހައުސް އަދި ހޯމްސްޓޭ
7 މޭ – ރޭގަނޑު 21:15 – ޑައިވް ސެންޓަރުތައް
8 މޭ – ރޭގަނޑު 20:30 – ޖަމްއިއްޔަތައް
9 މޭ – ހެނދުނު 10:00 – ދިވެހި ބޭސްވެރިކަން
9 މޭ – ހެނދުނު 11:00 – ސަގާފަތާއި އާސާރި ތަރިކައިގެ ދާއިރަ

ފުވައްމުލައް ކިޅި ސަރހައްދު ގައި ހަދާފައިވާ ބޯޑްވޯކް އަދި ހަޓެއް -ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ވެގެން ދަނީ
މިއެޑްވައިޒަރީ ކޮމެޓީއަކީ 2020 ވަނަ އަހަރު އޮކްޓޯބަރު މަހު 28 ވަނަ ދުވަހު ފުވައްމުލައް ސިޓީ އަކީ ޔުނެސްކޯގެ ބައޯސްފެއާ ރިޒާވަކަށް ކަނޑައެޅުމާއި ގުޅިގެން އެކުލަވާލަން ޖެހޭ ކޮމެޓީއެކެވެ.
މިކޮމެޓީގައި ހިމެނުމަށް ދާއިރާތަައް ކަނޑައަޅާފައި ވަނީ ފުވައްމުލައް ބައޯސްފެއާ ރިޒާވްއާއި ގުޅޭގޮތުން ގޮތްނިންމައި ލަފާ ހޯދުން މުހިންމު ކަމަށް ފުވައްމުލައް ސިޓީ ކައުންސިލަށް ފެންނަ އިދާރާއެއް ނުވަތަ ދާއިރާތަކެވެ.
ޚިޔާލުތައް