ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖަހާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ފުވައްމުލައް ސިޓީ ކައުންސިލުން ހުށަހަޅައިފިއެވެ. މިއިނާމު ހުށަހަޅާފައި ވަނީ މި އޮގަސްޓް 26 އިން ފެށިގެން އެއް ހަފުތާއަށް، ސެޕްޓެމްބަރު މަހުގެ 2 އާއި ދެމެދު ވެކްސިން ޖާހަ ފާރަތްކުގެ ތެރެއިން ގުރުއަތުން ހޮވޭ 8 ފަރާތަކަށެވެ.
‘އެންމެން ގުޅިގެން ވެކްސިން ޖެހި އަދަދު %90 އިން މަތިކުރުމަށް’ އިއްޔެ ފެށި ޚާއްސަ ކެމްޕޭނުގައި ވެކްސިން ޖަހާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ އިނާމު ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް ފުވައްމުލަކުގެ މަޝްހޫރު ރެސްޓޯރަންޓަކުން 2 މީހުންގެ ކެއުން ދިނުމަށް ވެސް ހުޅުވާލާފައި ވެއެވެ. އެގޮތުން ކަނޑައަޅާފައިވާ 5 ރެސްޓޯރެންޓަކީ ރޯޔަލް ރެސްޓޯރަނެޓް، ޕެބްލްސްބައި ރޯޔަލް، ކޫލް ބަނާނާ، ކޭކް މާލަމް އަދި ޖެޕްލިން އެވެ.
މި ކެމްޕޭނުގެއި ވެކްސިން ޖެހުން ކުރިޔަށް ގެންދެވެނީ ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)ގެ ހޯލުގައެވެ. ވެކްސިން ޖެހުމަށް ހަމަޖެހުމަށް ހުޅުވާލެވިފައިވާ ވަގުތަކީ ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 1:30 އިން ހަވީރު 5:00 އަށެވެ.
ސިޓީ ކައުންސިލުން ރޭ ބޭއްވި މައުލޫމާތު ހާމަކުރުމުގެ ބައްދަލުވުމެއްގައި ވިދާޅުވީ މި އިނާމުތަކަކީ ހެޔޮއެދޭ ފަރާތްތަކާއި ފުވައްމުލަކުގެ ބައެއް ވިޔަފާރިތަކުން މިކަމަށް ވެދީފައިވާ އެހީތަކެއް ކަމަށެވެ. މިކަމުގައި ސިޓީ ކައުންސިލުގެ ބަޖެޓުން އެއްވެސް މިންވަރެއް ޚަރަދުކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.
މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ (24 އޮގަސްޓް 2021) ހިސާބުތަކުން ދައްކަނީ:
12 އަހަރުން މަތީގެ އާބާދީގައި 2 ޑޯޒް ޖެހިފައިވަނީ %65 މީހުންނަށް އަދި އެންމެ ޑޯޒެއް ޖެހިފައިވަނީ %87 މީހުންނަށެވެ.
ދިރިއުޅޭ މުޅި އާބާދީއަށް ބަލާއިރު 2 ޑޯޒް ޖެހިފައިވަނީ %49 މީހުންނަށް އަދި އެންމެ ޑޯޒެއް ޖެހިފައިވަނީ %66 މީހުންނަށެވެ.
ހެލްތު މިނިސްޓްރީގެ މިއަދަދުތައް ގެނެސްފައި ވަނީ ރަށުގައި ދިރިއުޅެ އާބާދީ ކިހާވަރެއް ކަމުގައި ބަލައިގެން ކަމެއް އެގޭކަށް ނެތެވެ.
ނަމަވެސް މިއަދަދު ތަކާއި ފުވައްމުލައް ސިޓީ ކައުންސިލުން ބަލާ އަދަދުތަކުގައި ތަފާތު ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ރަށުގައި ދިރިއުޅޭ އާބާދީކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން އަންދާޒާ ކޮށްފައިވަނީ 8،000 އެއްހާ މީހުންނެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ތަފާސް ހިސާބާ ބެހޭ އޮފީހުން ލަފާކޮށްފައިވާ ފުވައްމުލަކުގައި ދިރިއުޅޭ އާބާދީ އަކީ 9963 މީހުން ކަމަށެވެ.
ފުވައްމުލައް ސިޓީ ކޮވިޑް ޑޭޝް ބޯޑުގެ އަދަދުތަކުން 25 އޮސްޓް 202 އާއި ހަމަޔަށް ވެކްސިން ޖަހާފައިވަނީ ފުރަތަމަ ޑޯޒް 7،143 މީހުން އަދި 2 ވަނަ ޑޯޒް 5،338 މީހުންނަށެވެ. މިއަދަދު ތަކާއި މިކަލް ނިއުސްގެ 12 އަހަރުންމަތީގެ ފުވައްމުލައް ސިޓީގައި ދިރިއުޅޭ އާބާދީ ކަމަށް އަންދާޒާކުރާ 8،783 މީހުންނަށް ބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައިވާ އަދަދު%92 މީހުން އަދި ދެވަނަ ޑޯޒް %69 މީހުންނަށް ޖެހިފައި ވެއެވެ.
ހެލްތު މިނިސްޓްރީގެ މިއަދަދާއި އަޅާބަލާއިރު %5 އާއި %4 ގެ ތަފާތެއް އެބަހުއްޓެވެ. މުޅި ރަށުގެ އާބާދީކަމަށް ގާއުމީ ތަފާސް ހިސާބެހޭ އޮފީހުން އަންދާޒާކޮށްފައިވާ 9963 މީހުންނަށް ބަލާއިރު މުޅި އާބާދީގެ %72 މީހުންނަށް ފުރަތަމަ ޑޯޒް އަދި %54 މީހުންނަށް 2 ވަނަ ޑޯޒް ޖެހިފައި ވެއެވެ. މިއަދަދުތައް ވެސް ހެލްތު މިނިސްޓްރީގެ އަދަދުތަކާއި %6 އަދި %5 ގެ ތަފާތު އެބަހުއްޓެވެ.
ދިރިއުޅޭ އާބާދީގެ ތެރޭގައި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ހިމެނޭނެއެވެ. ފުވައްމުލައް ސިޓީގެ 12 އަހަރުން ދަށުގެ އާބާދީގެ ގޮތުގައި އަންދާޒާ ކުރެވިފައިވަނީ 1،322 ކުދިންނެވެ. އަދި 12 އަހަރާއި 18 އާހަރައި ދެމެދުގެ އާބާދީކަމަށް ބެލެވިފައިވަނީ 1262 އެވެ. ނަމަވެސް ސްކޫލް ކުދިންގެ ގޮތުގައި ވެކްސިން ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ލިބިފައިވަނީ 1048 ކޮންސެންޓް ފޯމްކަމަށް މައުލޫމާތު ހާމަކުރައްވާފައި ވެއެވެ.
ވުމާއެކު 12 އަހަރުން މަތީގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހިގެން ނޫނީ ރަށުގައި ދިރިއުޅޭ އާބާދީގެ %90 އަށް ވެކްސިން ޖެހުމަަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
ޚިޔާލުތައް