އަންނަ އޯގަސްޓް މަހުގައި ފުވައްމުލަކު ހޮސްޕިޓަލުން ޑައިލިސިސް ޚިދުމަތް ދެވޭވަރުވާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ހާމަކުރައްވައިފިއެވެ.
މެނޭޖަރު އަހުމަދު ސައީދު އޭނާގެ ފޭސްބުކް ޕޭޖްގައި ހާމަކުރައްވާފައި ވަނީ ފުވައްމުލައް ހޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ދިނުމަށް ސަރުކާރުން ގައިމުކުރާ ޑައިލިސިސް ސެންޓަރުގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދާކަމަށް ވިދާޅުވެފައިވެއެވެ.
މިހާރުގެ ހޮސްޕިޓަލު އިމާރާތުގެ ފަހަތުގައި ހާދާ މި އިމާރާތުގެ މިން ފާހަގަ ކުރި ހިސާބުން ފެށިގެން އެކި އިމާރާތް ކުރުމުގެ މަރުހަލާތަކުގެ ފޮޓޯތައް ހިއްސާ ކުރައްވަމުން އަހުމަދު ސައީދު ވިދާޅުވެފައި ވަނީ “މިސެންޓަރު އިމާރާތުގެ މަސައްކަތް ނިންމައި އަންނަ އޯގަސްޓް މަހުގެ ފަހުކޮޅުގައި ޚިދުމަތް ދިނުމުގެ އުއްމީދު އެބައޮތް” ކަމަށެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގެ އިމާރާތް ކުރުން؛ ފައުންޑޭޝަން
ޑައިލިސިސް ސެންޓަރަށް ބޭނުންވާ ނަރުހުން ތަމްރީނުކުރުމުގެ ގޮތުން މި ޖޫންމަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ފުރަތަމަ ނަރުސް އައިޖީއެމްއެޗުގެ ޑައިލިސިސް ސެންޓަރުގައި މަސައކަތް ކުރަން ފަށާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މީގެ އިތުރުން 3 ނަރުހުން ތަމްރީނު ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އަހުމަދު ސައީދު ހާމަކުރައްވާފައި ވެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ގިނަ ނަރުހުންތަކެއް މަތީލެވެލްގެ ކޯސްތަކުގައި ކިޔަވުމުން އަންނަކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ. މީގެ ސަބަބުން ރައޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބުމަށް މަގު ފަހިވެގެން ދާނެއެވެ.
ހޮސްޕިޓަލުގެ މެނޭޖަރު މިހެން ވިދާޅުވިއިރު ފުވައްމުލަކުގެ ސިއްހީ ޚިދުމަތް ރައޔިތުން އެދޭ މިންވަރާއި ގާތަށް ވެސް ނުލިބޭ ކަމުގެ ޝަކުވާ އަދިވެސް ކުޑައެއް ނޫނެވެ. 13000 މީހުންގެ ބޮޑު އާބާދިއަކާއި އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ދަތިކަން ހޮސްޕިޓަލަށް ދިމާވެފައިވެއެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގެ އިމާރާތް ކުރުން: ކޮންކްރިޓް އަދި ރޭނުމުގެ މަސައްކަތް ނިމިފައި
ޚިޔާލުތައް