އައްޑު ސިޓީގެ ހިތަދުގެ މަނިކު ދަނޑުގައި ކުރިއަށްދާ ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖެ 2023ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުން ފުވައްމުލަކު ސިޓީގެ ހޯދަޑަށް ނިސްބަތްވާ ހޯދަޑު އެސްސީ ބަލިވެ މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ. ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ބައިވެރިވާ މި ފޯރިގަދަ މުބާރާތުގެ ސެމީ ފައިނަލުގައި ހޯދަޑު ބަލިވެފައިވަނީ މިމުބާރާތުގެ ފެވަރިޓުގެ ގޮތުގައި ބެލެވިފައިވާ މައިލޯ ސިޓީ އެފްސީ އާއި ވާދަކޮށް 10-1 ލަޑުންނެވެ. ފުޓުސަލްގެ ފާހަގަކޮށްލެވޭ ގިނަ ތަރިންތަކަކާއިއެކު މައިލޯ ސިޓީގެ ޓީމު ރޭގެ މެޗުން ފެނުނީ ވަރުގަދަ ކޮށެވެ. މެޗު ފެށިގެން މާގިނަ އިރެއްނުވެ މައިލޯ ޓީމުން ލީޑުނެގިއެވެ. ހޯދަޑު ޓީމަށް ރަގަޅަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް އިތުރު ދެ ގޯލްޖަހާ މައިލޯ ސިޓީއިން ލީޑު ފުޅާކުރިއެވެ. މިއާއިއެކު، ހޯދަޑު ޓީމުން އިތުރު ހިތްވަރަކާއިއެކު ކުޅުން ރަނގަޅު ކުރިއެވެ. ހޯދަޑުގެ ޓީމުގެ ޖުމައިލް ޖަމީލްއާއި އަހުމަދު ހަމީދުގެ މައިލޯ ސިޓީގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. އޭގެ ފަހުންވެސް، އިތުރު ގޯލުތައް ފެނިގެން ދިޔައީ މައިލޯ ސިޓީގެ ފަރާތުންނެވެ. ހޯދަޑު ޓީމުން ކާމިޔާބު ކުރެވުނު ހަމައެކަނި ލަޑު ކާމިޔާބުކުރެވުނީ ފުރަތަމަ ހާފު ނިމެންދަނިކޮށް ލިބުނު ކޯނަރަކުން ޓީމުގެ ޖާޒީ ނަމްބަރ 7 މުހައްމަދު އިމްރާނަށެވެ.
ދެވަނަ ހާފުގައިވެސް ހޯދަޑު ޓީމުން ހިތްވަރުކޮށް އިތުރު ހަމަލާތައް އުފެއްދި ނަމަވެސް، އިތުރު ގޯލެއް މިހާފުގައި ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. މިހާފުގައިވެސް ނަތީޖާ ބޯޑު ބަދަލުކުރަމުންދިޔައީ ގިނަ ފުޓްސަލް ތަރިންތަކެއް ހިމެނޭ މައިލޯ ސިޓީގެ ޓީމުންނެވެ. ސެމީ ފައިނަލްގެ މިފޯރިގަދަ މެޗު ނިމުނީ 10-1 ލަޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މައިލޯ ސިޓީ އެފްސީގެ ކީޕަރ އިބްރާހިމް ނާޖިހްއެވެ.
ހޯދަޑު ސްޕޯޓްސް މި މުބާރާތުގައި ކުޅުނު މެޗުތަކަށް ބަލާއިރު އެންމެ ފުރަތަމަ މެޗުގައި 1-3 ގެ ނަތީޖާއިން ވަނީ ޑީސީ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. ދެވަނަ މެޗުގައި އެފްސީ އުސްގަނޑަ އަތުން 2-0 ގެ ނަތީޖާއިން ހޯދަޑު ބަލިވިނަމަވެސް، ތިންވަނަ މެޗުގައި 2-5 ގެ ނަތީޖާއިން އެފްސީ މޫލެކެޑެ އަތުން ވަނީ ހޯދަޑު މޮޅުވެފައެވެ. ހަތަރުވަނަ މެޗުގައި 0-3 ގެ ނަތީޖާއިން ޓޮޕް ބްރަދާސް ބަލިކޮށް، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔުނައިޓެޑް މައިލޯ އަތުން އެއްވަރުވެ، އެޓީމު ވަނީ ޖުމުލަ 10 ޕޮއިންޓް ހޯދައިގެން ގުރޫޕް އޭފެ ދެވަނަ ހޯދާފައެވެ. ވަގުތު ފުޓްސަލް ޗެލެންޖުގައި ހޯދަޑުން ހަތަރު އަހަރު ވާދަކޮށްފައިވާއިރު، މީގެ ކުރިން ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.
ޚިޔާލުތައް