މާދަމާ (21 ނޮވެމްބަރު 2021)އިން ފެށިގެން ފުވައްމުލައް ސިޓީގައި 50 އަހަރުން މަތީ މީހުނަށް ކޮވިޑް-19ގެ ބޫސްޓާ ޑޯޒް ޖަހަން ފުވައްމުލަކު ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.
ބޫސްޓާ ޑޯޒް ޖެހުމަށް ހަމަޖެހިފައި ވަނީ ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރު 1:30 އިން ހަވީރު 3:30 އަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުނެވެ. ބޫސްޓާ ޑޯޒް ކޮވިޑް 19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް 6 މަސް ދުވަސް ވެފައިވާ ފަރާތްތަކަށެވެ.
މީގެ ކުރިން (20 އޮކްޓޯބަރު 2021) ކޮވިޑް-19ގެ ބޫސްޓާ ޑޯޒް ޖެހުމަށް ހުލުވާލާފައި ވަނީ އެޗްޕީއޭއިން ކަނޑައަޅާ ބަލީގެ ނާޒުކު މީހުންނަށާއި، ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި އުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ. މާދަމާއިން ފެށިގެން އެބަޔަށް އިތުރު މިވަނީ 50 އހަރުން މަތީގެ މީހުންނެވެ.
ބޫސްޓާ ޑޯޒް ނުވަތަ ބޫސްޓާ އިންޖެކްޝަން އަކީ ބަލިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ފަހު އަނެއްކާވެސް ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ޖަހާ ވެކްސިންގެ ޑޯޒެވެ. އެގޮތުން ބޫސްޓާ ޑޯޒް ޖަހަނީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު މީހުންނަށެވެ. ނުވަތަ ބަލީގެ ނުރައްކާ ބޮޑު މީހުންނަށެވެ. ކޮވިޑް1-9 ގެ ވެކްސިން ދޑޯޒް ފުރިހަމަ ކޯސް 6 މަސް ދުވަސް ވާއިރު ކޮންމެވެސް ވަރަކަށް ދިފާއީ ބާރު ކުދަވެގެން ދާކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ. ވުމާއެކު ކޮވިޑް-19އިން ދިފާޢުވުމުގެ ބާރު ގަދަ ކުރުމުގެ ގޮތުން ބޫސްޓާ ޑޯޒް ޖެހުމުން ރައްކާތެރިކަން އިތުރަށް ލިބޭކަން ވަނީ ޔަގީން ކުރެިވފައެވެ.
ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިނެވެ.
ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންގެތެރޭގައި ގުނަވަން ބަދަލުކޮށްފައި ތިބޭ މީހުންނާއި، އަދި ދިފާއީ ނިޒާމުގެ ބާރުދަށްކުރާ ބޭސް ބޭނުންކުރާ މީހުންނާއި، ޑައިލިސިސް ހަދާ މީހުންނާއި، ބަރުދަން ލުއި މީހުންނާއި ކެންސަރުބަލީގެ ފަރުވާ ހޯދާ މީހުންނާއި ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން އޮކްސިޖަން ތެރަޕީ ނަގާ މީހުންނާއި، ހިތުގެ ބަލި އަދި ފުރަމޭގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންނަށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.
ކޮވިޑް-19 ބަލީގެ ވެކްސިންއާއި އެހެނިހެން ވެކްސިންތައް އެޕްއިންޓްމެންޓާކާއި ނުލައި ޖަހައި ދެމުން ދާނެކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ. އެހެނިހެން ވެކްސިންތައް ވެސް ޖެހުމަށް ހަމޖެހިފައިވަނީ މެންދުރުފަހު 1:30 އިން ހަވީރު 3:30 އަށެވެ.
ޚިޔާލުތައް