ހުޅުމާލޭގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2022 ގެ ކްއާޓާ ފައިނަލަށް ފުވައްމުލަކު ސިޓީގެ މާލެގަން ފުޓްސަލް ޓީމު ދަތުރުކޮށްފިއެވެ. މާލެގަން ފުޓްސަލް ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރީ އެމުބާރާތުގެ ދެވަނަ ބުރުގައި ށ.ކަނޑިތީމުގެ ޓީމާއި ވާދަކޮށް 4-3 ލަޑުން މެޗު ކާމިޔާބުކޮށްގެނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މާލެގަން ޓީމުގެ ޖޯޒީ ނަންބަރު 9 ސާދު ނިޒާރެވެ.
ދާދިހަމަހަމަ ކުޅުމެއް ފެނުނު މިމެޗު ފެށިގެން ފުރަތަމަ ލީޑު ނެގީ މާލެގަން ޓީމުންނެވެ. މެޗު ފެށިގެން 3 ވަނަ މިނިޓުގައި މާލެގަން ޓީމުގެ ޖޯޒީ ނަމްބަރު 7 ލަނޑެއް ކާމިޔާބުކޮށްދީ މާލެގަން ޓީމަށް ލީޑު ނަގައިދިނެވެ. ލީޑާއިއެކު ހަމަޖެހިލައިގެން މާލެގަން ޓީމުން ކުޅެމުންދަނިކޮށް މެޗުގެ ފުރަތަމަ ހާފު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ކަނޑީތީމު ތީމުގެ ޖޯޒީ ނަމްބަރު 11 އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އޭގެ 3 މިނިޓްފަހުން މާލެގަން ޓީމުގެ ޖާޒީ ނަމްބަރު 9 ސާދު އަރިމަތިން ބާރަށް ފޮނުވާލި ބޯޅަ ކަނޑިތީމުގެ ގޯލުގެ ތެރެއަށް ވައްދާލައިގެން ދެވަނަ ފަހަރަށް މެޗު ލީޑު މާލެގަން ޓީމަށް ނަގައިދިނެވެ. މާލެގަން ޓީމުން ދެވަނަ ގޯލް ކާމިޔާބުކުރިފަހުން މިނެޓެއް ނުވަނީސް ކަނޑިތީމުގެ ޓީމުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މިނަތީޖާއާއިއެކުގައެވެ.
ދެވަނަ ހާފު ފެށިގެން އަނެއްކާވެސް ލީޑު ނެގީ މާލެގަން ޓީމުންނެވެ. މިފަހަރުވެސް ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސާދުއެވެ. ގޯލް އޭރިޔާ ތެރެއިން އަރިމަތިން ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ސާދު ފޮނުވާލީ ފަހަތުން ކަނޑިތީމުގެ ކުޅުންތެރިއަކު ވިއްދާފައި ހުއްޓާ ގޯލުގެ ހަނިފަޅިއަށެވެ. އޭގެ ދެމިނިޓްފަހުން އަނެއްކާވެސް ކަނޑިތީމުގެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިނަތީޖާއާއިއެކު މެޗު ނިމެންދަނިކޮށް މެޗުގެ އެންމެ ފަހު ސިކުންކޮޅުތެރޭ މާލެގަން ޓީމުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަނެއްކާވެސް މާލެގަން ކޮޅަށް އަބުރާލިއެވެ. މިނަތީޖާއާއިއެކު މާލެގަން ވަނީ މިމުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ޚިޔާލުތައް