ފުވައްމުލައް ސިޓީ ކައުންސިލްގެ އެޕް “އަފުންސިޓީ” ލޯންޗް ކޮށްފިއެވެ. މިއީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި ދެފުށް ފެންނަ މިންވަރު އިތުރުކުރެވޭނޭހެން ތަރައްޤީކޮށްފައިވާ އެޕެކެވެ. މި އެޕްލިކޭޝަން މިހާރު އައި.އޯ.އެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ. މިއީ ސިޓީ ކައުންސިލްގެ ޚިދުމަތްތަކާއި ސިޓީއާ ގުޅޭ މައުލޫމާތު ވަގުތުން ބަލާލެވޭގޮތަށް ފަރުމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދޭ މަރުކަޒީ ޑިޖިޓަލް ނިޒާމެކެވެ. މިއީ ކައުންސިލަކުން މިގޮތަށް ތަރައްޤީ ކުރި ފުރަތަމަ އެޕެވެ.
“އަފުންސިޓީ” އަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް ޑިޖިޓަލްކޮށް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި މި އެޕްލިކޭޝަނަކީ ސިޓީ މެނޭޖްކުރުމާއި ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދީ، ޚިދުމަތުގެ ހަލުވިމިނާއި، ލުއިފަސޭހަކަން އިތުރުކޮށްދޭ އެޕްލިކޭޝަނެއްކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މި އެޕްލިކޭޝަނުގައި 3,700 އަށްވުރެ ގިނަ ތަންތަން ހިމެނޭ އިންޓަރެކްޓިވް ޗާޓެއް ހިމެނެއެވެ. މީގެ ތެރޭގައި ގޯތިގެދޮރާއި، ވިޔަފާރިތަކާއި، މިސްކިތްތަކުގެ އިތުރުން އާންމު ޚިދުމަތްދޭ ތަންތަންވެސް މިއެޕްލިކޭޝަނުގައި ހިމެނިފައިވެއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް މައްސަލަ ހުށަހަޅޭނެކަމަށާއި، އާންމު ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ސީދާ ކައުންސިލަށް ހުށަހެޅުމަށް މިއެޕް ބޭނުންކުރެވިދާނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން، ޚަބަރާއި، ހަރަކާތްތަކުގެ މައުލޫމާތާއި، ވަޒީފާގެ ފުރުސަތުތަކާއި، އަދި ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ލައިވް ފީޑް ވެސް މިއެޕުން ފެންނަންހުންނާނެއެވެ. އަފުންސިޓީ” އިފްތިތާހުކުރުމަކީ، ޑިޖިޓަލް އީޖާދުތަކުގެ އެހީގައި ސިޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރާ މަސައްކަތެއްކަމަށް އެކައުންސިލުން ބުންޏެވެ.



ޚިޔާލުތައް