ފުވައްމުލަކާއި މާލެއާއި ދެމެދު މުދާ އުފުލާ ބޯޓެއް ކަމަށްވާ ފުވައްމުލަކު، ވާރުތަ، އަބަދުﷲ މުހައްމަދު (ފޯމީ ތުއްތު)ގެ ރަވާނާ ބޯޓު ރޭފަތިހު އަނދާ ހުލިވެ ބޯޓުން ދަތުރުކުރި ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ. ރަވާނާ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެބޯޓު ދ.ވާނީއަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް ރޭ ފަތިފު ފ. ފިލިތެޔޮ ރިޒޯޓު ކައިރިންނެވެ. އަލިފާނުގެ މިހާދިސާ ހިނގި އިރު ބޯޓުގައި 16 މީހުން ތިއްބެއެވެ. އެއީ 7 ދިވެހިންނާއިން 9 ބިދޭސިން ކަމަށް މައުލޫމާތު ލިބެއެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި މަރުވެފައި ވަނީ އެބޯޓުގެ ފަޅުވެރިއެއް ކަމަށްވާ ހޯދަޑު އަވަށު ވިޓްނަސް، އުމުރުން ގާތްގަޑަކަށް 50-60 އަހަރުގެ މުހައްމަދު ބެ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މަރުވެފައި ވަނީ ޝޮކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފ. ނިލަންދޫ ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ ފ.އަތޮޅުގެ ސީ އެމްބިއުލޭންސްގައި އޭނާ ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނެތިފައި ކަމަށް ވެއެވެ. އޭނާ މަރުވީ ފ. ނިލަންދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މިހާދަސާގައި އެހެން މީހަކަށް ގެއްލުމެއް ވީކަން އެގޭކަށް ނެތެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އާއި ހަވާލާދީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ބޯޓުގައި އަލިފާން ރޯވުމުން އެންމެން ވެސް ވަނީ ލައިފްޖެކެޓްގައި މޫދަށް ފުންމާލާފައެވެ. އަދި އެވަގުތު އެހިސާބުން ދަތުރުކުރަމުން ދިޔަ ދ.ހުޅުދެލި “ދަންޑަހެލު” ނަމަކަށް ކިޔާ ދޯންނަކުން ވަނީ މޫދުގައި ތިބި މީހުން އެދޯންޏަށް ނަގާފައެވެ. މޫދަށް ފުންމާލުމުން އެއްވެސް މީހަކު އަލިފާނުގެ ހޫނުން ފިހިފައި ނުވާކަަމަށް ވެއެވެ. މިހާދިސާގައި ސަލާމަތްވީ 15 މީހުންނާއެކު އެދޯނި މިހާރު މާލެ ދިއުމަށް ދަތުރުކުރަމުން ދާކަމަށް ވެއެވެ.
މިހާދަސާގައި ބޯޓުގެ ގެގަނޑާއި މަތީބައި އެއްކޮށް ވަނީ އަނދާހުލިވެފައި ވެއެވެ. އަދި މިހާރު ބޯޓު އަޑިއަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 4:45 އެހާކަށް ހާއިރުއެވެ.
މިދަތުރަކީ ދ. ވާނީއަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމަށް ދެތެރެ ދޭތެރެއިން އެކުންފުނީގެ ބޯޓުތަކުން ކުރަމުން އަންނަ ދަތުރުގެ ތެރެއިން ދަތުރެކެވެ. ދ. ވާނީގައި ފުލުހުން ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި ކެއުމާއި ބުއިމުގެ ކަންތައްތައް ކުރަނީ ފޯމީ ތުއްތުގެ ކުންފުންޏަކުންނެވެ.
ފޯމީ ތުއްތުގެ ކުންފުނީން ފުވައްމުލަކުގައި މުދާ އުފުލާ 3 ބޯޓް ދުއްވައެވެ. އެއީ ރޭ އަދައިގެން މިދިޔަ ރަވާނާ ބޯޓާއި، ހަވާސް ބޯޓުގެ އިތުރުން ނިރުވާނާ ބޯޓެވެ.
ޚިޔާލުތައް
މުހައްމަދުބޭ ގެ ފުރާނަޔަށް ރަހުމަތްލައަވާށި…