ފުވައްމުލައް ސިޓީގައި 200 ހައުސިން ޔުނިޓު އިމާރާތްކުރަން ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން އިއްޔެ ފްލެޓް އެޅުމަށް އިއުލާން ކުރީ މިއަދު ރައީސުލް ޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށެވެ.
މިޕްރޮޖެކްޓްގެ ދަށުން އަޅަނީ ފްލެޓް ކަމެއް ނޫނީ ވަކިވަކި ގެތަކެއް ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ. ނަމަވެސް އިއުލާންކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 200 ހައުސިން ޔުުނިޓް އެޅުމަށް ބަޔަކު ހޯދުމަށެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުން ރަޖިސްޓްރީވުމަށް 500ރ. ހުށަހެޅުމަށް ފަހު ބިޑް ސެކިއުރިޓީއެއްގެ ގޮތުން 1،020،000ރ. ހުށަހަޅަންޖެހެ އެވެ.
ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައިވާގޮތުން ފުވައްމުލައް ސިޓީގައި އަޅާ 200 ހައުސިންގ ޔުނިޓްގެ ބީލަމުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެ ފައިސާ ބަލައިގަންނާނީ ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި އެމިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،020،000 ރުފިޔާ ކަނޑައަޅާފައިވާއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މިމަޝްރޫއު ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލްވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
ދެކުނުގެ 4 އަތޮޅުގައި 1500 ހައުސިން ޔުނިޓް އަޅަން 2008ގެ އެމްޑީޕީ ސަރުކާރުން އެކުލަވާލި މަޝްރުއުގެ ސްކޯޕް ފަހުން އައި ޕީޕީއެމް ސަރުކާރުން ކުޑަކޮށްފައިވއެވެ. އެމައްޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި އަޅަފައި ވަނީ 200 ހައުސިން ޔުނީޓެވެ. ބާކީހުރި ބައިތައް ބަދަލުކުރީ ހުޅުމާލޭގެ ހިޔާ މަޝްރޫއަށެވެ. ފުވައްމުލައް ސިޓީގައި އެޅި 200 ފްލެޓް އާއްމުނަށް ދޫކޮށް އެތަންތަނުގަިއ މިހާރު މިހުން ދިއުޅެމުން އާދެއެވެ.
ފުވައްމުލަކުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2006 ވަނަ އަހަރެވެ. އެއިގެ ފަުއން އާއްމު އުސޫލުން ގޯތި ދޫކޮށްފައި ނުވިނަމަވެސް ތަފާތު ނަންނަމުގައި އެކި ފަރާތަކަށް އައު ގޮތިތައް ލިބިފައިވެއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ފުވައްމުލައް ސިޓީގައި އިންތިހާއަށް ކުރިމަތިވެފައިވާއިރު އެ ސިޓިކައުނސިލްގެ އަމާޒަކީ މަދުވެގެން 500 ހައުސިން ޔުނިޓު އެޅުމެވެ.
ޚިޔާލުތައް