ފެނަކަ- ފުވަމުލަކު ބްރާންޗްގެ އިސް ދެ މުވައްޒަފަކު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.
އެގޮތުން ގޭގައި މަޑުކުރަން އެންގީ ފެނަކަ-ފުވައްމުލައް ބްރާންޗް ހިންގުމާއި ހަވާލުވެހުރި ހުސޭން ޝާފީ އާއި ފެނާއި ނަރުދަމާގެ ކަންތައްތަކާއި ހަވާލުވެހުރި އިބްރާހިމް އަބްދުﷲ ކަމަށް މައުލޫމާތު ލިބެއެވެ. މިސަސްޕެންޝަން އައީ ތާރުއެޅުމަށް ތައްޔާރުވެފައިވާ މަގުގައި އޮތް ފެންހޮޅީގައި ބޮޑެތި ލީކުތަކެއް ހުރެގެން އެކަމުގެ ކަންބޮޑުވުން ސިޓީ ކައުންސިލާއި ހިއްސާކުރި ފަހުން ކަމަށް ވެއެވެ.
އެކަމާއި ގުޅިގެން އެއްބަޔަކު ބުނަމުން ދަނީ މަގުގައި ތާރު އެޅުމުގެ ފަހު މަރުހާލާގެ މަސައްކަތް ކުރުމުގެ ކުރިން އެމަގުގައި އޮތް ލީކުވާ ފެންހޮޅީގެ މައްސަލަ ހައްލު ކުރަން ޖެހޭނެ ކަމަށެވެ. އަނެއްބަޔަކު ބުނަމުން ދަނީ އެލީކުގެ މައްސަލަ ހައްލު ކުރަން ލިބުނު ދިގުމުއްދަތުގައި އެކަން ނުކޮށް ތިބީ އިހުމާލުން ކަމަށެވެ.
މިކަމާއި ގުޅިގެން މިކަލް ނޫހަށް އެކި ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި އެ ދެ މުވައްޒަފުން ގޭގައި މަޑުކުރަން އެންގީ މިހާރު ތައްޔާރުވެފައިވާ ފުވަައްމުލަކު ފިނިވާ މަގާއި އޯކިޑު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފެނަކަ-ފުވައްމުލައް އިން ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީއެވެ. އަދި ފެނަކަ ކުންފުނީގެ އެމްޑީ ނިންމާފައިވަނީ ތާރު އެޅުން ލަސްވުމުގެ ޒިންމާ ނަގަން ޖެހޭނީ ފެނަކަ- ފުވައްމުލަކު ބްރާންޗުން ކަމަށެވެ.
ފެނަކައިން ސަސްޕެންޑް ކުރި ބްރާންޗް މެނޭޖާރު ޝާފީ ފޭސްބުކްގައި ލިޔެފައިވަނީ “ޒިއްމާ އަދާކުރުމަށް ފަހެއް ނުޖެހޭނަން” ކަމަށެވެ.
މި މައްސަލާގައި ފެނަކަ މާލޭގައި ހުންނަ ހެޑް އޮފީހުން ވަނީ ފެނަކަ-ފުވައްމުލައް ބްރާން ހިންގުން ފެނަކަ ފުވައްމުލައް ބްރާންޗްގެ މެނޭޖަރު އަޝްރަފު ނުއުމާނު އާއި ހަވާލުކޮށްފައެވެ.
ފިނިވާ މަގުގައި ތާރުއެޅުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދުގައި ތާރު އަޅުން ފެށުމަށް ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންވާ ރަސްމިއްތާތެއް ބޭއްވުމަށް ވެސް ތާވަލް ކުރެވިގެން ދިޔަ އެވެ. ނަމަވެސް އެކަން ފަހުން ވަނީ ކެންސަލް ކުރެިވފައެވެ. ތާރު އެޅުން ލަސްވެގެން އުޅޭ ސަބަބެއް ކަމަށް ރައްޔިތުންނާއި ހަމަޔަށް މިހާރު ތިލަވެފައި ވަނީ ފެންހޮޅި ރަނގަޅު ނުކުރެވިވާ މައްސަލަ ކަމަށްވެއެވެ. އަދި އިސް ދެމުވައްޒަފުން ސަސްޕެންޑް ކުރުމަކީ އެކަމާއި ގުޅިގެން ފެނަކައިން އެޅި ފިޔަވަޅެއް ކަމަށްވެސް ބެލެވެއެވެ.
މަގުގެ މަސައްކަތް ފެށިއިރުވެސް ފުވައްމުލަކު ފެނާއި ނަރުދަމާގައި ތަފާތު އެކި މައްސަލަތައް ހުރެ އެކަން ހައްލުކުމުގެ ގޮތުން މަސައްކަތްތަކެއް ފާއިތުވި ދުވަސްތަކަގައި ކޮށްފައި ވެއެވެ. އެގޮތުން ނަރުދަމާގެ ލީކޭޖްތައް މުޅިންހެން ރަގަނގަޅުވެ ނިމިފައިވީ ނަމަވެސް ފެނުގެ ނިޒާމުގައި އަދިވެސް ބޮޑެތި ލީކޭޖުތަކެއް ހުރިކަމަށް ވެއެވެ. އެގޮތުން ފުވައްމުލަކު ފެން ޕްލާންޓުން އުފައްދާ ފެނުގެ %70 ލީކުގެ ގޮތުގައި އިސްރާފުވެގެންދާ ކަމުގެ ކަންބޮޑުވުން 2021 ވަނަ އަހަރު ވެސް ކަމާއި ގުޅޭ ފަރާތްތަކަށް ހިއްސާކޮށްފައިވާ ކަމަށް އެކަން ގާތުން ބެލި އަބްދުﷲ މުހައްމަދު (ހުނުބޮލި) ބުނެފައި ވެއެވެ.
ސޯޝަލް މިޑީއާގައި ފުވައްމުލަކުގެ ކަންކަމާއި މެދު ފާޑުކިޔާ ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި ފެނަކަ- ފުވައމްުލައް ބްރާންޗުން ވަނީ ކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ހެޑް އޮފީހާއި ސިޓީ ކައުންސިލާއި އަދި ނާއިބުރައީސާއި ފުވައްމުލަކުގެ 3 އެމްޕީއިންނާއި ވެސް މާކުރިން ހިއްސާކޮށްފައިއެވެ. އަދި އެމައްސަލަ ހައްލުނުކުރެވި އޮތީ އެކަމަށް ބޭނުންވާ ކަންކަން ފެނަކައިގެ ހެޑްއޮފީހުން ފުރިހަމަކޮށް ނުދެވިގެން ކަމަށެވެ. އެހެންކަމުން، އެކަމާއި ގުޅިގެން އިސްތިއުފާ ދޭންޖެހޭނީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ކަމަށްވެސް ބުނެ ފާޑުކިޔުން އަމާޒުކުރެއެވެ.
ފުވައްމުލައް ސިޓީ އެތެރޭގެމަގުތައް ނިންމުމަށް އެމްޓީސީސީއިން އެންމެ ފަހުން ދީފައިވާ މުއްދަތަކީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް އެތެރޭގެ މަގުތަކުގެ ފިނިވާމަގާއި އޯކިޑުމަގު ފިޔަވައި އެހެން މަގުތަކުގައި އެމުއްދަތުގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ނުނިންމޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޚިޔާލުތައް