ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ޕްރައިމަރީ އަކާއި ނުލައި މިހާރުގެ މެންބަރު އެމްޕީ ޝާހުއަށް ދޭން ޖެހޭ ބާއޭ ބުނެ ކޯލިޝަންގެ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ. މިސުވާލު އުފައްދަން ފެށީ ރައްޔިތުންގެ މަޖުލީހުގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކަމިޝަނުން ކަނޑައެޅި 12 މެންބަރުންނަށް ޕްރއަިމަރި އަކާއި ނުލައި މަޖުލިސް އިންތިޚާބުގައި ކޯލިޝަންގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ދޭން ކޯލިިޝަންގެ 4 ލީޑަރުން އެއްބަސްވެފައިވާ ކަމަށް އާއްމުވި ކަބަރު ތަކާއެކު އެވެ.
އެގޮތުން ކޯލިިޝަން އެއްލީޑަރު ކަމަށްވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު ޓްވީޓް ކުރައްވައި ވިދާޅުވެފއި ވަނީ ޕްރައިމަރީ އަކާއި ނުލައި 12 މެމްބަރުންނަށް ޓިކެޓްް ދޭން ކޯލިޝަން 4 ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން ގޮނޑި ފަހުން އަނގުރާ ލިބުނު މި 12 މެންބަރުން، މިއަދު، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ފަހު، އެއިގެ ތެރެއިން ބޭފުޅަކު މީޑިއާއަށް ވިދާޅުވެފައި ވަނީ އެބޭފުޅުންނަށް މަޖުލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ދިނުމަށް ކޯލިޝަން 4 ލީޑަރުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅިގެން ކޯލިޝަން އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއިން ވެސް ރަސްމީ ބަހެއް އާއްމުކޮށްފައެއް އަދި ނުވެއެވެ.
އެމްޕީ ޝާހުއަށް ކޯލިޝަން މެންބަރެއްގެ ގޮތުގައި 2019ގެ ރައްޔިތުންގެ މަޖުލީހަށް ވާދަކުރުމަށް ފުރުސަތު ދިނުމާއި ގުޅޭގޮތުން ވާހަކަދެއްކި ފުވައްމުލަކުގެ މީހަކު ބުނި ގޮތުގައި މަޖުލީހުގެ ގޮނޑި ޝާހު ދޭން އޭނާއަށް މަދުވީ ކޮން އެއްޗެއްތޯ ބުނެ ސުވާލު ކުރިއެވެ.
ބައި-އިލެކްޝަނަކަށް ދިޔަ ނަމަ ތާއިދު ކުރުމަށް ތިބީ ތައްޔާރަށް ކަމަށާއި ނަމަވެސް މަޖުލީސް ގޮނޑި އަނބުރާ ލިބުމުން މުސާރައާއި ގެއްލުނު ހައްގުތައް ލިބުމަށް ފުރުސަތު ހުޅުވިފައިވާ ކަމަށް އޭނާ ބުންޏެވެ.
ޕްރައިމަރީ އަކާއި ނުލައި ޓިކެޓް ދިނުމަށް އެމްޑީޕީގެ ގިނަ މެމްބަރުން ދެކޮޅު ހަދައެވެ. ޕްރައިމަރީން ޓިކެޓް ދިނުމަކީ ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފަކަމަށާއި އެކަމާއި ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތަކާއި ދެކޮޅަށް އާއްމު މެންބަރުން ތެދުވާނެ ކަމަށެވެ. އެމްޑީޕީގެ ބާރަކީ އާއްމު މެންބަރުން ކަމަށާއި މިފަދަ ކަންކަމުގައި ޕާޓީގެ ވެރިންނަށް އެކަނި ގޮތް ނުނިންމޭނެ ކަމަށް އެމެންބަރުން ބުނެއެވެ.
މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ޕްރައިމަރީ އަކާއި ނުލައި މަޖުލިސް ޓިކެޓް ހޯދުމަށް 12 މެންބަރުން ޑިމާންޑް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އެކަމަށް ވަކި ގޮތަކަށް އެއްބަސްވެވިފައި ނުވާކަމަށް އެމްޑީޕީގެ އިސް ބައެއް މެންބަރުންގެ ފަރާތުން މައުލޫމާތު ލިބިފައި ވެއެވެ.
ބައެއް މެންބަރުން ސުވާލު އުފައްދަނީ، 12 މެންބަރުންނަކީ ސިޔާސީ ކަންކަމަށް އެހާ ކުޅަދާނަ ބަޔަކަށް ވީހިނދު ޕްރައިމަރީ އެއްގައި ވާދަކުރަން ބިރުގަންނަނީ ވީ ކޮން ސަބަބަކާ ހެދި ތޯއެވެ؟ ހަމަ ތަބަކަކަށް ލާފައި ފުރުސަތު ބޭނުންވަނީ ތޯ ބުނެ ފާޑު ކިޔާފައި ވެއެވެ.
އަންނަ މާރޗު މަހުގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ މަޖުލިސް އިންތިޚާބުގެ ޕްރައިމަރީ އަށް އެމްޑީޕީގެ މެންބަރުން ކެމްޕެއިން ފަށާފައިވާކަން ސޯޝަލް މީޑިއާއިން ހާމަވެއެވެ.
ޚިޔާލުތައް