ރާއްޖޭގައި ޕާޓީކުރުން އާންމުވެފައިވަނީ 2018 އިން ފެށިގެންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ (ހޯމްލޭންޑް ސެކިއުރިޓީ)ގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒާ ލުބުނާ މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ ދިޔަވަރު ނޫހުން “ޕާޓީ ކުރުމުގެ ޓްރެންޑު އާންމުވީ މިސަރުކާރު އައި ފަހުން ކަމަށް ދޭހަވާހެން އެންޑީއޭ ޗެއާޕާސަން ލުބްނާ ޒާހިރު ވާހަކަ ދައްކައިފި” ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރެއް ދޮގުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ލުބުނާ އިތުރަށް ލިޔެފައިވަނީ މިވަގުތާ ހަމައަށް އެއްވެސް އިންޓަވިއުއެއްގައި އެފަދައިން ބުނެފައިނުވާނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސެއިން މިހެން ވިދާޅުވި ނަމަވެސް، އެކަމަށް ހެކިދޭނެ އެއްވެސް ކިތާބީ ހެއްކެއް ގެނެސްދެއްވާފައެއްނުވެއެވެ. މީގެ އިތުރުން 2019 އިން ފެށިގެން 2022 އާއި ހަމައަށް މުޅި ދުނިޔެ ސިއްހީ ކާރިސާއެއް ތަހައްމަލުކުރަމުން ދިޔައިރު ރާއްޖެވެސް ވަނީ ގިނަ ދުވަސްތަކަކަށް ލޮކްޑައުންކޮށްފައެވެ. އެހެންކަމުން، އެދުވަސްތަކުގައި އެޓްރެންޑް އިތުރުވެގެން ގޮސްދާނެކަމަށް ގިނަ ބަޔަކު ޝައްކު އުފައްދައެވެ.
ނަމަވެސް، ޕާޓީކުރުން އިތުރުވެ، އެޕާޓީތަކުގެ ސަބަބުން ދުންފަތާއި މަސްތުވާތަކެއްތީގެ ވަބާގެ ތެރެއަށް އަންނަ ޒުވާނުން އިތުރުވަމުންދާ ކަމުގެ ޝަކުވާ އާންމުންކުރެއެވެ. އެކަމަކީ ފާއިތުވީ ސަރުކާރުތަކުންވެސް އެކަންތައްވަނީ ނުހުއްޓުވިފައެވެ. ޕާޓީ ޑްރަގްސްގެ ބޭނުންކުރުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށާއި، މިއީ ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް ދާދިފަހުން އެންޑީއޭއިންވެސް ވަނީ ހާމަކޮށްފައެވެ.



ޚިޔާލުތައް