A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ކުޑަކުރުމަށް ނިންމި ނިމުން އިތުރަށް ދިގުދަންމާލައި އަލުން ކުރީގެ ބޮޑު ފީ ނަގަން ފާސްކޮށްފި

އައިލޭންޑް ސަފާރީ 1، ފުވައްމުލައް ސިޓީ ބޭރުގައި އޮއްވައި ނެގި 2 ސާމަލް ކޮވިޑް19 އަށް ޕޮޒިޓިވްވި

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ކުޑަކުރުމަށް ނިންމި ނިމުން އިތުރަށް ދިގުދަންމާލައި އަލުން ކުރީގައި ބޮޑު ފީ ނަގަން އިއްޔެ (21 އޭޕްރީލް 2022)ބޭއްވި ކުއްލި ޖަލްސާއަކުން ފާސްކޮށްފިއެވެ.

ސަފާރީތަކުގެ ފީބޮޑުކުރުން އެންމެ ފުރަތަމަ ފުވައްމުލައް ސިޓީ ކައުންސިލުން ނިންމީ 12 ޖެނުއަރީ 2022 ވަނަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ 33 ވަނަ ޖަލްސާއިންއެވެ. އެޖަލްސާއިން ނިންމީ މިއަހަރު (2022) އޭޕްރީލް މަހު 1 އިން ފެށިގެން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ދުވަހަކަށް 500 ޑޮލަރު (7710 ރުފިޔާ) ނެގުމަށެވެ. އެއިގެ ކުރިން ނަގަމުން ގޮސްފައި ވަނީ ދުވަހަކަށް 50 ޑޮލަރު (771 ރ.) އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބަނަދަރަށް ވަންނަ ސަފާރީތަކުގެ ފީ ބޮޑުކުރީ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ހެދި ބޮޑެތި އުޅަނދުތައް ބަނދަރަށް ވަނުމަށް ހިތްވަރު ނުދިނުމުގެ ގޮތުންނެވެ.

ސަފާރީތަކުން ނަގާ ފީބޮޑުކުރުން ނިންމި ނިމުން ދަމަހައްޓައިފި

އެނިންމުމަށް އަމަލުކުރަން ފެށިކަން ސިޓީ ކައުންސިލުން ހާމަކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެކަމަށް އައެވެ. އަދި އެއީ މާބޮޑު އަގެއްކަމަށް ބުނެ ފާޑުކިޔުންތައް ސިޓީ ކައުންސިލަށް އަމާޒުވާން ފެށިއެވެ. އެގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ބުނެފައި ވަނީ ބަނދަރަށް ވަންނަ ވަކި ބާވަތެއްގެ އުޅަނދުން ފީނެގުމަކީ ތަފާތުކުރުން ކަމަށެވެ. އެ އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ހާބަރުތަކުން ފީ ނަގަނީ ވަކި ވައްތަރެއްގެ އުޅަނދަށް ބަލައިގެން ނޫން ކަމަށެވެ. ނަގާ އަގު ބިނާވަނީ އެއުޅަނދެއްގެ ކުޑަބޮޑު މިނާއި ބަނދަރުގައި އޮންނަ ވަގުތަށް ކަމަށެވެ. އެހެންވެ، ފުވައްމުލައް ސިޓީ ކައުންސިލުން ހަމައެކަނި ސަފާރީތަކުން ވަކި އަދަދަކަށް ފީ ނަގަން ނިންމުމަކީ ތަފާތުކުރުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން ވެސް ފުވައްމުލައްކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވެސް މި ނިންމުމަށް ވަރަށްބޮޑަށް ފާޑުކިޔާފައި ވެއެވެ.

ގިނަބައެއްގެ ފާޑުކިޔުމާއި ގުޅިގެން 11 އޭޕްރީލް 2022ގައި ބޭއްވި ސިޓީ ކައުންސިލްގެ ކުއްލި ޖަލްސާއަކުން ވަނީ ކުރިން ކަނޑައެޅި ފީ ގިންތިކޮށް ކުޑަކޮށްފައެވެ. ކުޑަކުރި ފީނެގުމަށް ނިމްމާފައިވަނީ މި އޭޕްރީލް މަހު 21 އިންނެވެ. އަދި އޭޕްރީލް މަހު 1-20 އަށް ހިނގާނީ ކުރިން ކަޑައަޅާފައިވާ ބޮޑު ފީކަމަށް ވެސް އެބައްދަލުވުމުން ނިންމިއެވެ.

އެގޮތުން ގިންތިކޮށް ކުޑަކުރި ފީ

– 100 ފޫޓަށް ވުރެ ކުރު ސަފާރީތަކުން ދުވަހަކަށް 150 ޑޮލަރު (2،313 ރުފިޔާ)

– 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވަހަކަށް 200 ޑޮލަރު (3،084 ރުފިޔާ) އެވެ.

ނަމަވެސް، ކުޑަކުރި ފީ ނެގުން ފަށަން އޮތް ދުވަހު، 21 އޭޕްރީލް 2022 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވައި ކުދަކުރި ފިނެގުން މުއްދަތެއް ނެތްގޮތަށް ވަނީ ފަސްކޮށްފައެވެ. އަދި 12 ޖެނުއަރީ 2022 ގެ ނިންމުމާއި އެއްގޮތަށް ބޮޑުކުރި ފީ ނަގަމުން ގެންދާގޮތަށް ވަނީ ނިންމާފައެވެ.

ސަފާރީތަކުގެ ޑައިވީން އެއް މަންޒިލަކަށް ފުވައްމުލައް

މިއީ ރަށުގެ ފަތުރުވެކަމަށް ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. އެގޮތުން އެފަރާތްތަކުން ފާހަގަކުރަނީ، ފުވައްމުލަކުގެ ފަތުރުވެރިކަން ބިނާވެފައި އޮތީ މިޔަރުބަލަން ޑައިވް ކުރުމަށް ކަމަށް ވާއިރު، ފުވައްމުލަކުގެ ބަނދަރުގައި ކުޑަ ފީއެއް ދީގެން ބޮޑެތި ސަފާރީތަކުން، އެމީހުންގެ ޑައިވިން ސާމާނުތައް ބޭނުންކޮށްގެން ފުވައްމުލަކުގެ ފަރަށް ޑައިވް ކުރަން ފެށުމުން ރަށުގެ ގެސްޓް ހައުސްތަކުގެ ޚިދުމަތް ހޯދާނެ ފަތުރުވެރިން ބޮޑުތަނުން މަދުވެގެން ދާނެ ކަމަށެވެ. އަދި ފުވައްމުލަކުގައި ހިންގާ 7 ޑައިވިން ސެންޓަރުގެ ޚިދުމަތް ހޯދާނެ ފަތުރުވެރިން ވެސް މަދުވެގެން ދާނެކަމަށެވެ. އެއާއެކު ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ނަފާވެރިކަން ކުޑަވެގެން ހިންގައިދާނެ ކަމަށެވެ.

ބޮޑެތި ސަފާރީތައް އައިސް ފަޅުގައި އަޅާފައި ތިބުމުން އެއިން ރަށް ކުރާނެ ފައިދާއެއް ނޯންނައިރު އެމީހުން ފަޅުގައި ތިބޭތިބުމަށް އެކަށީގެންވާ ބޮޑު ފީއެއް ދައްކަން ޖެހޭނެ ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ. އެއިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ސަފާރީތަކަށް ވެސް ވާނެ ގެއްލުމެއް ނެތްކަމަށް އެފަރާތްތަކުން ދެކެއެވެ.

ވުމާއެކު ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތތްތެރިވާ ފަރާތްތަކަށް މިކަމުން ފައިދާތަކެއް ލިބިގެން ދިއުމަށް މަގު ހުޅުވިގެން ދާނެކަމަށް ބެލެވެއެވެ. އެއީ ފުވައްމުލަކުގެ ފަރަށް ޑައިވީނަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ފުވައްމުލަކުގެ ގެސްޓް ހައުސްތަކުން ސަފާރީތަކަށްވުރެ އަގުހެޔޮކޮށް އެޚިދުމަތް ލިބެން ހުރުމުން އެއިގެ ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެ މުޅި ރަށަށް އެކަމުގެ ފައިދާ ކުރާނެތީ ކަމަށް އެމީހުން ބުނެއެވެ.

ފުވައްމުލައް ސިޓީގައި ގެސްޓް ހައުސްތައް އިތުރުވުމާއި އަދި ސަފާރީތަކުގައި ފުވައްމުލަކަށް ޑައިވީނަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފެއެވެ. އެގޮތުން ފުވައްމުލަކުގައި މިހާރު 7 ޑައިވް ސެންޓަރާއި 21 ގެސްޓްހައުސް ހިންގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !