ރާއްޖެ ސަރަހައްދުން 335 ކިލޯ މަސްތުވާތަކެތި ބަރުކޮށްގެން ލަންކާއަށް ދިޔަ ބޯޓެއް އަތުލައިގެންފިއެވެ.
ދިވެހި ކަނޑުގެ ސަރަަހައްދުން ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ބޯޓެއް އަވައްޓެރި ސްރީލަންކާގެ ސިފައިން އަތުލައިގަނެފިއެވެ.
ލަންކާ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާގެ ނޭވީ އިން ޚާއްޞަ އޮޕަރޭޝަނެއް އާދީއްތަ ދުވަހުގެ ފަތިހު 05:30 ހާއިރު ފަށާފައިވާ ކަމަށާއި، 06:00 ހާއިރު، ސްރީ ދޭވީ ނަމަކަށްކިޔާ ބޯޓެއް ނޭވީގެ ލަންކާ ކައިރިން ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.
އެ ބޯޓުން ހަ މީހަކު ހައްޔަރު ކޮށްފައިވާ އިރު، އެކު ޖުމުލަ 335 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށް ހަމަ އެ ދުވަހު ރިޕޯޓުކޮށްފައި ވެއެވެ.
އެ ބޯޓު ދިކޮވިޓާ ބަނދަރަށް ގެންގޮސް ކަމާބެހޭ ފަރާތްތަކާއި މަސްތުވާތަކެތި ހަވާލުކޮށްފައިވާއިރު އޭގައި ހިމެނެނީ 251 ކިލޯ 18 ގްރާމް ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން އެވެ. މި މައްސަލާގައި ބޯޓުގައި ތިބި މީހުންގެ މުއްދަތު ޖަހާފައިވާއިރު، އޭގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ބައެއްކަމެއް އަދި ހާމައެއް ނުކުރެއެވެ. މަސްވެރިކަމަށް ބޭނުންކުރި އުޅަނދެއް ނަމަވެސް ބޯޓު އަތުލައިގަތްއިރު މަސްވެރިކަމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން މިއަދު ހާމަކުރި ތަފުސީލަށް ބަލާއިރު އެ މަސްތުވާތަކެތި ސްރީދޭވީއަށް ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުކޯށްފައިވެއެވެ.



ޚިޔާލުތައް