ގަވާއިދާ ޚިލާފަށް ފުވައްމުލަކު ގޮނޑުދޮށުން ނަގާފައިވާ ދޮންވެލި ބަސްތާތަކެއް އަނބުރާ ގޮޑުދޮށަށް އަޅާލައިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައި ފިއެވެ.
މި ދޮންވެލި ބަސްތާތައް ފެނިފައި ވަނީ ދިގުވާޑު އަވަށުގެ ގޯއްޗެއްގެ ތެރެއިންނެވެ. މިއަދު ފެނިފައި ވަނީ 70 ބަސްތާ ދޮންވެއްޔެވެ. އެއާއެކު ސިޓީ ކައުންސިލުން ވަނީ އެވެލި ބަސްތާތައް ސިޓީ ކައުންސިލް އަލުން ގޮނޑުދޮށަށް އަޅާލާފައެވެ.
މީގެ ކުރިން، ނިމުނު މެއިމަހުގައި އާއި މިޖޫން މަހުގައި ވެސް ސިޓީ ކައުންސިލުން ވަނީ ރަށުގެ އެކިއަވަށްތަކުން ފެނުނު ގަވާއިދާއި ޚިލާފަށް ނަގާފައިވާ ދޮންވެލި ބަސްތާތަކެއް ޕިކަޕްގައި ގެންގޮސް ގޮނޑުދޮޑަށް ހުސްކޮށްލާފައެވެ.
ރަށް ގިރުމުގެ ނުރައްކަލުން ފުވައްމުލައް ސިޓީ ހިމާޔަތް ކުރުމަށްޓަކައި ފުވައްމުލަކުގެ ގޮޑުދޮށުން އެއްވެސް ސަރަޙައްދަކުން އެއްވެސް މިންވަރަކަށް ވެލި ފަދަ ތަކެތި ނެގުން ވަނީ މަނާ ކުރެވިފައެވެ. ގަވާއިދާ ޚިލާފަށް ވެލި ނަގާނަމަ އެކަން ފުވައްމުލައް ސިޓީ ކައުންސިލް ހޮޓްލައިން 1618 އަށް ގުޅުއްވައި މައުލޫމާތު ޙިއްސާ ކޮށްދެއްވުމަށް ސިޓީ ކައުންސިލުން އެދެމެވެ.
ގަވާއިދާއި ޚިލާފަށް ވެލި ނަގާމީހުން ވެލި ނަގަނީ ވިއްކުމަށެވެ. އެގޮތުން ރަށުގައި މަސައްކަތް ކުރާ ތަންތަނުގައި ބޭނުންކުރަނީ ކޮންގޮތަކުން ހޯދާފައިވާ ވެލިތޯ ބަލައިގެން ނޫނީ މިފަދަ އަމަލުތައް ހުއްޓުވުން ދުރުކަމަށް ގިނަބަޔަކު ބުނެއެވެ. ދޮންވެލީގެ އިތުރުން ކަށިވެއްޔާއި ތުނޑި އޮފް ވެލިވެސް ދޭތެރެ ދެތެރެއިން ގޮނުދޮށުން ނަގާކަން އާމުންނަށް ފާހަގަ ކުރެވިފައި ވެއެވެ.
ދާދި ފަހުން ސިޓީ ކައުންސިލުން ވަނީ ފުވައްމުލަކު ގޮނޑުދޮށުން ވެލިނަގާފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އިއުލާންކޮށްފައެވެ. ނަމަވެސް އަދި އެފަދަ އެއްވެސް ފަރާތަކާއި މެދު ފިޔަވަޅެއް އެޅިކަން އެގޭކަށް ނެތެެއެވެ.
ފުވައްމުލަކުގެ ގޮޑުދޮށުން ވެލި ނެގުން ހުއްޓުވުމަށް މިހާރު މިވަނީ އިތުރު ފިޔަވަޅެއް އަޅަން ޖެހިފައިވާ ކަމަށް މިފަދަ ކަންތައްތަކާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން ވެލި ގަންނަ ފަރާތްތައް ވެސް ޖޫރިމައިނާ ކުރަން ޖެހޭކަމަށް އެފަރާތުން ހާމަކުރެއެވެ.
ޚިޔާލުތައް