‘ހަލޫލް 5 ކޭ’ ފަން ރަން، ދިގު ދުވުން ފެށެން 8 ދުވަހަށް ވެއްޖެއެވެ. މިއީ އުފަލާއި މަޖަލުގެތެރެއިން ކަސްރަތު ކުރުމަށް ބާރު އެޅުމުގެ ގޮތުން ފުވައްމުލަކުގައި ބާއްވާ ދުވުމެކެވެ. މި ދުވުން އިންތިޒާމު ކުރަނީ ފުވައްމުލަކު ރަނާސް ކްލަބުގެ ފަރާތުންވެ.
އެއްވެސް ފީއަކާއި ނުލައި ކޮންމެ މީހަކަށް ވެސް މިދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަޟުޙާ އީދު ދުވަހާއި ދިމާކޮށެވެ. އެގޮތުން ދުވުން އޮންނާނީ މި ޖުލައި މަހު 31 ވާ ހުރުކު ދުވަހު ހަވީރު 4:30 ގައެވެ.
މި ދުވުމުގެ ދިގުމިނަކަށް ކަނޑައަޅާފައި ވަނީ 5 ކިލޯމީޓަރެވެ. ދުވުން ފެއްޓުމަށް އަދި ނިންމުމަށް ހަމަޖެހިފައިވަނީ ކުރެވިފައި ވަނީ ފުވައްމުލަކު ސްޓޭޑިއަމުންނެވެ.
މިދުވުމުގެ ރަސްމީ ޓީޝާޓް ބޭނުންކުރާ ޓީޝާޓް ގަންނަން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
ހަލޫލް 5 ކޭގައި ބައިވެރިވުމަށް ވަރަށް ގިނަ ފަރާތްތަކުން ތައްޔާރުވުމުން އަންނަކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބެއެވެ. އެގޮތުން ފުވައްމުލަކު ސްޓޭޑިއަމުގައި ޕްރެކްޓިސް ދުވުންތައް އެކި ގްރޫޕްތަކުން އަންނަނީ ބާއްވަމުންނެވެ. ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހަވީރު އަދި ހެނދުނު ފުވައްމުލކު ސްޓޭޑިއަމަށް ދިއުމުން ގްރޫޕަކާއެކު ފަރިތަކުރެވޭނެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެއެވެ.
މިދުވުން ބާއްވާ ދުވަސްވަރު، ފުވައްމުލަކަށް ބޭރު ރަށްރަށުން ފެރީ ދަތުރުތައް ވެސް ރޭވިފައި ވެއެވެ. އެގޮތުން ރަށަށް އަންނަ މެހުމާނުން ވެސް ރަށުގެ ގިނަބަޔަކާއެކު އެއްތަނަކުން ބައްދަލުވެލުމަށް މިއިވެންޓްގައި ބައިވެރިވުން ރަނގަޅެވެ.
މި ދުވުމުގެ މެއިން ސްޕޮންސަރަކީ ރޯސް ލައިން އެވެ. އަދި މެޑިކަލް ޕާޓްނަރަކީ ހީލިން ޕޮއިންޓް އެވެ. މީޑިއާ ޕާޓްނަރަކީ މިކަލް ނޫހާއި އަފުން މީޑިއާއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލާއި، ފުވައްމުކު ޕޮލިސް، އިސްފަޙާން، އައިޑިިއަލް ސްކޫލް، ފިސްޑާގެ އިތުރުން ފުޓްބޯލް އެކަޑެމީ އޮފް ފުވައްމުލައް (ފާފް) އަކީ ވެސް މިދުވުމުގެ ޕާޓްނަރުންނެވެ.
ހަލޫލް އަކީ ފުވައްމުލަކު ބަހުން ހަލުއިވުމެވެ. ބަރުހެލި ނުވަތަ ބުރަހެލި ނުވުމެވެ. މިދުވުމަށް ފުވައްމުލަކުގެ ގިނަ ފަރާތްތަކެއްގެ އެއްބާރުލުން އަންނަނީ ލިބެމުންނެވެ.
މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުުމަށް އޮންލައިން އެޕްލިކޭޝަނެއް ހުޅުވާލާފައި ވެއެވެ. ހަލޫލު 5ކޭ ރަން އެޕްލިކޭޝަން ފޯމް
ޚިޔާލުތައް