A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (އެގާރަވަނަ ބައި)

މަމްލޫކުން ވެރިކަން އުފެދުން

މަމްލޫކުންނަކީ އަޅުންގެ ބާޒާރުން މުއްސަދިން އެބައިމީހުންގެ ކަންތައްތަކުގައި އެހީތެރިވެދިނުމަށް ގަނެފައިވާ މީހުންނެވެ. މަމްލޫކުން ގެންގުޅެން ފަށާފައިވަނީ އައްބާސީ ޚަލީފާ އަލްމައުމޫނުގެ ވެރިކަމުގައެވެ. ޚަލީފާ އަލް މައުމޫނުގެ ވެރިކަމުގައި ޚަލީފާއަށް ވަފާތެރި ލަޝްކަރެއް މަމުލޫކުން ބޭނުންކޮށްގެން ބިނާކުރިއެވެ. މިސުރުގައި މިއާދަ ނަޖުމުއްދީން އައްޔޫބު ގެންގުޅުއްވިއެވެ. ނަޖުމުއްދީން ސަލީބީއިންނާއި ހަގުރާމަކުރެއްވުމަށް މަމުލޫކުން އެހީތެރިކަން ހޯއްދެވިއެވެ. އަދި ނަޖުމުއްދީން އައްޔޫބު މަމުލޫކުންނާއިމެދު ކައްތައްތައް ކުރައްވަމުން ގެންދެވީ އަޅުންނާއި މެދު ކަންތައްތައް ބަލަހައްޓާ ފަދައަކުންނެއްނޫނެވެ. ނަޖުމުއްދީން މަމުލޫކުން މިލްކުކުރައްވަނީ އެބައިމީހުންގެ ޒުވާން ދުވަސްވަރުގައި އަދި އެކުދިން ގެންގުޅުއްވީ ދަރިން ގެންގުޅުއްވާ ބީދައިންނެވެ. އެހެންކަމުން، މަމުލޫކުން ވެގެންދިޔައީ ނަޖުމުއްދީނަށް ވަފާތެރި ބައެއްގެ ގޮތުގައެވެ.

އެދުވަސްވަރު ދިމިޝްގުގައި ވެރިކަން ކުރަމުން ގެންދިޔައީ ނަޖުމުއްދީނު އައްޔޫބީ ނިސްބަތްވާ ސަލާހުއްދީނުލް އައްޔޫބީގެ ޚާންދާނުގެ ބޭފުޅުންނެވެ. ނަމަވެސް، ދިމިޝްގާއި މިސްރާއި ދޭތެރޭ އޮތީ ދުޝްމަން ކަމެވެ. ދިމިޝްގުގައި ވެރިކަން ކުރައްވަމުން ގެންދެވި އިސްމާއީލު އޭނާގެ އާއިލާގެ ނަޖުމުއްދީނު ވެރިކަން ކުރައްވަމުން ގެންދެވި މިސްރު ހޯދުމަކީ އަމާޒެކެވެ. އެއަމާލަށް ވާސިލުވުމަށް ސަލާހުއްދީނު އައްޔޫބީ މިނިވަންކުރި ފަލަސްތީނުގެ ބިމުން ސަލީބީއިންނަށް ޖާގަދިނެވެ.

ނަޖުމުއްދީނު އައްޔޫބީ ވިޔަފާރި އުސޫލުން ޚަވާރިޒަމުގެ ހަގުރާމަވެރިން މިސްރަށް ގެނެސް ހިޖުރީ ސަނަތުން 642 ވަނަ އަހަރު ޣައްޒާ ގައި ސަލީބީންނާއި ވަރުގަދަ ހަގުރާމައެއްކުރިއެވެ. އެހަގުރާމައިގައި ސަލީބީންގެ ވެރިއަކަށްހުރި ލުއިސް 9 ބަލިވިއެވެ. އެއަށްފަހު ނަޖުމުއްދީނު ސަލާހުއްދީނުއް އައްޔޫބީ ސަލީބީންގެ އަތުން މިނިވަންކުރެއްވި މަސްޖިދުލް އަގުސާ އަލުން ސަލީބީންގެ އަތްދަށުން މިނިވަން ކުރެއްވިއެވެ. ނަޖުމުއްދީނުގެ މަސްޖިދުލް އަގުސާ މިނިވަންކުރެއްވި ފަހުން އެބިން މުސްލިމުންގެ ބާރުގެ ދަށުން ގެއްލިގެން ގޮސްފައިވަނީ 20 ވަނަ ގަރުނުގައި އިޒުރޭލު އުފެދި އެބައިމީހުން އެތަނަށް ވެރިވިފަހުންނެވެ.

ފަލަސްތީނުން ނަޖުމުއްދީނު މިސްރާބު ޖެއްސެވީ ދިމިޝްގަށެވެ. ދިމިޝްގާއި ހަމަލާދެއްވާ އެޝަހަރުވެސް ފަތަހަ ކުރެއްވިއެވެ. ނަމަވެސް، ނަޖުމުއްދީނުގެ މިފަތަހަ މާގިނަ ދުވަހަކު ދެމިނުއޮތެވެ. ނަޖުމުއްދީނުގެ ލަޝްކަރުގައި ހިމެނޭ ޚަވާރިޒަމު ހަގުރާމަވެރިން ނަޖުމުއްދީނަށް ބޭވަފާތެރިވިއެވެ. ޚަވާރިޒަމު ހަގުރާމަވެރިންނަކީ ވިޔަފާރި އުސޫލުން ގެނެސްފައިވާ ބަޔަކަށްވާތީ އެބައިމީހުންނަށް، ދިމިޝްގުގެ ކުރީގެ ވެރިކަން ކުރަމުން އައި އިސްމާއީލާއި ސަލީބީންވެގެން ބޮޑެ އަގެއް ދިނެވެ. އެއާއިއެކު އެބައިމީހުން ނަޖުމުއްދީނާއި ދެކޮޅަށް ހަގުރާމަކުރިއެވެ. އަދި ދިމިޝްގުގެ ބިން ނަޖުމުއްދީނުގެ އަތުން ބީވިއެވެ. އެއަށްފަހު ނަޖުމުއްދީނަށް ވަފާތެރި ލަޝްކަރެއްގެ ބޭނުންތެރިކަން ވިސްނި މަމުލޫކުންނަށް ބަރޯސާވިއެވެ

ނަޖުމުއްދީނާއި އިސްމާއީލާއި އަދި ސަލީބީންގެ މިކުރިމަރިލުން ކުރިއަށް ދިޔައިރު ތަތާރުން ދަނީ ބަޣުދާދު ސުންނާފަތިކުރުމަށް ތައްޔާރުވަމުންނެވެ. ތަތާރުންނަކީ މިބައިމީހުންނަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެބައިމީހުންވެސް ބަލަމުންދިޔައީ ތަތާރުންގެ ކިބައިންވެސް ފައިދާއެއް ލިބޭތޯއެވެ.

ދިމިޝްގުން ނަޖުމުއްދީނުގެ ލަޝްކަރު ބަލިވުމުން ސަލީބީ ލުއިސް 9 މިސްރަށް ހަމަލާދިނުމަށް ތައްޔާރުވިއެވެ. އަދި މިހަގުރާމައަށް އެހީތެރިވެދިނުމަށް ތަތާރުންގެ ކިބައިން އެދުނެވެ. ނަމަވެސް، ތަތާރުން އެކަމަށް ބީރުކަންތެއް ދިނުމުންވެސް ލުއިސް، މިސްރުގެ ދުމްޔާތައް ހަމަލާދިނެވެ. މިހަގުރާމަ މަޝްހޫރުވެގެން ދިޔައީ ސަލީބީ 9 ގެގޮތުގައެވެ. ސަލީބީން ދުމްޔާތަށް ހަމަލާދިންއިރު ނަޖުމުއްދީން އައްޔޫބީ އުޅުއްވީ ވަރަށްބޮޑު އާލާސްކަންފުޅެއްގައެވެ. އެހެންކަމުން، ދުމްޔާތުގެ ހަގުރާމަވެރިންނަށް ވިސްނިފައިއޮތީ ނަޖުމުއްދީނު އައްޔޫބީ އަވަހާރަވެއްޖެކަމަށެވެ. ނުވަތަ އުޅުއްވަނީ އަވަހާރަވުމުގެ އާލާސްކަންފުޅާއެވެ. އެހެންކަމުން، ދުމްޔާތުގެ ހަގުރާމަވެރިން ސަލީބީންނަށް އަމާންދިނެވެ.

މިޚަބަރު ނަޖުމުއްދީން އައްޔޫބީ އަށް ލިބިވަޑައިގަތުމާއިއެކު ވަރަށް ހިތްޕުޅާހަމަނުކުރައްވާ ހަގުރާމައަށް ތައްޔާރުވިއެވެ. ސަލީބީންގެ އަމާޒަކީ ގާހިރާކަން ނަޖުމުއްދީނަށް އެގިލައްވައެވެ. އެހެންކަމުން، ދުމްޔާތާއި ގާހިރާއާއި ދެމެދުން ސަލީބީންނާއި ބައްދަލުކުރެއްވުމަށް ނަޖުމުއްދީނު ނިންމެވިއެވެ. ނަޖުމުއްދީނު އާލާސްކަންފުޅާ އުޅުއްވަމުންވެސް ދަތުރުކުރައްވާ ހަގުރާމައިގެ ރޭވުންތައް މިލަޝްކަރުގެ ދެކޮމާންޑަރުންނާއިއެކު ރޭއްވެވިއެވެ. މިހަގުރާމައިގެ އެންމެ އިސް ދެކޮމާންޑަރުންނަކީ އަޤުތާ އާއި ބައިބަރެވެ. މިއީ މަމުލޫކުންގެ ދެމީހުންނެވެ. މިހަގުރާމަ ފެށުމުގެ އެއްދުވަސް ކުރިން ހިޖުރީ ސަނަތުން 647 ޝައުބާން މަހު ރަސްގެފާނު ނަޖުމުއްދީނު އަޔޫބީ މިދެނިޔެދޫކުރެއްވިއެވެ. ނަޖުމުއްދީނު އައްޔޫބީގެ ލަޝްކަރު ހަގުރާމައަށް ނިކުތްއިރު އެބައިމީހުންގެ ރަސްގެފާނު އަވަހާރަވެފައިވާކަމުގެ ޚަބަރުނުލިބެއެވެ. އެހެނީ، މިޚަބަރު އެރަސްގެފާނުގެ އަބިކަނބަލުން ޝަޖަރަތުއްދޫރު ވަނީ ސިއްރުކުރައްވާފައެވެ. ރަސްގެފާނުގެ އަބިކަނބަލުން ޝަޖަރަތުއްދޫރު ރަސްގެފާނު އަވަހާރަވި ޚަބަރު ސިއްރުކުރައްވާ ތުރުކީގައި ހުންނެވި ރަސްގެފާނުގެ ދަރިކަލުން ތޯރާން ޝާހަށް ވެރިކަމާއި ހަވާލުވުމަށް އަވަހަށް އައުމަށް ދައުވަތު ދެއްވެވިއެވެ.

ތޯރާން ޝާހު މިސްރަށް ވަޑައިގެން ލަޝްކަރާއި ހަވާލުވިއެވެ. އެއީ ހިޖުރީ ސަނަތުން 647 ވަނަ އަހަރު ޒުލްގައިދާމަހުގައެވެ. ތޯރާން ޝާހުގެ ވެރިކަމުގެ ދަށުން ދެވަނަ ހަމަލާއެއް ސަލީބީންނާއި ދެކޮޅަށް ދެވުނެވެ. މިހަމަލާގައިވެސް މުސްލިމުންގެ ލަޝްކަރަށް ކާމިޔާބު ލިބި ސަލީބީންގެ ވެރިއަކަށް ހުރި ލުއިސް 9 ހައްޔަރުވިއެވެ.

މުސްލިމުންގެ ލަޝްކަަރަށް ކާމިޔާބު ލިބުނު ނަމަވެސް، ވެރިއަކަށް އަލަށް އައްޔަންކުރެވުނު ތޯރާން ޝާހަކީ ނަޖުމުއްދީނު އައްޔޫބީފަދަ ވެރިއަކަށްނުވިއެވެ. ހަރުކަށި ރަހުމުކުޑަ ވެރިއެކެވެ. މުސްލިމުންގެ ލަޝްކަރު ބެލެހެއްޓޭވަރުގެ ގާބިލުކަމެއް ނެތެވެ. އެހެންކަމުން، މުސްލިމުންގެ ލަޝްކަރުތެރޭގައި އިސާހިތަކު އާރަސްގެފާނާއިމެދު ހިތްހަމަނުޖެހުން އުފެދިއްޖެއެވެ. ޚާއްސަކޮށް އިސްކޮށްތިބި ކޮމާންޑަރުންނާއި ވެރިންގެއެވެ. ވަކިން ޚާއްސަކޮށް ދައުލަތުގެ އެންމެ ނުފޫޒުގަދަ އޭނާގެ ދޮންމަންމަ ޝަޖަރަތުއްދޫރު އާއި އެންމެ އިސް ދެކޮމާންޑަރުން ކަމަށްވާ އަޤްތާއީ އާއި ބައިބަރެވެ. ތޯރާން ޝާހު އޭނާގެ ދޮންމަންމަ އޭނާގެ ބައްޕަގެ ޚަޒާނާ ފޮރުވާކަމުގެ ތުހުމަތުވެސް ކުރަން ފަށައިފިއެވެ. އަދި ތޯރާން ޝާހާއިއެކު އައި ކޮމާންޑަރުންނާއި މިސްރުގެ އެންމެ އިސްދެކޮމާންޑަރުން (އަޤްތާއީ އާއި ބައިބަރު) އާއި މައްސަލަޖެހިއްޖެއެވެ. އެއާއިއެކު ޝަޖަރަތުއްދޫރު އާއި އަޤްތާއީ އާއި ބައިބަރާއި މަޝްވަރާކޮށް ތޯރާން ޝާހު ގަތުލުކުރިއެވެ. އެއީ ހިޖުރީ ސަނަތުން 648 ވަނަ އަހަރު މުހައްރަމް މަހު 27 ވަނަ ދުވަހުގައެވެ. ތޯރާން ޝާހު އަވަހާރަވުމާއިއެކު މިސްރުގެ އައްޔޫބީންގެ ވެރިކަން ނިމުމަކަށްއައެވެ. އައްޔޫބީންގެ ވެރިކަމުގެ 144 އަހަރުތެރޭ 29 ވެރިން އައްޔަންވިއެވެ. އޭގެތެރެއިން 10 ވެރިން ގަތުލުކުރެވުނެވެ. އަދި 12 ވެރިން ވެރިކަމުން ދުރުކުރެވުނެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !