A wide advertisement which will be shown on all devices. (700 x 100)

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ ވަޒީފާ ރުޖޫއަކޮށްފި

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމުން ވަކިކުރި މަހްމޫދު ރިޔާޒުގެ ވަޒީފާ ރުޖޫއަކޮށްފިއެވެ.

މަހްމޫދު ރިޔާޒު މި މަޤާމުން ވަކިކުރެވުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ވަކިކުރެވުނު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި، ޤަވާއިދާ ޚިލާފަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރުމުގެ މައްސަލައަކާއި، ބޮންޑެޑް ވެއާހައުސްއިން ޤަވާއިދާ ޚިލާފަށް ސިނގިރޭޓް ކާޓޫނުތަކެއް ބޭރުކުރުމުގެ މައްސަލައެކެވެ. ނަމަވެސް، އެ ކޮމިޓީން އިތުރަށް ބެލުމަށްފަހު ނިންމާފައިވަނީ، އެ މައްސަލަތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތްކަމަށެވެ. އެ ނިންމުމާއެކު، އޭނާގެ ވަޒީފާ އަލުން އިޢާދަކުރުމަށް އެ ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށްގެންދިޔަ ތަހުގީގަކާ ގުޅިގެން މަޤާމުން ވަކިކުރެވުނު ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒުގެ މައްސަލަ އިތުރަށް ތަހުގީގުކުރެއްވުމަށްފަހު، އޭނާގެ ބައިވެރިވުމެއް ނެތްކަމަށް ކޮމިޓީން ނިންމައި، ވަޒީފާ އަލުން އިޢާދަކުރުމަށް ރައީސަށް ލަފާ އެރުވުމާ ގުޅިގެން ރިޔާޒުގެ ވަޒީފާ އަލުން އިޢާދަކުރެއްވީ ކަމަށެވެ.

މަޖިލީހުގެ 241 ކޮމިޓީން ދިރާސާކުރި މައްސަލައަށްފަހު މަހްމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދުވެސް ވަޒީފާއިން ވަކިކުރެވުނެވެ. ނަމަވެސް، އަބްދުﷲ ވަހީދުގެ ވަޒީފާ އަލުން އިޢާދަކޮށްދިނުމަށް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިނުވާކަން ފާހަގަކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !