A wide advertisement which will be shown on all devices. (700 x 100)

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު ފުރަތަމަ ފަހަރަށް އިއުލާންކޮށްފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މީގެ އިތުކޮޅެއްކުރިން އިއުލާން ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މީއި ޤާނޫނު ނަމްބަރު 7/2012 އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެކެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮރޯނާ ރޯގާ ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދޭ ކަމަށެވެ. އަދި މިވަގުތު މަސައްކަތްކުރަމުން އަންނަނީ މި ރޯގާ ކޮންޓްރޯލްކުރުމަކީ އެންމެ އިސް ވާޖިބު ކަމަށް ދެކިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަމީން ވިދާޅުވީ މިއީ ރާއްޖޭގައި ރޯގާގެ ހާލަތު އޮތް މިންވަރަށް ބަދަލެއް އައުމުގެ މައްޗަށް ބިނާވާ ނިންމުމެއް ނޫން ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ރޯގާގެ ހާލަތު ގޯސްވަމުން ދާތީ ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުވާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ރާއްޖެއަން ކްރޯނާވައިރަސް ފެނުމާއި ގުޅިގެން ރާއްޖޭގެ ޙާލަތު ވަނީ އެލާރޓް ލެވެލް 2 ޔެލޯއަށް ޖައްސާފައެވެ. އިއްޔެއާއި ހަމަޔަށް ރާއްޖެއިން ވަނީ ކްރޯނާވައިރަސް އަށް 8 މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ މުޅިން ވެސް ރިޒޯޓުގައި ތިބި ބިދޭސީންނެވެ.

މިއަދު ހެލްތު އިމާޖެންސީ އިއުލާންކުރި އިރުވެސް މިލެވެލް އަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް ހެލްތު އިމާޖެންސީ އިއުލާން ކުރީ މިބަލި ރާއްޖެއާއި ކައިރި އެހެން ގައުމުތަކުގައި ފެތުރޭ ނިސްބަތް އިތުރުވުމާއި އަދި ދުނިޔޭގައި ވެސް ބަލި ފެތުރޭ މިންވަރު އިތުރު ވެގެން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް، ވަޒީރު އިއުލާނުކޮށްފި ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ. އެގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ؛

– ބައްޔަކުން ރައްކާތެރިވާން ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.

– ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުން ހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.

– ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމުގެ އަމުރު ނެރުން

– ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެ ނޫޅުމަށް އެންގުން.

– ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.

– އެއްގަމު މަގުންނާއި ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން

ރާއްޖެއިން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކުރެއްވިއިރު، މިބައްޔާއި ގުޅޭ ގޮތުން އަވަސް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ބުނެފައެވެ. އަދި މިރޯގާއަކީ ބައިނަލްއަގްވާމީ “ޕެންޑަމިކް” އެއް ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ކަނޑައަޅައިފިއެވެ. “ޕެންޑަމިކް”އަކީ އަލަށް އުފެދިގެން މުޅި ދުނިޔެއަށް ފެތުރި ަކންބޮޑުވެފައިވާ ފަރުވާއެއް ނެތް ބައްޔެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !