ފުވައްމުލައް ސިޓީން ނެގި ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓްވެ، މި ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން އިގުނު ހިސާބުން،އެތަށް ވަހަކަތަކެއް ރަށުތެރެއިން އަޑުއިވުނެވެ. ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލި އިރުވެސް އެކި ގޮތްގޮތަށް ވާހަކަތައް ފަތުރާފައި ހުރި ތަންފެނުނެވެ.
ބަލީގެ ޝިކާރައަކަށް ވެފައިވާ މި ސިޓީގެ ރައްޔިތުންނާއި އަދި އެމީހުންނާއި ގުޅުންހުރި ފަރާތްތަކާއި ގުޅޭގޮތުން ދޮގު ހަބަރުތަކާއި ފިތުނަވެރި ވާހަކަތައް ދަނީ ކޮވިޑް19 އަށް ވުރެ ބާރު މިނެއްގައި ފެތުރެމުންނެވެ. މިފަދަ ވާހަކަތަކުން، އެމީހުންނަށް އަސްލު ބަލިއަށްވުރެ، ލިބޭ ވޭނާއި ހިތްދަތި ކަމާއި ނުތަނަވަސް ކަން ބޮޑެވެ.
ކޮވިޑް19 އިގެ މި ނާޒުކު ދަނޑިވަޅުގައި ސޯޝަލް މީޑިއާގެ ވަސީލާތްތަށް މެދުވެރިކޮށް ސާބިތު ނުހިފޭ ވަހަކަތައް ފެތުރުން ހުއްޓާލަންޖެހެއެވެ. ރޭ ފުވައްމުލައް ސިޓީ ކައުންސިލް އިން ބޭވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަލް ނޫހުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން،ފުވައްމުލައް ހޮސްޕިޓަލްގެ ސިނީރ ހެލްތްވޯކަރ އާމިނަތު އަޙްމަދު ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވް ވުމަކީ، މިހާ އަމިއްލައަށް ކުށެއް ކުރަނީ ނޫންކަމަށާއި ލޮލަށް ނުފެންނަ ވައިރަހެއްގެ ސަބަބުން ޖެހޭ އެއްޗަކަށް ވާތީވެ ކޮންމެ މީހަކަށްވެސް ކޮވިޑް ޖެހިދާނެކަމަށެވެ. އަދި ޕޮޒިޓިވާ މީހުނާއި މެދު ސޯޝަލް މީޑިއާގައި ފާޑުފާޑުގެ ވަހަކަތައް ނުދެއްކުމަށާއި މިއީ އެންމެން އެކަތިގަނޑަކަށްވެ މިހާލަތުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރަންވީ ވަގުތު ކަމުގައި އާމިނަތު ވިދާޅުވިއެވެ.
އެހެންކަމުން އިވޭ ކޮންމެ އަޑެއް އެހުމުގެ ބަދަލުގައި، ކަމާއި ގުޅުންހުރި އިދާރާތަކުން ދެއްވާ މައުލޫމާތާއި އިރުޝާދުތަކަށް އަމަލުކުރުމަކީ މިހާލަތުގައި އެންމެ ރަނގަޅުގޮތެވެ. އަދި ތިމާއަށް ވިސްނޭ ވިސްނުމެއްގެ މައްޗަށް، ނުވަތަ އިވޭ އަޑެއްގެ މައްޗަށް ހަބަރު ފަތެރުމަކީ މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެދޭނެ ކަމެކެވެ.
އަދި އެފަދަ ވާހަކަތައް ފެތުރުމަކީ ފިތުނަ ނޫން އެހެން އެއްޗަކަށް ނުވާނެއެވެ. އެހެން ކަމުން ކޮވިޑަށްވުރެ ބާރު މިނުގައި ފެތެރެމުން އަންނަ ފިތުނަވެރި ނުވަތަ އަސްލެއް ނެތް ވާހަކަތަކުން އަޅުގަނޑުމެން ދުރުވާން އެބަޖެހެއެވެ.
ޚިޔާލުތައް