A wide advertisement which will be shown on all devices. (700 x 100)

ފެމިލީ މިނިސްޓްރީގެ ‘ޝާމިލް 2025’ މާދަމާ ހަވީރު 16:00 ގައި

އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން “ޝާމިލް 2025” ގެ ނަމުގައި ވަރަށް ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެއެވެ.

“ޝާމިލް 2025” ތެރެއިން އިފްތިތާޙްކުރެވިގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ޚާއްސަކުރެވޭ ‘ޝާމިލް ލޯގޯ’ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ދެމެހެއްޓިނިވި އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރެވޭ ޚާއްޞަ ބްރޭންޑެކެވެ. މި ލޯގޯ ވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަމަކަށެވެ. މި މަސައްކަތަކީ އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ބިޒްނަސް ކޯޕަރޭޝަން ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދެވޭ މުހިންމު އިސްނެގުމެކެވެ.

“ޝާމިލް 2025” ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ނޭޝަނަލް އާޓް ގެލަރީގައެވެ.

މި ގަޑިތަކުގައި ކޮންމެ ބޭފުޅަކަށް ވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، މި ފަރާތްތަކުގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !