ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހުން ހަލުއިކުރުން ޖެހޭ ކަމަށް މިހާރުގެ ނަމްބަރު ތަކުން ހާމަވެއެވެ. ފާއިތުވި 2 ދުވަހުން ވެސް ވެކްސިން ޖަހާފައި ވަނީ ކޮންމެ ދުވަހަކު 50 އެއްހާ މީހުން ކަން ފުވައްމުލަކު ހޮސްޕިޓަލުން އާއްމުކުރާ ތަފާސް ހިސާބުތަކުން ހާމަވެއެވެ.
މިދުވަސްވަރަކީ ފުވައްމުލައް ސިޓީގައި ވެސް ކޮވިޑް-19 ފެތުރެމުން ދާ ދުވަސްވަރެއްކަމުން ރައްކާތެރިކަމުގެ އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ޖެހުންކަން ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ރާއްޖެއިން ކޮވިޑްޖެހިގެން މަރުވި މީހުންނާއި ހާލުބޮޑުވެގެން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުތަކަށް ބަލާއިރުވެސް މިކަން ހާމަވެއެވެ. ވެކްސިން ޖެހުމުން ބަލީގެ އަސަރު މީހާއަށް ކުރާލެއް ކުޑަވެ ބަލިޖެހުމުގެ ފުރުސަތު ވެސް ހަނިކޮށްދެއެވެ. ވުމާއެކު ވެކްސިން ޖެހުން މުހިންމު ވަނީ އަދި ބަލިޖެހުނުކަމުގައި ވިޔަސް އެމީހެއްގަ ބަލީގެ ހާާލަތު ގޯސް ނުވެ ސަލާމަތްވުމުގެ ފުރުސަތު ބޮޑުތަނުން އިތުރުކޮށްދޭތީއެވެ.
މިހާރު ފުވައްމުލައް ސިޓީގައި ތިބި ކޮވިޑް-19ގެ އެކްޓިވް 242 ކޭސްގެ ތެރެއިން 86 ފަރާތަކީ ވެކްސިން ނުޖެހޭ، ނުވަތަ އެލިޖިބްލް ނޫން (18 އަހަރު ދަށް) ކުޑަކުދިންނެވެ. މިއީ ބަލި ޖެހިފައިވާ މީހުންގެ %35.5 އެވެ. އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖހާ ހުރި އެކަކު ހިމެނޭއިރު، އެއިގެ ތެރެއިން 77 މީހުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައި އަދި 77 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ރޭ ބޭއްވި ފުވައްމުލައް ސިޓީ އޯއީސީ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސާ އާމިނަތު އަހުމަދު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީއިން 242 މީހަކު ބަލީގެ އެކްޓިވް މީހުންގެ ގޮތުގައި ތިބިއިރުވެސް ހާލުދެރަވެގެން ވެންޓިލޭޓަރަށް ލާންް ޖެހޭ ހިސާބަށް އެއްވެސް މީހަކު ގޮސްފައި ނުވާކަން ފާހަގަ ކުރެއެވެ. 2 މީހަކަށް އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ފޮނުވާލީ ވެސް އެމީހުންގެ ހުރި އެހެން ބަލިތަކަށް ޚާއްސަ ފަރުވާ ހޯދުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ. ފުވައްމުލައް ސިޓީ އިން ކޮވިޑް ބަލީގައި ތިބި އެންމެން ވެސް ތިބީ ގޭގައި އައިސޮލޭޓް ކުރެވިގެންނެވެ.
ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީގެ %74.6 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ދެވަނަ ޑޯޒް ޖަހާފައި ވަނީ %28.3 މީހުންނެވެ. ރާއްޖޭގައި ޖަހާ ވެކްސިންތަކުގެ ފަހުގެ ދިރާސާތަކުން ދައްކަނީ ކޮވިޝީލްޑް އެފިކަސީ ލެވެލް %70 އެވެ. އަދި ސިނޮޕާމްގައި %79ގައި ހުރިކަމަށެވެ. ވުމާއެކު މި ވެކްސިންތަކުން ހާޑް އިމިއުނީޓއަކަށް ދިއުމަށް އާބާދީގެ %85 މީހުންނަށް ވެކްސިން ޖަހަން ފުރިހަމަ ކުރަން ޖެހެއެވެ.
މި މެއި މަސް ފެށުނު އިރު ފުވައްމުލައް ސިޓީގައި ވަރަށް ފޯރީގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. އެދުވަސްވަރު ބައެއް ދުވަހު 150 އެއްހާ މީހުންނަށް ވެސް ވެކްސިން ޖަހާފައިވެއެވެ. ނަމަވެސް އެއިގެ ފަހުން ރާއްޖެއިން ކޮވިޝިލްޑް ވެކްސިން މަދުވުމުން އާއްމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލާފައި ވެއެވެ.
އެއާއެކު ފުވައްމުލައް ސިޓީގައި ވެކްސިން ޖެހުން ވަރަށް ބޮޑުތަން ދަށްވެގެން ދިޔައެވެ. އަދި މިމަހު 6 ގެ ފަހުން ފުވައަމުލައް ސިޓީގެ ކޮމިއުނީޓިއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެކްސިން ޖެހުން މެދުކަނޑާލާފައި ވެސް ވެއެވެ. ނަމަވެސް އަލުން ވެކްސިން ޖަަހަން މިވަނީ ފަށާފައެވެ.
މި މޭމަހުގެ 6 ގެ ފަހުން ބައެއް ދުވަސް ދުވަހު އެއްވެސް ގޮތަކަށް ވެކްސިން ޖެހުން ކުރިޔަށް ގެންގޮސްފައި ނުވިޔަސް އަލުން ވެކްސިން ޖަހަން ފަށާއި މަޑުމަޑުން މީހުން އިތުރުވާކަން ނަމަބަރު ތަކުން ހާމަވެއެވެ.
އެގޮތުން ފާއިތުވި ހަފުތާގައި އެވްރެޖްކޮށް ދުވާލަކަށް 12 ވަރަކަށް މީހުން ވެކްސިން ޖެހި ކަމުގައި ވިޔަސް އިއްޔެ އާއި އެއގެ ކުރީ ދުވަހު މިވަނީ ކޮންމެ ދުވަހަކުވެސް 50 އެއްހާ މީހުން ވެކްސިން ޖަހާފައެވެ.
މިހާރު ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނެވެ. މިވެކްސިން ޖެހުމުން 2 ވަނަ ޑޯޒް އަވަހަށް ޖަހަން ފުރުސަތު ލިބެއެވެ. އެއީ ސިނޮފާމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޮޒްގެ 4 ހަފުތާ ފަހުން ޖަހާދޭތީއެވެ. އެގޮތުން ފުރަތަމަ ޑޯޒާއި 2 ވަނަ ޑޯޒް ވެސް ފުވައްމުލައް ސިޓީގައި މިހާރު އާއްމުކޮށް ހުޅުވާލައިގެން ޖަހަނީ ސިނޮފާމް ވެކްސިންނެވެ. ނމަަވެސް ޚާއްސަ ޙާލަތްތަކުގައި ތިބޭ މީހުންނަށް ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖަހައި ދޭކަމަށް މައުލޫމާތު ލިބެއެވެ.
ޚިޔާލުތައް