އިއްޔެއަކީ ފުވައްމުލައް ސިޓީއިން ގިނަ އަދަދެއްގެ ކޮވިޑް-19 ޕޮޒިޓިވް ކޭސްތަކެއް ފެނުނު ދުވަހެކެވެ. އެގޮތުން 17 ޕޮޒިޓިވް ކޭސް ރިކޯޑުކުރެވިފައި ވެއެވެ. މިއީ މިހާތަނަށް އެއްދުވަހެއްގެ މައްޗަށް ފުވައްމުލައް ސިޓީއިން އެންމެ ގިނަ ޕޮޒިޓިވް ކޭސް ރެކޯޑު ކުރެވުނު ދުވަހެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަލީގެ ނިޝާން ހުރެގެން ފްލޫ ކުލިނިކަށް ދެއްކި މީހުންނާއި ބަލިމީންގެ ޑަރެކްޓް ކޮންޓެކްޓުން ހިމެނޭ ކަމަށް ފުވައްމުލަކު ޕަބްލިކް ހެލްތު ޔުނިޓުން ހާމަކުރައްވައެވެ. އެއާއެކު ހާމަވަނީ ރަށުތެރެގައި ބަލި އުޅޭ ކަމެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދިފައި ވެއެވެ. އަދި ސާމްޕަލް ނަގައި ނަތީޖާ ނުލިބި ގިނަ ދުވަސް ވިޔަސް ރައްކާތެރިކަން އިސްކުރުމަށް ހޮސްޕިޓަލުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
ފުވައްލައް ސިޓީއިން ނަގާ ސާމްޕަލްތައް ޓެސްޓް ކުރުމަށް ފޮނުވަން މިޖެހެނީ މާލެއަށެވެ. ނަމަވެސް ފުވައްމުލައް ސިޓީ ހިމެނޭގޮތަުން ކޮވިޑް ފެސިލިޓިއާއި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ މެޝިންތައް ބެހެއްޓިފައި ވަނީ އައްޑޫ ސީޓިގައެވެ. މީގެ ކުރީފަހަރު ވެސް އައްޑޫ ސިޓީއިން ފުވައްމުލަކުގެ ސާމްޕަލް ތައް ޓެސްޓް ނުކުރެވޭ މައްސަލާގައި ފުވައްމުލަކުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މާލެއާއި އަދި އެހެން ގިނަ ރަށްރަށުގެ ގިނަ އަދަދެއްގެ ސާމްޕަލްތައް މާލެއިން ޓެސްޓު ކުރަންޖެހުމުން ސާމްޕަލްތަކުގެ ނަތީޖާ ލިބުން ވަނީ ވަރަށް ބޮޑުތަން ލަސްވެފައެވެ. އެގޮތުން ސާމްޕަލް ނަގާފައިވާ ބައެއް މީހުންނަށް 5 ދުވަސް ވާ އިރުވެސް ނަތީޖާ ނުލިބޭ ކަމުގެ ކަންބޮޑުވުން ފުވައްމުލައް ސިޓީގެ އާންމުން އަންނަނީ ފާޅުކުރަމުންނެވެ.
އެގޮތުން އިއްޔެ ޕޮޒިޓިވްވި އަދަދު ކުއްލިއަކަށް އެހާ ގިނަވީ ބެލެވޭ ގޮތުން ފުވައްލައް ސިޓީގެ ސާމްޕަލްތައް ޓެސްޓުގެ ނަތީޖާ ނުލިބި 3-4 ދުވަސް ހުރުމަށްފަހު އިއްޔެ ޓެސްޓްގެ ނަތީޖާ ލިބިގެން ކަމަށްވެއެވެ.
އިއްޔެގެ އަދަދުތަކާއެކު ފުވައްމުލައް ސިޓީއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި ޖުމްލަ މިވަނީ 111 އަށް އަރާފައެވެ. ބަލީގެ އެކްޓިވް ކޭސްގެ އަދަދު 38 ގައި ހުރި އިރު ބަލިން ރަނގަޅުވެފައިވަނީ 74 މީހުނނެވެ. އެކްޓިވް އަދަދު ތަކުގައި ރަށުން ބޭރުގެ 1 ކޭސް ހިމެނެއެވެ.
ޚިޔާލުތައް