ފުވައްމުލައް ސިޓީގައި އަލުން ކޮވިޑް-19 ވެކްސިން ޖަހަން ފަށާއިރު އިސްކަމެއް ދެނީ ދާންމަތި ވެފައިވާ މީހުނާއި އުމުރުން 80 އަހަރުން މަތީގެ މީހުނަށެވެ.
މިއަދު ވެކްސިން ޖަހަން ފަށާއިރު އެޕޮއިންޓްމެންޓް ހައްދައިގެން ދުވާލަކަށް 20 ނަމްބަރު ދޫކޮށްގެން ވެކްސިން ޖެހުން ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެދުމަށް ގުޅުމަށް 2 ނަމްބަރެއް އާއްމުކޮށްފައި ވެއެވެ.
އުމުރުން 80 އަހަރުން މަތީގެ މީހުންނާއި އެންދުމަތިވެފައިވާ މީހުންނަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓް ހަދައިގެންނެވެ.
އެނދުމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ގޮސް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ. އެގޮތުން އެޕޮއިންޓްމެންޓަށް ނަން ނޯޓުކުރެވޭ ފަރާތަށް ވެކްސިން ޖެހުމަށް ހޮސްޕިޓަލުގެ ފަރާތުން ދާނެ ދުވަހަކާއި ވަގުތެއް އެފަރާތަށް އަންގަމުން ގެންދާނެކަމަށް ވެއެވެ.
މީގެ އިތުރުން ޖަމާއަތްތެރިންނާއި އެއާޕޯޓުގައި މަސައްކަތް ކުރާ އާއްމުންނާއި ދިމާވާ ފަރާތްތަކާއި ކަނޑުބޯޓު ފަޅުވެރިންނަށް ވެކްސިން ޖެހުމަށް ހުއްދަ ލިބިފައިވާ ކަމަށް ފުވައްމުލައް އީއޯސީން ކުރިން ހާމަކޮށްފައި ވެއެވެ.
ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް އެއްވެސް މީހަކަށް ވެކްސިން ޖަހާފައި ނުވާނެކަމަށް ރޭގެ ޕްރެސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ސިނިއާ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދު ޔަގީންކަން ދެއްވިއެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ތަފާތު ސަބަބުތަކާ ހެދި އަދި މިވަގުތު ވެކްސިން ޖެހިފައި ނުވާކަމަށް ވެސް ހާމަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގައި މިއަދު ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި.
ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް 6862070 އާއި 6860658 އަށް ގުޅުމަށް އެދިފައިވެއެވެ. އަދި އިތުރުމައުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 6862069 އަށް ގުޅުމުން ކަމާިއ ގުޅޭ އިތުރު މައުލޫމާތު ލިބޭނެކަމަށް ވެއެވެ.
ފުވައްމުލައް ސިޓީގައި އުމުރުން 80 އހަރުން މަތީގެ 220 މީހުން ތިބި ކަމަށް ވެއެވެ. މިވަގުތު ލިބިފައިހުރި ވެކްސިން އިން އެއެންމެނަށް ވެސް ވެކްސިން ޖެހޭނެކަމަށް ވެއެވެ. އަދި ވަރަށް އަވަހަށް އިތުރު ވެކްސިން ލިބޭނެ ކަމަށް ވެއެވެ.
ޚިޔާލުތައް