ފުވައްމުލަކު ހޮސްޕިޓަލްގެ ޑެންޓަލް ކެއާ ޔުނިޓް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ހުޅުއްވައިދެއްވައިފިއެވެ. ފުވައްމުލަކު ހޮސްޕިޓަލްގެ ޑެންޓަލް ކެއާ ޔުނިޓް ހުޅުއްވައިދެއްވީ ނާއިބު ރައީސް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހެދުނުއެވެ.
މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށެވެ. އެގޮތުން، ދިވެހި ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި މުޅި ދިވެހިރާއްޖޭގެ ޞިއްޙީ ކަންތައްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަންމަތީގައި ދިރިއުޅުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރެއްވުންކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ކުރިއަށް އޮތްދުވަސްތަކުގައި ދެމިތިބޭނީ ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި ކަމަށާއި، ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރު ޚިދުމަތްތައް ފަށައި، މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ގަދަ އަޅައި މަސައްކަތް ކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ ޑެންޓަލް ކެއާ ޔުނިޓް ރަސްމީކޮށް އިއްޔެ ހުޅުވިގެންދިޔައިރު މި ޔުނިޓްއިން ދަތާއި ގުޅޭ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ދަތް އުފުރުމާއި، ފުޓުނި އެޅުމާއި، އެކްސްރޭ ނެގުމާއި، ރޫޓް ކެނަލް ޓްރީޓްމަންޓާއި، ސާފުކޮށް ޕޮލިސްކުރުމާއި، އަގައިގެ އިންފެކްޝަނަށް ފަރުވާ ދިނުން ހިމެނެއެވެ. ފުވައްމުލަކު ހޮސްޕިޓަލްގެ ޑެންޓަލް ކެއާ ޔުނިޓް ހުޅުވިގެން މިދިޔާ ފުވައްމުލަކު ހޮސްޕިޓަލްއިން ލިބިދޭ ޚިދުމަތްތަކާއި ގުޅިގެން ގިނަ ރައްޔިތުންތަކެއް ޝަކުވާ ކޮށްފައިވަނިކޮށެވެ. އަދި ފުވައްމުލަކުގައި އަލަށް އިންތިޚާބުވި ތިން މެންބަރުންވެސް އެ ހޮސްޕިޓަލްގެ ޚިދުމަތް ރަގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޚިޔާލުތައް