A wide advertisement which will be shown on all devices. (700 x 100)

ރަސޫލާގެ އީދު މީލާދުދުވަހަކީ…

ރަސޫލު ސއވ. ގެ އީދު މީލާދު ފާހަގަ ކުރުމަކީ މުސްލިމުންގެ ތެރެގައި ޚިޔާލު ތަފާތު ވެފައިވާ ކަމެއް

މިއަދަކީ ގިނަ މުސްލިމް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ރަސޫލާ މުހައްމަދު ސއވ. ގެ އުފަން ދުވަސް ނުވަތަ އީދު މީލާދުގެ ގޮތަގައި ފާހަގަ ކުރާ، ރަބީއުލް އައްވަލު މަހުގެ 12 ވަނަ ދުވަހެވެ. މިއަދު ދިވެހި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައާޅފައި ވަނީ މިދުވަހަށް އިޙުތިރާމު ކޮށް ރަސޫލާއާއި މެދު ޖީލުތަކުގެ މެދުގައި ލޯބި ޖެއްސުމަށް ކަމުގައި ބެލެވެއެވެ.

މިދުވަސް ފާހަގަކުރަން ފަށާފައިވާ ކަމަށް ތާރީޚީ އިލްވެރިން ވިދާޅުވަނީ ޝިއާ ފިރުގާއެއް ކަމަށްވާ ފާތިމީންގެ ވެރިކަމުގައި އެބައިމީހުންނެވެ. އެއަށްފަހު އުސްމާނީ ޚިިލާފަތުގައި އީދު މީލާދު ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ މީލާދީން 1588 ގައި ކަމަށް ވެއެވެ. އެގޮތުން މިސްރާއި ސޫދާންގައި މިދުވަސް ވަރަށް އާއްމުކޮށް ފާހަގަކުރަމުން އާދެއެވެ.

މޮރޮކޯއާއި މިސްރު އަދި ސޫދާންގައި އީދު މީލާދު ދުވަހަށް ކިޔާއުޅެނީ “އީދު އަލް މަވްލިދު” އެވެ. މައުލޫދު ދުވަސް ދިވެހި ބަހަށް އައިސްފައިވަނީ މައުލިދު މިބަހުން ކަމަށްބެލެވެއެވެ. މޮރޮކޯގައި މި ދުވަހު ރަސޫލު ސއވ. އާއި ގުޅޭގޮތުން ޅެން ކިޔުން “މައުލޫދު ކިޔުން” އޮވެއެވެ. މެލޭޝިއާގައި މިދުވަހަށް ކިޔަނީ “މައުލިދުއް ނަބީ” އެވެ. މިދުވަހު އާއްމުކޮށް އޮންނަނީ ދީނީ ނަސޭހަތް ދިނުމާއި ގުރުއާން ކިޔެވުމެވެ. މިދުވަސް ފާހަގަކުރުން ފެށިގެން އައިސްފައިވަނީ ޝިއާ މުސްލިމުންގެ ފަރާތުންކަމުގައި ވީ ނަމަވެސް ސުންނީ މުސްލިމުން މިދުވަސް ފާހަގަ ކުރެއެވެ.

ނަމަވެސް، ސައުދީ އަދި ގަތަރުފަދަ ގައުމުތަކުގައި މިދުވަސް ފާހަގައެއް ނުކުރެއެވެ. އަދި ގިނަ ސުންނީ ދަންނަބޭކަލުން ވެސް މިދުވަސް ފާހަގަކުރުމާއި ދެކޮޅުހައްދަވައެވެ. އީދު މިލާދު ފާހަގަ ކުރުން ނުވަތަ އުފަން ދުވަސް ފާހަގަ ކުރުމަކީ ރަސޫލުﷲގެ ފާނުންގެ ޒަމާނާއި އަދި އެއިގެ ފަހުން އައި އެންމެ ހެޔޮ 3 ޖީލުގައިވެސް ކޮށް އުޅުނު ކަމެއް ނޫންކަމުން އެފަދަ ކަމެއް ދީނީ ކަމެއްގެ ގޮތުގައި ކޮށްއުޅުމަކީ ބިދުއައެއްކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.

މިދުވަސް ސުންމީ މުސްލިމުންނާއި ޝިއައީން ފާހަގަ ކުރަމުންދާއިރު މިދުވަހާއި މެދު ޚިލާފުތަކެއް އެބަހުއްޓެވެ. އެގޮތުން، ހިޖުރީ 3 ވަނަ މަސް ކަމަށްވާ ރަބީއުލް އައްވަލު މަހު 12 ގައި  ސުންނީ މުސްލިމުން މިދުވަސް ފާހަގަ ކުރާ އިރު ޝިއާއީން މިދުވަސް ފާހަގަ ކުރަނީ ހަމަ އެމަހު 17 ވަނަ ދުވަހުއެވެ.

މިދުވަސް ސުންނަތް ޖަމާއުގެ އަހުލުވެރިންގެ ތެރޭގައި މަޝްހޫރު 6 ފޮތުން ވެސް އެގޭކަށް ނެތެވެ. އެގެން އޮތްހާވެސް އެއްޗަކީ ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ ހޯމަ (ސަހީހް މުސްލިމް) ދުވަހެއްގައި ކަމެވެ. ކޮން އަހަރެއްގެ ކޮން މަހެއްގެ ހޯމަ ދުވަސް ކަމެއް ނޭގެއެވެ. އެހެންކަމުން، އިތުރު ތަފްސީލު ހޯދުމަށް އެހެނިހެން މަސްދަރުތައް ފުރޮޅާލަން ޖެހެއެވެ. އެގޮތުން، ބައިހަގީގެ ސުނަނުގެ (ވޮލިއުން 1، ސަފްހާ 79) ގައި ސުވައިދު ބިން ޚަފްލާގެ އަރިހުން ރިވާކޮށްފައިވާ ގޮތުން އެކަލޭގެފާނާއި ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އާމުލް ފީލު ނުވަތަ ފީލުބާގައިގެ މީހުން ގެފުޅު ތަޅާލަން އައި އަހަރު ނުވަތަ މަޝްހޫރި އެތުގެ އަހަރުގައެވެ. ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އެތުގެ އަހަރުގައެވެ.

މިހާހިސާބަށް އެގެނީ ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އެތުގެ އަހަރުގެ ހޯމަ ދުވަހެއްގައި ކަމެވެ. ތާރީޚީ ފޮތްތަކަށް ބަލާއިރު ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތް ދުވަސް ކަމަށް އެކިއެކި ދުވަސްތައް ފެންނާން އެބަހުއްޓެވެ. ކީރިތި ރަސޫލާގެ ވަނަވަރު ދިރާސާ ކުރި ކުރީގެ ބޭފުޅުންގެ ތެރެއިން އިބުނު އިސްހާގް (150ހ) ހާމަ ކުރައްވާ ގޮތުން ކީރިތި ރަސޫލާ އުފަންވެ ވަޑައިގަތީ އެތުގެ އަހަރުގެ ރަބީއުލް އައްވަލް މަހުގެ 12 ވީ ހޯމަ ދުވަހުއެވެ. ނަމަވެސް އިބުނު އިސްހާގާއި ކީރިތި ރަސޫލާ އާއި ދޭތެރޭ ގާތްގަޑަކަށް ދެގަރުނު ފާއިތުވެ ގޮސްފައިވުމާއި އިބުނު އިސްހާގު އެތާރީޚު ހާމަކުރެއްވި އިރު އޭގެ ރިފަރެންސެއް ނުވަތަ އިސްނަދެއް ހާމަ ކުރައްވާފައި ނުވާތީ އެހެނިހެން ހެކިތައް ހޯދުން މުހިންމެވެ. އިބުނު ކަސީރު އޭނާގެ “އަލް ބިދާޔާ ވަލް ނިހާޔާ” ގައި ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތް ދުވަހާއި ބެހޭ ގޮތުން ލިއުއްވާފައިވާ ގޮތުން، ކީރިތި ރަސޫލާ ދުނިއަށް ވަޑައިގަތީ ރަބީއުލް އައްވަލް މަހުގައި ކަމަށް ގިނަ އިލްމުވެރިން ދެކިލައްވާފައިވާ އިރު ރަބީއުލް އައްވަލް މަހުގެ ކޮން ދުވަހެއް ކަމާއި މެދު ތަފާތުތަކެއް އެބަހުއްޓެވެ. ފަހުގެ ތާރީޚު ދިރާސާކުރައްވާ ބޭކަލެއް ކަމަށްވާ ސައިފުއް ރަހުމާނު އަލްމުބާރަކުޕޫރީ އައްރަހީގުލް މަޚުތޫމްގައި ބަޔާން ކުރައްވާފައި ވަނީ ކީރިތި ރަސޫލުﷲ (ސއވ) ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ ރަބީލްއައްވަލް މަހުގެ 9 ވީ ހޯމަދުވަހުއެވެ. އެއީ މީލާދީ ސަނަތުން 20 ނުވަތަ 22 އެޕްރީލް 571 އެވެ. މިގޮތަށް ރިވާ ކުރައްވަނީ މުހައްމަދު ސުލައިމާނު އަލްސޫރުޕޫރީ އާއި ފަލަކީ އިލްމުވެރިއެއްކަމަށްވާ މުހައްމަދު ޕާޝާއެވެ. މީގެ އިތުރުންވެސް ކީރިތި ރަސޫލުﷲ (ސއވ) ދުނިޔެއަށް ވަޑައިގަތް ދުވަހާއިމެދު ތަފާތުގޮތްގޮތަށް ރިވާވެއެވެ.

އޭގެ ތެރޭގައި:

1- ރަބީއުލް އައްވަލް މަހުގެ 2 ވަނަ ދުވަސް – މިއީ ސީރަތު ދާއިރާގައި މަޝްހޫރު އަބޫ މައުޝަރުލް ސިންދީ (171ހ) އާއި އިބުނު އަބްދުލް ބައްރު ދެކިލައްވާ ގޮތެވެ.

2- ރަބީއުލް އައްވަލް މަހުގެ 8 ވަނަ ދުވަސް – މިއީ އަންދަލުސް ގެ އިލްވެރިއެއް ކަމަށްވާ އިބުނު ހަޒްމް (456ހ) ގެ ރައުޔެކެވެ. މީގެ އިތުރުން އިމާމް މާލިކް (179ހ)، އައްޒުހުރީ (128ހ) އާއި މުހައްމަދު ބިން ޖުބައިރު ބިން މުތުއިމް ގެއަރިހުން މިދުވަސް ރިވާކޮށްފައިވެއެވެ.

3- ރަބީއުލް އައްވަލް 10 ވަނަ ދުވަސް – އިބުނު އަސާކިރު (571ހ) އަބޫ ޖައުފަރުލް ބާގިރު (114ހ) އަރިހުން ރިވާ ކުރައްވައެވެ. މީގެ އިތުރުން އައްޝައުބީ (100ހ) ގެ ރައުޔަކީވެސް މިއެވެ.

4- ރަބީއުލް އައްވަލް 12 ވަނަދުވަސް – އިބުނު އިސްހާގު ރައުޔަކީ މިއެވެ.

5- ރަބީއުލް އައްވަލް 17 ވަނަ ދުވަސް – މިއީ ގިނަ ޝިއައީ ދަންނަބޭކަލުން ގަބޫލު ކުރާގޮތެވެ.

6- ރަބީއުލް އައްވަލް 22 ވަނަ ދުވަސް – މިދުވަސް ނިސްބަތް ވަނީ އިބުނު ހަޒްމް ގެ ރައުޔަކަށެވެ.

7- އެތުގެ އަހަރުގެ ރަމަޟާން މަހުގެ ކޮންމެވެސް ދުވަހެއް ކަމަށާއި އަދި ރަމަޟާން މަހުގެ ބާރަ ވަނަ ދުވަސް ކަމަށްވެސް ބައެއް ދަންނަ ބޭކަލުން ވިދާޅުވެލައްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !