އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ދުވުން-ހިނގުން މާދަމާ ހަވީރު 4:30ގައި ފުވައްމުލައް ސިޓީގައި އޮންނާނެއެވެ. މިދުވުން ނުވަތަ ހިނގުމުގައި ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ.
މިދުވުން ފެށުމަށް ހަމަޖެހިފައިވަނީ މާނޭރު ފަންނުންނެވެ. އަދި ދުވާނީ ނައިބު ތުއްތު މަގުން އިރުން ހުޅަނގަށް ގޮސް ނެރަގަނޑު ފަންނާއި ހަމައަށެވެ. މިއި ކެންސާ ސޮސައިޓީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ދުވުމެކެވެ.
އޮކްޓޯބަރު މަހަކީ ކޮންމެ އަހަރަކުވެސް އުރަމަތިގެ ކެންސަރަށް އާއްމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާ މަހެއްގެ ގޮތުގައި ފާހަގަ ކުރާ މަހެކެވެ. އުރަމަތީގެ ކެންސަރު ނުވަތަ ބްރެސް ކަންސަރަކީ ކަންބޮޑުވާން ދަރަޖައަކަށް ގޮސްފައިވާ ޖެހޭ ބައްޔެއް ކަމަށް ފާހަގަކުރެވިގެން މުޅި ދުނިޔެއެކޭ އެއްގޮތަށް ދިވެހި ރާއްޖޭގައި ވެސް އަންނަނީ ޕިންކް ރިބަންގެ ނަމުގައި އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އުރަމަތީގެ ކެންސަރަކީ ރާއްޖޭގައި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ބާވަތެވެ. ރާއްޖޭގައި އުރަމަތީ ކެންސަރު ބަލީގެ 421 މީހުން 2018 ގެ ނިޔަލަށް ރެކޯޑުކުރެިވފައި ވެއެވެ. އަދި އެބަލީގައި 227 މީހަކު މަރުވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި އެންމެ ގިނައިން ޖެހޭ ކަމަށް 2018 ވަނަ އަހަރު ދައްކާފައިވަނީ ވެސް އުރަމަތީގެ ކެންސަރެވެ. އެއީ %17.3 އެވެ. އަދި %11.9 މީހުން އެބަލީގައި މަރުވެފައި ވެއެވެ.
ނަމަވެސް ކެންސަރު ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ފުއްޕާމޭގެ ކެންސަރުގައި ކަމަށް ވެއެވެ. އެއީ %15.4 އެވެ.
މިދުވަހުގެ ޚާއްސަ ނިޝާނަކީ ޕިންކް ރިބަން އެވެ.
ޚިޔާލުތައް