ކޮވިޑް-19ގެ ވެކްސިން، ކޮވިޝިލްޑް ދިވެހި ރާއްޖެގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ. ސިރަމް އިންސްޓިޓުއުޓް އޮފް އިންޑިއާގެ (އެސްއައިއައި)ގެ މިވެކްސިނަށް ދިވެހިރާއްޖެއިން ހުއްދަ ދީފައިވަނީ މިޖެނުއަރީ މަހު 26 ވަނަ ދުވަހުއެވެ.
މިވެކްސިނަށް ރާއްޖޭގެ އެމްއެފްޑީއޭ އިން އަދި ދީފައިވަނީ ކަނޑައެޅޭ ވަކިކަންކަމަކަށް އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދައެކެވެ. މިހުއްދައިގެ ދަށުން މިހާރު ރާއްޖެގައި އިއުލާން ކުރެވިފައިވާ އިމަޖެންސީ ހާލަތުގައި ވެކްސިން ޖެހޭނެއެވެ.

އިންޑާއިން ކޮވިޑް-19 ވެކްސިން ލިބޭ ފުރަތަމަ ޤައުމަކަށް ރާއްޖެ- ފޮޓޯ ރޮއިޓާރސް
އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި މިވެކްސިނަށް ހުއްދަދީފައި ވަނީ ބަލަންޖެހޭ އެންމެހާ ޓެކްނިކަލް ކަންތައްތައް ބަލައި ދިރާސާ ކުރުމަށްފަހު އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނެޝެނަލް ފާމެސޫޓިކަލް ބޯޑުގެ މަޝްވަރާއާއި ލަފަޔާ އެއްގޮތަށް ކަމަށެވެ.
ކޮވިޝިލްޑް އާއި އޮކްސްފޯޑް-އެސްޓްރަޒެންކާ ވެކްސިނަކީ އެއް ފޯމިއުލާއެއް އަދި އެއް ކޮމްޕޮޒިޝަނެއްގެ މައްޗަށް އެކުލެވޭ ދެ ވެކްސިނެއް ކަމަށް މިކަމާއި ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރުހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ބެލުމުން އެނގިގެން ދިޔަކަމަށް އެމްއެފްޑީއޭއީން ހާމަކުރެއެވެ.
ކޮވިޝިލްޑް ވެކްސިނަކީ ސްވިޒަލޭންޑްގެ އެސްޓްރަޒެންކާ އާއި އިނގިރޭސިވިލާތުގެ އޮކްސްްފޯޑް ޔުނިވަސިޓީ ގުޅިގެން އުފެއްދި އޮކްސްފޯޑް-އެސްޓްރަޒެންކާގެ ވެކްސިން، އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުގައި އުފައްދައި ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމަކެވެ. އޮކްސްފޯޑް-އެސްޓްރަޒެންކާގެ ވެކްސިނަށް އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިން އެންޑް ހެލްތު ޕްރޮޑަކްޓްސްގެ ރެގިއުލޭޓަރީ އޮތޯރިޓީއިން ފާއިތުވި ޑިސެމްބަރު މަހު ވަނީ ހުއްދަ ދީފައެވެ. އެ އިދާރާއަކީ ޑަބްލިއުއެޗްއޯގެ ވެސް ހުއްދަ ދިނުމުގައި ބަލައިގަންނަ އަދި ބައިނަލް އަގުވާމީގޮތުން ވެސް ފާހަގަކޮށްލެވޭ އިދާރާއެކެވެ.

ކޮވިޑް-19 ބައެއް ވެކްސިން އަޅާކިޔާފައި
ޚިޔާލުތައް