A wide advertisement which will be shown on all devices. (700 x 100)

ހެރެތެރެ ކަރަންޓީނު ނިންމި ފުރަތަމަ ގުރޫޕު ރަށަށް

އައްޑު ސިޓީ، ހެރެތެރޭގައި ހިންގާ ކެނަރީފް ރިޒޯޓް- ދެކުނުގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރޭ

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ހެރެތެރެ ރިޒޯޓުގައި ކަރަންޓީނު ކުރި ފުރަތަމަ ގުރޫޕް ފުވައްމުލަކަށް އައިސްފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފާއިތުވި އޭޕްރީލް މަހު 15ގައި މާލެ ސިޓީ ލޮކްޑައުން ކުރުމުން ތާށިވި މީހުންގެ ތެރެއިން ފުވައްމުލަކު މީހުން ކަރަންޓީނަށް ގެންދިޔައީ އައްޑޫ ސިޓީ ހެރެތެރެ ރިޒޯޓަށެވެ. ހެރެތެރެ ރިޒޯޓު ކަރަންޓީނަށް މީހުން ގެންދިޔައީ މި މެއި މަހު 5 ގައެވެ. އެތަނުގައި ތިބި 87 މީހެއްގެ ސާޕަލް ނަގާ ނިންމީ މިމަހު 20 ގައެވެ. އެރަށުގައި ކަރަންޓީނު ކުރި މީހުންގެ ތެރެއިން ބައެއް މީހުން މި މެއި މަހު 24 ވަނަ ދުވަހު ދޫކޮށްލާފައި ވެއެވެ. އެގޮތުން ފުވައްމުލައް ސިޓީގެ 44 މީހަކު ވެސް ދޫކުރުމުން ރަށަށް އައިސްފައިވާ ކަމަށް ސިޓީ ކައުންސިލުން ރޭގައި ހާމަކުރައްވާފައި ވެއެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ހެރެތެރެ ކަރަންޓީން ފެސިލިޓީއަށް އިހައްދުވަހާއި (24 މެއި) އިއްޔެ، (25 މެއި) ގައި ވަނީ އިތުރު މީހުން ގެންގޮސްފައި ވެއެވެ. މި ދެ ފްލައިޓްގައި ވެސް ފުވައްމުލަކު މީހުން ކަރަންޓީނަށް ގޮސްފައި ވެއެވެ. އަދި އިތުރު ފްލައިޓެއް މިރޭ (26 މެއި) ގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންްސިލުން ހާމަކުރައްވައެވެ.

ކަރަންޓީނު ނިންމި 44 މީހަކު ރަށް އައިސްފި

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރަށަށް ނާދެވި މާލޭގައި ތާށިވެފައިވާ ފަރާތްތަކުގެ ޝަކުވާ ބޮޑެެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ހާމަކުރާ ގޮތުގައި ކަރަންޓީނަށް ދާން ޖާގަ ލިބެނީ ހަމަހަމަ އުސޫލަކުން ނޫނެވެ. އެގޮތުން ބަލިވެގެން މާލެ ދިޔަ މީހަކުވެސް ނާދެވި ތާށިވެފައި ހުރި ކަމަށާއި ހޮލިޑޭ ހަދާލަން ބައެއް މީހުން ކަރަންޓީނަށް ވެސް ފޮނުވާފަިވާކަމުގެ ޝަކުވާ މިކަލް ނޫހާއި ވާހަކަ ދެއްކި، މާލޭގައި ތާށިވެފައިވާ ފުވައްމުލކު ހޯދަޑު އަވަށަށް ނިސްބަތްވާ މީހަކު ބުންނެވެ.

އޭނާ ބުނި ގޮތުގައި މިކަމުގައި ފުވައްމުލައް ސިޓީ ކައުންސިލަށް ގުޅުމުން ބުނަނީ ލިސްޓް ތަރުތީބު ކުރަނީ އެލްޖީއެއިން ކަމަށެވެ. ދެން އެލްޖިއެއަށް ގުޅުމުން ބުނަނީ މީހުން ކަރަންޓީނަށް ފޮނުވާނީ ސިޓީ ކައުންސިލުން ފޮނުވާ ލިސްޓަކަށް ކަމަށެވެ.

ކަރަންޓީނަށް މީހުން ފޮނުވުމުގެ އުސޫލުގެ ކެޓަގަރީ 2: ގައި ހިމެނެނީ އެނބުރި ރަށަށް އައުމަށް 20-15 އޭޕްރީލް 2020 އާއި ދެމެދުގެ ޓިކެޓްނަގާފައިވާ ފަރާތްތަކައި، ރާއްޖެއިން ބޭރުން ގެނެސް 14 ދުވަހުގެ ކަރަންޓީން ހަމަކޮށްފައި ރަށަށް ނުދެވި ތިބި ފަރާތްތަކާއި، ރިޒޯޓް ބަންދު ކުރުމުން ރަށް ދިއުމަށް މާލެ އައިސް ތާށިވެފައިވާ ފަރާތްތަކެވެ.

އެލްޖީއޭ އާއި ޖެންޑާ މިނިސްޓްރީން ކަނޑެޅި އުސޫލުގެ ކެޓަގަރީ 2 ގައި ހިމެނޭ، ބޭސްފަރުވާއަށް މާލެ ގޮސް އަނބުރާ ރަށަށް އައުމަށް 16 އޭޕްރީލްއަށް ޓިކެޓް ނަގާފައިވާ ނުހިނގޭ ފަރާތެއް ވެސް މާލޭގައި ތާށިވެފައި އަދިވެސް އެބަހުރި ކަމަށް ވެއެވެ. 3 ފްލައިޓް ބޭއްވި 4 ވަނަ ފްލައިޓެއް މިރޭ އޮތް އިރުވެސް ޖާގަ ނުލިބި ވާކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރިއެވެ. އޭނާގެ ބޭސްފަރުވާއާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް ފުވައްމުލައް ސިޓީ ކައުންސިލަށް ހުށަހަޅާފައި ވާކަމަށް ބުނެއެވެ.

ހެރެތެރެ ކަރަންޓީން ފެސިލިޓީއެއް ގެ އެތެރެ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !