ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ހިންގާ ގަވާއިދަށް އެކުލަވާލިއިރު ސިޓީ ކައުންސިލްގެ މެމްބަރުންގެ ހާޒިރީ މެނުއަލްކޮށް ބަލަހައްޓަން ނިންމާފައިވާތީ އެކަމުގައި އާއްމުރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ކައުންސިލް މެމްބަރުންނަށް އަމާޒުވެފައި ވެއެވެ. މިމައްސަލާގައި ފާޑުކިޔުމާއިއެކު ޕްރެޝަރު ބޮޑުވެގެން އެނިންމުން ބަދަލުކުރުމަށް އިސްލާހެއް ކައުންސިލަށް މިހާރު ހުށަހާޅަފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.
މި މެއި މަހު 26 ވަނަ ދުވަހު ބޭއްވި ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ އާއްމު ޖަލްސާގައި މި ދައުރުގެ ހިންގާ ގާވާއިދު މިހާރު ފާސްކޮށްފައިވެއެވެ.
އިއްޔެ އާއްމު ކުރެވުނު އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ އާއްމު ޖަލްސާގައި ނިމުނު ކަންތައްތަކަށް ބަލާއިރު އެޖަލްސާގައި ފާސްކޮށް ފައިވަނީ ކައުންސިލްގެ 4 ވަނަ ދައުރުގެ ހިންގާ ގަވާއިދެވެ.
އެ ގަވާއިދުގައި ކުރިން ކުރަމުން އައި ގޮތް ބަދަލުކުރުމަށް 2 ކަމެއް ހުށަހަޅާފައި ވެއެވެ. ފުރަތަމަ ކަމަކީ ހިންގާ ގަވާއިދުގެ 43 ވަނަ މާއްދާ، ރިޔާސަތުން ވޯޓުގައި ބައިވެރިވުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައެވެ. އެމައްސަލާގައި ކައުންސިލްގެ އިއްތުފާގުން، 6 މެމްބަރުންގެ ވޯޓާއެކު ނިންމާފައިވަނީ މޭޔަރަށް ވޯޓުދެވޭނީ، ވޯޓު އެއްވަރުވާ ހާލަތްތަކުގައި ގޮތް ކަނޑައެޅުމުގެ ބާރު (ޑިސައިޑިން ވޯޓުގެ ގޮތުގައި) އެކަނި ކަމަށެވެ. މާނައަކީ އެހެން މެމްބަރުންނެކޭ އެއްގޮތަށް ހުށަހެޅުންތަކަށް މޭޔަރަށް ވޯޓު ނުލެވޭނެއެވެ. އެ ނިންމުން ވެސް ވަނީ ރައްޔިތުންގެ މެދުގައި ހޫނުވެ، ގިނަ ޝުއޫރުތަކެއް އެކަމާ ދެކޮޅަޅަށް ފާޅުކޮށްފައި ވެއެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ސިޓީ ކައުންސިލްކަން ވެސް އަމަލުކުރަނީ އެއުސޫލުން ކަމަށް ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދު ރޭ ހާމަކުރައްވިއެވެ.
ދެވަނަ އިސްލާހަކީ ހިންގާ ގަވާއިދުގެ 54 ވަނަ މާއްދާގެ ރ.، ކައުންސިލް މެމްބަރުންގެ ހާޒިރީ ރެކޯޑު ބެލެހެއްޓުމާއި ގުޅޭ ގޮތުން ނިންމި ނިމުމެވެ.
ކުރީގެ ސިޓީ ކައުންސިލްގެ ހިންގާ ގަވާއިދުގައި އޮތީ “ކައުންސިލަރުންގެ ހާޒިރީ ބަލަހައްތަން ވާނީ އެކައުންސިލްގެ އިދާރީ މުވައްޒަފުންގެ ހާޒިރީވެސް ރެކޯޑުކުރާ ސިސްޓަމުގައި” ކަމަށެވެ. އައު ހިންގާ ގަވާއިދަށް ކައުންސިލް މެމްބަރު އަބަދުﷲ ނާސިރު ހުށަހަޅުއްވައި ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އާއި ކައުންސިލް މެމްބަރު އާމިނަތު އިނާޔާގެ ވޯޓާއެކު 3-2 ވޯޓުގެ އަޣުލަބިއްޔަތުން ފާސްކުރީ ‘ކައުންސިލަރުންގެ ހާޒިރީ ރެކޯޑް ބަލަހައްޓަންވާނީ ވަކިން މެނުއަލްކޮށް، އިދާރާއިން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ” މިހެންނެވެ.
މި ނިންމުމާއި ދެކޮޅަށް ވޯޓު ދެއްވީ ޕީޕީއެމް އަށް ނިސްބަތްވާ ދެ ކައުންސިލް މެމްބަރުންނެއެވެ. އާއިޝަތު އަބްދުލް ގާދިރު އާއި މުހަމްމަދު އިސްމާއިލް އެވެ. އަދި މިހުށަހެޅުމަށް އެމްޑީޕީ ކައުންސިލަރު އިބްރާހިމް މުހައްމަދު ވަކިގޮތަކަށް ވޯޓު ނުދެއްވައެވެ. ނަމަވެސް އޭނާގެ ވޯޓާއި މެދު ފާޑުކިޔާ ފަރާތްތަކުން ބުނަނީ ނޭދެވޭ ގޮތަކަށް ކަމެއް ފާސްވެގެންދާން އެއާއި އިދިކޮޅަވޯޓު ނުދީ ދުކޮށްލުމަކީ ނުވަތަ ވަކިކޮޅަކަށް ވޯޓު ނުދިނުމަކީ ވެސް އެކަމުގައި ބައިވެރިވުން ކަމުގައި ބެލެވޭނެކަމެއް ކަަމށެވެ.
މި ނިންމުމާއި މެދު ރައްޔިތންގެ ފާޑުކިޔުންތައް އިންތިހާއަށް ބޮޑުވެގެން ގޮސްފައިވެއެވެ. ކައުންސިލަރުން އޮފީހަށް ނުނިކުމެ މުސާރަ ނަގަން މަގުފަހިކުރާ ކަމެއްގެ ތުހުމަތާއި، ހާޒިރީއަށް ބޭނުން ބަދަލެއް ގެނެވޭނެ ގޮތަކަށް މަގުފަހިކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ވެސް ތުހުމަތު ކުރެއެވެ.
ނަމަަވެސް ކައުންސިލް މެމްބަރުން ވިދާޅުވަނީ އެކަމުގައި ގޯސް އެއްވެސް ނިޔަތެއް އަދި ވިސްނުމެއް ވެސް ނެތް ކަމަށާއި ކައުންސިލްރަން ނަކީ ސިވިލް ސާވިސް މުވައްޒަފުން ގޮތަށް 6 ގަަޑިއިރު މަސައްކަތް ކުރަން ޖެހޭ ބައެއް ނޫންކަމަށާއި އެމީހުން މަސައްކަތަށް އައީ 24 ގަޑިއިރު މަސައްކަތް ކުރުމުގެ ވިސްނުމުގައި ކަމަށެވެ. ވުމާއެކު އެމީހުންގެ ވިސްނުމަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ވުރެ ކުރިން ވެސް މަސައްކަތަށް ނުކުތުން ކަމަށާއި އަދި މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރުން ކަމަށެވެ.
ނަމަވެސް ފުވައްމުލައް ސިޓީގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އާއްމުންގެ ގޮނަބަޔަކު ބުނާ ގޮތުގައި އެނިންމުމުން މެމްބަރުންގެ މަސައްކަތުގެ އަޚުލާގާއި، މެމްބަރުންނާއި މެދު ކުރެވޭ އިތުބާރު ކުޑަވެގެން ދާކަމަށެވެ. އަދި މެމްބަރުން މަސައްކަތް ކުރާ ގޮތް ބެލޭނެ އެކަށީގެންވާ ނިޒާމެއް ނެތް އިރު އެފަދަ ކަމަކުން މެމްބަރުންނަށް ނާޖާއިޒު ފައިދާ ހޯދުމުގެ ދޮރު ހުޅުވިގެންދާކަމަށެވެ.
މަސައްކަތަށް ގަޑިއަށް އެމެމްބަރުން ނުކުމޭތޯ ބަލަން ރައްޔިތުން ބޭނުން ކަމަށާއި އެކަން ބެލެހެއްޓުމަށް އޮތް އެންމެ ފުރިހަމަ ގޮތަކީ އޮޓޯމެޓިކް ސިސްޓަމުން ހާޒިރީ ބެލެހެއްޓުން ކަމަށެވެ. އެގޮތުން ފިންގާޕްރިންޓް ނުވަތަ ބައޯމެޓްރިކް އައިޑެންޓިފިކޭޝަން ބޭނުންކޮށްގެން މަސައްކަތަށް ހާޒިރުވިކަން ރައްޔިތުންނަށް ޔަގީންކޮށްދޭނޭ ނިޒާމެއް ބޭނުންކުރުން މުހިންމު ކަމަށެވެ.
ކުރީގައި 3 އަހަރަށް އިންތިޚާބުކުރެވުނު ކައުންސިލްތަކުގެ ހަޒިރީ މައްސަލަތަކަކީ ފެންނަން ހުރި ހަގީގަތް ކަމަށާއި، އެމީހުންނާއި މެދު ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތިފައި ވީހިނދު މިފަހަރު އިންތިޚާބު ކުރީ 5 އަހަރަށް ވެފައި އެފަދަ (ނާޖާއިޒު) ކަންކަމަށް ދޮރު ބަންދުކުރެވިފައި ވާކަން ޔަގީން ކުރެވެންވާނެ ކަމަށް ބުނެ ފާޑުކިޔުންތައް ގިނަވެފައި ވެއެވެ.
ރައްޔިތުންގެ ފާޑުކިޔުންތަކާއެކު މި ނިންމުން ވެސް ބަދަލުކުރާނެ ކަމަށް ކަންސިލް މެމްބަރުން ބުނަމުން އާދެއެވެ. އަދި ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލް ވަނީ މި ނިންމުން ބަދަލުކުރުމަށް އިސްލާހެއް ހުށަހަޅާފައި ކަމަށް މައުލޫމާތުތު ލިބެއެވެ.
ޚިޔާލުތައް
Marhaba .hushihai beifulhun thikurahvaa masahkathaha .