ރޭ ފުވައްމުލައް ސިޓީ ބަދަރަ ސަރަހައްދުގައި ދުއްވި ކާރެއް ބަދަރުތެރެއަށް ވެއްޓިއްޖެއެވެ. ހުދު ކުލައިގެ މިކާރު ބަދަރު ތެރެއަށް ވެއްޓުނީ އެހިސާބުގައި ކާރު ދުއްވުމުގައި މޮޅު ހުނަރުތައް ފަރިތަކުރުމުގެ ސްޓަންޓެއްގެ ތެރެއިން ކަމަށް ޚަބަރުތައް ލިބެއެވެ.
އެގޮތުން ބަނދަރުގެ އިރުމަތީކޮޅުގައި ހުރި ހޮޅިދަނޑިއެއް ވަށާއި ދުއްވަމުން ދަނިކޮށް ކާރު ކޮންޓްރޯން ނުކުރެވި ގޮސް ބަނދަރު ތެރެއަށް ވެއްޓުނީއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ވެއެވެ.

ރޭގައި މޫދަށްވެއްޓުނު ކާރު އެއިގެ ކުރިން ޑްރިފްޓިން ސްޓަންޓެއް ޖައްސަން ދުއްވަނީ
މި އެކްސިޑެންޓާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެކަކު ބުނެފައި ވަނީ “ބުޅިކެނޑޭނީ މަސްވެރިންގެ އަތުން” ކަމަށެވެ. އޭނާ މާނަކުރަނީ މި އެކްސިޑެއްނޓް ހިނގީ ކާރު ދުއްވަން ދަންނަ ހުނަރުވެރިއެއްގެ އަތުން ކަމަށާއި އެފަދަ މީހުން އަތުން ވެސް އެދެވޭގޮތް ނޫން ގޮތްގޮތަށް ކަންތައްތައް ކުރެވޭ ކަން ހާމަކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އެހެން މީހަކު ބުނީ އެކާރު ދުއްވީ ކާރުގެ ވެރިމީހާ ކަމަށާއި އޭނާ މާ ބާރު ސްޕީޑެއްގައި ދުއްވީ ނޫންކަމަށެވެ. މި އެކްސިޑެންޓް ދިމާވީ އޭނާ ކާރު ދުއްވުމުގެ ހުނަރެއް، ‘ޑްރިފްޓިން” އެއް ހަދަން ދަސްކުރުމުގެ ތެރޭގައި ކަމަށެވެ. ޑްރިފްޓިން އަކީ ކާރުދުއްވުމުގައި އޭގެ ބޮޑީއަށް ސްޕީޑް ލިބިފައިވާ ދިމާނޫން އެހެން ދިމާލަކަށް ހުންގާނުން ކާރު ގެންދަން މަސައްކަތް ކޮށް “ފުރޮޅު ކަހާލައިގެން، ކުޑަ ތަންކޮޅަކުން އަނބުރާލުމަށް” ބޭނުންކުރާ ހުނަރެކެވެ. އާއްމުކޮށް މިކަން ކުރަނީ ރޭސް ކާރުތައް ކަނުން ނުވަތަ ވަށާލާ ތަންތަނުން އަނބުރާލާއިރުއެވެ.

ރޭގައި މޫދަށްވެއްޓުނު ކާރު އެއިގެ ކުރިން ސްޓްންޓަންޓް ޖައްސަން ދުއްވި ކާރު މޫދަށް ވެއްޓެނީ. ވީޑިއޮ ސްކްރީން ޝޮޓް އިބްރާހިމް ނ.
ބަނދަރު ތެރެއަށް ވެއްޓުނު ކާރު ރޭގައި ވަނީ ކްރޭނެއް ބޭނުންކޮށްގެން ނަގާފައެވެ. އަދި ކާރަށް ލިބިފައިވާ ގެއްލުމުގެ މައުލޫމާތު ލިބޭގޮތެއް އަދި ވަނީ ނުވެފައެވެ.
ޚިޔާލުތައް