A wide advertisement which will be shown on all devices. (700 x 100)

އަލި ބެއްޔާ ބުނަނީ: ބޭސް ސިޓީއަށް ސަލާންޖެހުން ނެތްނަމަވެސް ވަޒީފާއަށް ސަލާންޖެހުން އަށަގަނެފިކަމަށް

އާދައިގެ މަތިން ހަވީރުގެ ފިންޏަށް އަހަރެން ނިކުމެލީމެވެ. ކޮރޯނާ ރޯގާގެ ކޭސްއެއް ރަށުން ފެނުނު ނަމަވެސް މުޖުތަމައަށް އެރޯގާ ފެތުރިފައި ނުވާކަމަށް ނިންމާފައިވާތީ އަހަރެން މިސްރާބު ޖެހީ އާދައިގެ މަތިން ބަދަރާއި ދިމާލަށެވެ. ބަދަރުގެ ގަސްތަކުގެ ހިޔަލުގައި މަޑުކޮށްލީމެވެ. ހަވީރުގެ ފިނިރޯޅިތަކުން ހިތްހަމަޖައްސާލުމުގެ ބޭނުމުގައެވެ. ވަގުތަކީ ހަވީރުގެ ވަގުތު ނަމަވެސް އެހިސާބުގައި ހޭލަމޭލަވާ މީހުންގެ އަދަދު މަދެވެ. ހަވީރު ހަމަހިމޭން ވަގުތުކޮޅު ދުއްވާލީ ޒޫން ކަނޑާލާފައި އައި ސައިކަލެއްގެ އިންޖީނުގެ އަޑުންނެވެ. އެއައީ އެއްކަލަ އަލި ބެއްޔާއެވެ. ދެބައި އުމުރަށް ގޮސްފައި ހުރި ނަމަވެސް އަލިބެއްޔާގެ އަކީ ޒުވާނަކަށް ދޫނުކުރާވަރުގެ ހަރަކާތްތެރި މީހެކެވެ. އުޅުމާއި ގުޅުންވެސް ހަމައެބީދައިން ޒުވާނަކަށް ދުލެއްނުކުރެވެ. ލައްކަ ޒަމާން ވުމަށްފަހު އަލިބެއްޔާ ފެނުމާއިއެކު ހިތަށްއައީ އަލި ބެއްޔާ އެންމެ “ކިކު” އަންނަ ސިޔާސީ ވާހަކައިން ފެށުމަށެވެ.

އަހަރެން: އަލި ބެއްޔާ ކޮބާ އަދިވެސް މިވެރިކަން ވައްޓާލާކަށް ނުވޭތަ؟

އަލި ބެއްޔާ: ނޫން! މިހާރު ވައްޓާލަންވީ! ފެއިލް ވެއްޖެ!

އަހަރެން: އަލިބެއްޔާމެންނަކަށް އެއްވެސް ވެރިކަމެއް ރަގަޅެއް ނުވާނެ، އިހަކަށް ދުވަހު ގޮވީ ޔާމީނު ވަރުގެ ބޮޑު ވަގެއް ނާދޭއޭ، އޭގެކުރިން ގޮވީ، ވަހީދަކަށް ވެރިކަމެއް ކުރާކަށް ނޭގޭ، އޭގެ ކުރިން މަގުމައްޗަށް ނިކުތީ އަންނި ލާދީނީ އޭ ކިޔާފައި، އަންނިގެ ކުރިން ގޮވީ 30 އަހަރޭ ގައުމު ކައި ހުސްކުރަނީއޭ، މިޖެހެނީ ބޭސް ސިޓީއަށް ސަލާން ޖަހާށޭ.

އަލި ބެއްޔާ: ތިއީ ހަމަ މުޅިންވެސް ކަން ހިގިގޮތް އެބީދައިން ހިގަންޏާ ވައްޓާލަންތާ ޖެހޭނީ. މައްސަލައަކީ ދެން އަންނަ މީހާއަށް ވެސް އެކަމުން ފިލާވަޅެއް ނަގަން ނޭގޭތީ

އަހަރެން: ކޮބާތަ މިހާރުގެ މައްސަލައަކީ؟

އަލިބެއްޔާ: މައްސަލައަކީ އަހަރެމެން ލައްވާ ވަޒީފާއަށް ވެސް ސަލާން ޖެހުމުގެ ސަގާފަތެއް އުފަންކުރީމާ.

އަހަރެން: އަލިބެއްޔާ އަނެއްކާވެސް އަނެއް ތިއަރީ ތިއުފަން ތިކުރަނީ! ހަމަ ޔަގީނުންވެސް މަށެއް ނުދެކެން މަގުމަތީގައި ވަޒީފާއަށް ސަލާންޖަހަމުންދާ ބައެއް! ޕާޓޭން އުޅޭ ފައިސާކޮޅަށް ސަލާން ޖަހަޖަހާ.

އަލިބެއްޔާ: ކަލޯ ތިއުޅެނީ މިގައުމުގައިތާ ނޫނީ ބައިޑެން އާއިއެކު އެމެރިކާގަތަ!

އަހަރެން: ދިވެހި ރާއްޖޭގައި.

އަލިބެއްޔާ: ނޭގޭނެ، ނޭގޭނެ. އަޑު އަހާ! މިކިޔަނީ މީގެ 15 ވަރަކަށް އަހަރުކުރިން ބޭސް ސިޓީ ހިފައިގެން އެއް މެންބަރެއްގެ ކައިރިން އަނެއް މެންބަރެއްގެ ކައިރިން ސަލާން ޖަހަމުން ދިޔަފަދަ ސަލާން ޖެހުމެއްގެ ވާހަކަ. ކަލޯމެން މަގުމައްޗަށް ނިކުމެ ގޮވީ ރައީސް މައުމޫނު ކަމަކު ނުދޭ، ބޭސް ސިޓީއަށް ސަލާން ޖަހާށޭ ޖެހެނީ، ބޭސް ސިޓީއަށް ސަލާންޖަހާ ސަގާފަތެއް ބޭނުމެއް ނޫނޭ!

އަލިބެއްޔާ “ކިކު” އައިސްފިއެވެ. ވާހަކަ ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ.

އަލިބެއްޔާ: މިއަދު މިޖެހެނީ އެއް މެންބަރެއްގެ ކައިރިން އަނެއް މެންބަރެއްގެ ކައިރިން ވަޒީފާ ހޯދަން ސަލާން ޖަހަން،

އަހަރެން: އެކަމަކު، ވަޒީފާއަށް މީހުން ނަގަނީ އިއުލާންކޮށް، އިންޓަވިއު ކޮށްގެނެއްނު.

އަލިބެއްޔާ: ނޫން، ނޫން. އެއީ ހަމަ ދައްކާލާ ދަޅައެއް. ވަޒީފާއަށް އިއުލާންކުރަނީ މަގާމުތައް ބަހާލުމަށްފަހު، އެވަޒީފާ ދޭން ޖެހޭ މީހާއަށް ހެޔޮވަރަށް ކޯޓު ފަހާލުމަށް ފަހު.

އަހަރެން: ކޮން ބައެއް ތަ މަގާމުތައް ބަހަނީ؟

އަލިބެއްޔާ: ނޭގޭ ކަމަށް ހެދޭނެކަމެއް ނެތް؟ ކަލޯމެންނަށް ވެސް އެގޭނެ. އެއީ އެންމެން ދަންނަ ބޮޑު ސިއްރުތައް. އެކަން ކުރަނީ ނުފޫޒުގަދަ ސިޔާސީ މީހުން ނޫނީ މަޖިލިސް މެންބަރުން. އެއީ މަޖިލިސް މެންބަރުން ދެން އޮންނަ އިންތިޚާބަކަށް ވޯޓު ހޯދުމަށް ކުރާ ސިޔާސީ މަސައްކަތް.

އަހަރެން: ތިއީ ހަމަ އެއްވެސް ހެއްކެއް ނެތް ހުސް ވާހަކަތަކެއްނު؟ އިދިކޮޅު ފަރާތްތަކުން ވެރިކަން ހިންގާ ފަރާތް ބަލިކަށި ކުރުމަށް އަބަދުވެސް ތިކަހަލަ އިތުބާރު ނުހިފޭ ވާހަކަދައްކާނެ.

އަހަރެން މިހެން ބުނުމާއިއެކު އަލި ބެއްޔާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އަޑު ބާރުވެއްޖެއެވެ. ރުޅިގަދަ ވެއްޖެއެެވެ. ދުރުގައި ތިބި މީހުން ވެސް ވެގެން އުޅޭގޮތް ބަލައިން އަންނަން ފަށައިފިއެވެ.

އަލިބެއްޔާ: ހެއްކަކީ ކޮބައި ހެއްޔޭތަ؟ ކަލޯ ދޭބަލަ އެންމެ ފަހުން ވަޒީފާ ލިބުނު މީހުންގެ ނަންތައް ހޯދަން، އެއީ ކޮން ޕާޓީއެއްގެ ބައެއްތޯ ބަލަން، އެމީހުންނަށް ވަޒީފާ ލިބުނީ ކިހިނެތް ތޯ ބަލަން.

އަލިބެއްޔާގެ ރުޅި ކޮންޓްރޯލް ނުވެދާނެކަމުގެ ބިރަށް އަހަރެން އަަވަހަށް ވާހަކަ ހުއްޓާލުމަށްފަހު ސައިކަލް ސްޓާޓުކޮށް ސައިކަލުގެ ރޭސް މުށްގަޑަށް ބާރަށް އަބުރާލުމަށްފަހު ނައްޓާލީ އެހިސާބުން ދުރަށް ދިއުމަށެވެ.

ސައިކަލް ބާރު ސްޕީޑުގައި ތާރު މަގުން ދުއްވަމުން ދިޔައިރު އަލިބެއްޔާ ދެއްކި ވާހަތަކާއިމެދު ވިސްނެންފެށިއެވެ. އެއީ ހަގީގަތުގައިވެސް ރަގަޅު ވާހަކަތަކެއް ބާވައެވެ. ވަޒީފާއަށް ސަލާން ޖެހުމުގެ ސަގާފަތެއް އަށަގެންފި ހެއްޔެވެ. އެހެންކަމުގައިވާ ނަމަ، މިރާއްޖެ ދަތުރުކުރަމުން މިދަނީ ހާދަހާވާ ނުބައި ދިމާލަކަށެވެ. ކޮރަޕްޝަން ހުއްޓުވަން އައި ސަރުކާރަށް ކަރަޕްޝަން ހުއްޓުވުނު ކަމާއިމެދު އާންމުން ސުވާލު އުފައްދައެވެ. ވަޒީފާއަށް ސަލާން ޖަހަން ޖެހުމަކީ ވެސް ކަރަޕްޝަނެވެ. މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރެވެނީއެވެ. ވަޒީފާއަށް ސަލާން ޖެހުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުން އާންމުން ދެކެންފެށުމާއިއެކު އެގައުމެއް އެއޮތީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސް ވަޒީފާއަކީ ސިޔާސީ ވަޒީފާތަކެއް ނޫނެވެ. އެވަޒީފާތަކަށް ސަލާން ޖަހަން މެންބަރުންގެ ގާތަށް ދިއުމަކީ ކޮރަޕްޝަނެވެ.

ނޯޓް: މިއީ މުޖުތަމައުގައި ހިގާ ސިޔާސީ އިޖުތިމާއީ ކަންތައްތަކާއި ގުޅޭ ސަމާސާ ޚިޔާލީ ވާހަކަތަކެކެވެ. މިވާހަަކައިގައި ހިމެނޭ ޝަހުސިއްޔަތުތަކަކީ ލިޔާ މީހާގެ ޚިޔާލީ ޝަހުސިއްޔަތު ތަކެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !