10 އޭޕްރީލް 2020 ( ހުކުރު )

banner

ތަތާރުންގެ އެރުމާއި ވެއްޓުން (އަށްވަނަ ބައި)

ތަތާރުންގެ އާލީޑަރު އައްޔަންވުމާއި ހަގުރާމަތައް އަލުން ފެށުން
ހިޖުރީ ސަނަތުން 649 ވަނަ އަހަރު ތަތާރުން އެބައިމީހުންގެ އާލީޑަރެއްގެ ގޮތުގައި މެންކޫ ޚާން އިސްކުރިއެވެ. މެންކޫ ޚާން ލީޑަރުކަމަށް އިސްކުރުމާއިއެކު އޭނާގެ ތިންބެއިން ތިން ސަރައްހަދުގެ ކޮމާންޑަރުންގެ ގޮތުގައި އައްޔަންކުރިއެވެ. އެގޮތުން، އޭޝިއާގެ ހުޅަނގުގެ ބިންތައް ހިފުމަށް ހަވާލުކުރެވުނީ ހުލާގޯ އާއިއެވެ. ދުނިޔޭގެ އެންމެ ބިޔަ ޝަހަރު، މުސްލިމުންގެ ޒަމާންވީ ޚިލާފަތް ބިމާއި ހަމަކުރުމަށް ހުލާގޯ މަސައްކަތްފެށިއެވެ. އަވަސް އަރުވާލައިފައި އައްބާސީންނަށް ހަމަލާ ދިނުމުގެ ބަދަލުގައި ހުލާގޯ ޚިޔާރުކުރީ ފުރިހަމައަށް ތައްޔާރުވުމަށްފަހު އައްބާސީންނާއި ހަމަލާދިނުމަށެވެ. ހުލާގޯގެ ތައްޔާރީތަކަށް ފަސް އަހަރު ނެގި ކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ހަގުރާމައިގެ ތައްޔާރީތައް
ހުލާގޯ ލަޝްކަރު ތައްޔާރުކުރީ ހަމައެކަނި ހެވިކަމާއި ރޭވުންތެރިކަމުގެ ތައްޔާރީތަކަށް އެކަންޏެއްނޫނެވެ. މޮންގޯލިއާއިން އިރާގަށް ދެވޭނެ މަގު ތަނަވަސްކުރުންފަދަ އުމްރާނީ ތައްޔާރީތަކާއި ސިޔާސީ ތައްޔާރީތަކުގެ އިތުރުން ޕްރޮޕެގަންޑާތައް ވެސް ކުރިއަށް ގެންދިޔައެވެ.

އުމްރާނީ ތައްޔާރީތައް
ތަތާރުންގެ ބިޔަ ލަޝްކަރަށް ފަސޭހައިން މޮންގޯލިއާއިން އިރާގަށް ދާނެ މަގުތައް ހެދިއެވެ. އަދި ކޯރުތައް ފަސޭހައިން ހުރަސްކުރުމަށް ބޭނުންވާ ބްރިތައް ތައްޔާރުކުރިއެވެ. މީގެ އިތުރުން، އިރާގުގެ ކިއްލާތަކާއި ރަށްތައް ހިސާރުކުރުމަށް ބޭނުންވާ އާލާތްތައް ތައްޔާރުކުރިއެވެ. އަދި ތަތާރުންގެ ލަޝްކަރު ދަތުރުކުރާނެ މަގުތަކުން ޖަނަވާރުންތައް ދުރާލާ ފައްސާލިއެވެ. ޖަނަވާރުންތައް ފައްސާލުމުގެ ސަބަބުން އެ ލަޝްކަރުގައި ބޭނުންކުރާ އަސްތައްފަދަ ޖަނަވާރުތަކަށް ބޭނުންވާ ފައްޕިލާވެލި އެ ލަޝްކަރު ދަތުރުކުރާ މަގުމަތިން ހޯދަން ފަސޭހަވެގެން ދިޔައެވެ.

ސިޔާސީ ތައްޔާރީތައް
ތަތާރުން އައްބާސީ ޚިލާފަތަށް ހަމަލާދޭން ރާވަމުންދިޔައިރު އައްބާސީ ޚިލާފަތް ވަށައިގެންވަނީ މުސްލިމު ބިންތަކެވެ. މުސްލިމު ވެރިކަންތަކެވެ. ތަތާރުން ދަތުރުކުރަން އޮތް މަގު ދިގުކަމާއި ވަށައިގެންވާ މުސްލިމު ވެރިކަން ތަކުގެ ސަބަބުން ސިޔާސީ އެއްބާރުލުން ތަކެއް ތަތާރުންނަށް ކޮންމެހެންވެސް ބޭނުންވެއެވެ. އެހެންކަމުން، ހުލާގޯ ނިންމީ ތަތާރުންނަށް އައިސްދާނެ ހަމަލާއަކުން ސަލާމަތްވުމަށް މަދަދުވެރިންތަކެއް ނުވަތަ ތަތާރުންނާއި ހަމަލާނުދޭނެ ކަމުގެ ޔަގީންކަމެއް ވަށައިގެންވާ ވެރިކަންތަކުން ހޯދުމެވެ. އެގޮތުން، އަރުމީނިއާ އާއި ހެތަމްގެ ރަސްކަމުންނާއިއެކު ތަތާރުން އެއްބަސްވުންތަކެއް ގާއިމުކުރިއެވެ. މީގެ އިތުރުން، މޫސަލްގެ ވެރިކަމުގައިވާ މުސްލިމު ރަސްގެފާނާއިއެކުވެސް އެފަދަ އެއްބަސްވުމެއް ގާއިމުކުރިއެވެ. މޫސަލްގައި އޭރު ވެރިކަން ކުރަމުންއައީ އައްޔޫބީންނެވެ. އެއީ ސަލާހުއްދީން އައްޔޫބީފަދަ ބައެއްނޫނެވެ. ނަމަވެސް އެއީ ސަލާހުއްދީނަށް ކާފަ ވިދާޅުވާ އައް ނާސިރު ޔޫސުފެވެ. ނާސިރު އޭނާގެ އުފަން ދަރިއަކު ތަތާރުންނާއިއެކު އިރާގު ހިފުމަށް ފޮނުވިއެވެ.

ހުލާގޯގެ ސިޔާސީ މަސައްކަތް މިހިސާބުން ނިންމާލީކީނޫނެވެ. ޚުދު ބަޣުދާދުގެ ކިއްލާތެރެއަށްވެސް ނުފޫޒުފޯރުވިއެވެ. އެގޮތުން، ޚަލީފާގެ އިސްވަޒީރު ނުވަތަ ބޮޑު ވަޒީރު އިބު އަލްގަމީއާއިވެސް ގުޅުން ބާއްވަމުން ގެންދިޔައެވެ. އިބުނު އަލްގަމީ ތަތާރުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުންގެންދިޔައެވެ.

ޕްރޮޕެގަންޑާތައް ހިންގުން
ތަތާރުންގެ ބާރުގަދަކަން ދެއްކުމާއި އެބައިމީހުންނަކީ ހަގުރާމަތަކުން ބަލިނުވާނެ ބައެއްކަން ދައްކައި އެހެން މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމުގެ އެތައް ޕްރޮޕެގަންޑާއެއް ހިންގިއެވެ. މީގެ އިތުރުން އައްބާސީންގެ ބާރުދެރަކަމާއި އެބައިމީހުންގެ އާރެއްބާރެއް ނެތްކަން ދެއްކުމުގެ ކެންޕޭނުތައްވެސް ކުރިއެވެ.

ލަޝްކަރު އެއްކުރުން
އައްބާސީ ދައުލަތުގެ މައިމަރުކަޒު ކަމަށްވާ ބަޣުދާދު ހިސާރުކުރުމަށް 2 ލައްކަ ތަތާރުންގެ ބިޔަ ލަޝްކަރެއް ތައްޔާރުކުރިއެވެ. އަދި ރަޝިއާގައިވާ ތަތާރުންގެ ލަޝްކަރުން ބަޔަކުވެސް ގެނައެވެ. އަދި އަރުމީނިއާގައި އެބައިމީހުންނަށް ބައިއަތު ހިފާފައިވާ ރަސްގެފާނަށްވެސް ގޮވާލިއެވެ. މީގެ އިތުރުން ސީނުކަރައިން ދުނިދަޑިއަށް ހުށިޔާރު ފަހުލަވާނުންވެސް ގެނައެވެ.

އިސްމާއީލީންގެ ކުރިމަތިލުން
ތަތާރުންގެ ބިޔަ ލަޝްކަރު ބަޣުދާދަށް ހަމަލާދިނުމުގެ ކުރިން އިތުރު ނުރައްކަލަކާއި ދިމާވިއެވެ. އެއީ އިރާނުގެ ކުޑަ ކުޑަތަންކޮޅެއް ކޮންޓްރޯލް ކުރަމުން ގެންދިޔަ ޝީއައީންގެ ހައްދުފަހަނަޅާފައިވާ ފިގުރާއެއްކަމަށްވާ އިސްމާއީލީންގެ ދެމެދު ކުރެވުނު ހަގުރާމައެވެ. މިހަގުރާމައަށް ތަތާރުން ނިކުންނަން ޖެހުނީ ތަތާރުންގެ ލަޝްކަރުގެ ކޮމާންޑަރަކަށް އިސްމާއީލީން ހަމަލާދިންކަމަށް ބުނެއެވެ. އިސްމާއީލީންނަކީ އަދަދުގެ ގޮތުން މަދުބައެއް ނަމަވެސް ހިތްވަރުގެ ގޮތުން ވަރުގަދަ ބަޔަކަށްވާތީ ތަތާރުންނަށް އިސްމާއީލީން ބަލިކުރެވުނީ ގާތްގަޑަކަށް އަހަރެއްހާ ދުވަސްތެރޭގައެވެ.

އިސްމާއީލީން ބަލިކުރުމަށްފަހު ބަޣުދާދުގެ އިރުން 450 ކިލޯމީޓަރު ދުރުގައިވާ މިހާރުގެ އީރާނުގެ ހަމަދާންގައި ހުލާގޯ މަޑުކުރިއެވެ. ހުލާގޯ ހަމަދާންގައި މަޑުކުރުމުގެ ބޭނުމަކީ ބަޣުދާދަށް ހަމަލާދިނުމުގެ ހުރިހާ ރޭވުންތައް ރޭވުމަށާއި އެންމެފަހުގެ ތައްޔާރީތައްވުމަށެވެ. އެއަށްފަހު ބަޣުދާދުގެ ޚަބަރުތައް ހޯދުމަށް އޭނާގެ ސިއްރު އޭޖެންޓުން ފޮނުވިއެވެ.

ބަޣުދާދުގެ ހާލަތު
ތަތާރުން ބަޣުދާދަށް ހަމަލާދިނުމަށް ރާވަމުންދާ ރޭވުންތަކަށް ބަޣުދާދުން އެއްވެސް ވަރަކަށް ތައްޔާރެއްނުވެއެވެ. ވެރިކަން ހިންގުމުގެ މުހިންމު ބާރުތައް މުށުތެރެއަށް ލައިގެން ހުރީ ބޮޑު ވަޒީރު އިބުނު އަލްގަމީއެވެ. އިބުނު އަލްގަމީ ވަނީ ވެރިކަން ގާތްގަޑަކަށް ހިސާރުކޮށްފައެވެ. ބަޣުދާދުގެ ދުރުވިސްނޭ ބޮޑުންގެތެރެއިން ބަޔަކަށް އިބުނު އަލްގަމީގެ މިނުބައި ހީލަތްތެރި ރޭވުންތައް އެގި ހެކިތަކާއިއެކު ޚަލީފާއަށް ހުށަހެޅިއެވެ. ނަމަވެސް، ތަޖުރިބާ މަދު ޚަލީފާއަށް މިކަމުގައި ކުރިއަށްދާނެ ގޮތެއް އެގިއެއްނުލެއްވިއެވެ. ޚަލީފާއަށް ވިސްނުނީ އެންމެ ރަގަޅު ގޮތަކީ ޝަކުވާތައް ރަގަޅުތޯ ބެލުމަށް އިބުނު އަލްގަމީއާއި ސުވާލުކުރުމަށެވެ. އިބުނު އަލްގަމީއާއި ސުވާލުކުރެވުމާއިއެކު އެއީ އޭނާ އާއި ދެކޮޅަށް ރާވާފައިވާ އަސްލެއްނެތް ޒާތީ ޝަކުވާއެއްކަމަށް ބުނެ އޭނާގެ ވަފާތެރިކަން ކަށަވަރުކޮށްދިނެވެ. އެއާއިއެކު ޚަލީފާ އިބުނު އަލްގަމީ ބަސް ގަބޫލުކޮށް އެމައްސަލަ އިތުރަށް ކުރިއަކަށް ނުގެންދެއެވެ. އިބުނު އަލްގަމީ މިލިބުނު ފުރުސަތުގެ ބޭނުން ހިފާ އޭނާ ބާރު އިތުރަށް ވަރުގަދަކޮށް ޚަލީފާއަށް މައުލޫމާތު އަންނާނެ ހުރިހާ ދޮރެއް ބަންދުކުރިއެވެ. އަދި ޚަލީފާ ކުޅިވަރާއި މަޖަލުގައި މަޝްއޫލުކުރުވިއެވެ. މިކަމުގެ ސަބަބުން ޚަލީފާއަށް ލިބެމުން ދިޔައީ މުޅިންވެސް އިބުނު އަލްގަމީ ދެމުންދިޔަ މައުލޫމާތު އެކަންޏެވެ.

ޚަލީފާގެ ދަރިކަމުން އަބޫބަކުރު އިބުނު އަލްގަމީއަށް އެއްފަހަރަކު ފާޑުކިޔުނެވެ. މިއަޑުއިވި އިބުނު އަލްގަމީ ޚަލީފާއަށް މައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް ޚަލީފާ މިކަމާއި އަޅާނުލެއްވުމުގެ ސަބަބުން އިބުނު އަލްގަމީ ހިތްހަމަނުޖެހުނެވެ. އަދި އޭނާއަށް އޭނާއަކީ އައްބާސީނަށްވުރެ ދަށްފަންތީގެ މީހެއްގެ ގޮތުގައި އައްބާސީން ދެކޭކަމުގެ އިހުސާސްވިއެވެ. މިކަމާއި ހިތްހަމަނުޖެހި ތަތާރުން ގުޅުން އުފެއްދިއެވެ. އަދި ބަޣުދާދުގައިވާ އައްބާސީންގެ ވެރިކަން ވައްޓާލަން އެހީތެރިވެދޭނެކަމަށް ބުނެ ތަތާރުންނަށް ތަތާރުންނަށް ހުށަހެޅިއެވެ. އިބުނު އަލްގަމީގެ މަގްސަދަކަށްވެފައިވަނީ އައްބާސީންގެ ވެރިކަން ވައްޓާލާ ބަޣުދާދުގައި އޭނާގެ ފުރިހަމަ ވެރިކަމެއް ގާއިމުކުރުމެވެ.

އިބުނު އަލްގަމީގެ މިދައުވަތު ލިބުމާއިއެކު ހުލާގޯ އިބުނު އަލްގަމީގެ ވަފާތެރިކަމާއިމެދު ސުވާލު އުފެއްދިއެވެ. އަދި އޭނާގެ ވަފާތެރިކަން ދެއްކުމަށް އެދުނެވެ. މިކަމާއި ގުޅިގެން އިބުނު އަލްގަމީ ނުބައި ހީލަތްތެރި ރޭވުމެއް ރާވުމަށްފަހު ޚަލީފާއަށް ދެންނެވިއެވެ. ބަޣުދާދުގެ ސިފައިން މުސާރަބޮޑުކުރުމަށް އެދެމުން އެބައެވެ. އެބައިމީހުންނަށް މުސާރަބޮޑުނުކުރެއްޖެނަމަ ހަޅުތާލުކުރާނެއެވެ. އަދި ބައިތުލްމާލުގައި އެބައިމީހުންނަށް މުސާރަބޮޑުކުރާނެ ފައިސާއެއްނެތެވެ. ވީމާ ލަޝްކަރު މަދުކޮށް ބާކީ ތިބިބަޔަށް މުސާރަ ބޮޑުކޮށްދިނުންއެދި ހުށަހެޅިއެވެ. ޚަލީފާ މިވަނީ ކީއްތޯ ބެލުމެއްނެތި އިބުނު އަލްގަމީގެ މިހުށަހެޅުން ގަބޫލުކޮށް އެގޮތަށް ނިންމެވިއެވެ. އަދި މިކަން ތަންފީޒުކުރުމަށް ފަހު އިބުނު އަލްގަމީ ހުލާގޯއަށް މިމައުލޫމާތު ފޯރުކޮށް ދިނުމަށްފަހު ދެންނެވީ މިހާރު ބަޣުދާދުގެ ސިފައިންގެ ލަޝަކަރު ވާނީ ކުޑަކޮށްފައިކަމަށާއި މިއީ ތަތާރުންނަށް ބަޣުދާދަށް އެރުމަށް މަގުފަހިކުރުމަށް ކުރިކަމެއްކަމަށެވެ.

ބަޣުދާދަށް ހަމަލާދިނުން
ބަޣުދާދަށް ހަމަލާދިނުމަށް ހުލާގޯ އޭނާގެ ލަޝްކަރު ތިންބަޔަކަށް ބަހާލިއެވެ. އޭގެތެރެއިން ފުރަތަމަ ލަޝްކަރު ސީދާ ހުލާގޯގެ ބެލުމުގެ ދަށުން ބަޣުދާދުގެ އިރުން ހަމަލާދިނުމަށް ތައްޔާރުވިއެވެ. މިއީ ތަތާރުންގެ ލަޝްކަރުގެ ހިތެވެ.
ދެވަނަ ލަޝްކަރު ހަމަލާދިނުމަށް ތައްޔާރުކުރީ ބަޣުދާދުގެ ދެކުނުންނެވެ. އަދި ތިންވަނަ ލަޝްކަރު ހަމަލާދިނުމަށް ނިންމީ ބަޣުދާދުގެ ހުޅަނގު އުތުރުންނެވެ.
(ނުނިމޭ)ކިޔުންތެރިންގެ ޚިޔާލު