ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1437 ގުރުއާން މުބާރާތުގައި ފުވައްމުލަކުން ވާދަކުރާ 3 ބައިވެރިން ވެސް ގަދަ 12 ބައިވެރިން ގެ ބުރު ކާމިޔާބުކޮށް ގަދަ 10 އަށް ދަތުރުކޮށްފިއެވެ.
ގަދަ 10ގެ ބުރުގައި ފުވައްމުލަކުން ވާދަކުރަނީ މިސްކިތަމްގު މަސްތަކާގެ އަލީ އިބްރާހިމް ދީދީ އާއި ހޯދަޑު އަވަށުން ވިދާތަރި މުފީދު އާއި ޔާފާ ހައްވާ ސައުސަން އެވެ.
އަލީ އިބްރާހިމް ދީދީ އަކީ ގުރުއާން ހިތުދަސް ހާފިޒެކެވެ. އަދި އެއިގެ އިތުރުން އޭނާ އަކީ ގާރީއެއް ވެސް މެއެވެ. މިހާރު ގުރުއާން މުދައްރިސެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ ފުވައްމުލަކު ހާފިޒު އަޙުމަދު ސްކޫލުގައެވެ.
މުފީދު އަކީ ވެސް ގުރުއާން ހިތުދަސް ހާފިޒެކެވެ. އަދި މުދިމެކެވެ. މާލޭގެ އިސްލާމީ މަރުކަޒުގައި ވެސް މުފީދު ވަނީ މުދިންކަން ކޮށްފައެވެ. އަދި ފަހުން ފުވައްމުލަކާއި މާލޭގެ ތަފާތު މިސްކިތްތަކުގެ މުދިންކަން ވެސް ކޮށްފައި ވެއެވެ. ކުޑަކުދިންނަށް ގުރުއާން ކިޔަވައިދިނުމުގައި މުފީދު ހަރަކާތްތެރިވެލައްވައެވެ.
މުފީދުއާއި އަލީ އިބުރާހިމް އަކީ ފުވައްމުލަކުގައި ގުރުއާނާއި ބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ކިޔަވައި ދެއްވަމުން ވެސް ގެންދަވާ ދެބެފުޅުންނެވެ.
ހައްވާ ސައުސަން އަކީ ފުވައްމުލަކުގައި ހިންގާ ގާރީ ކޯހުގެ ބައިވެރިއެކެވެ. އަދި ފުވައްމުލަކުގެ ޕްރީ ސްކޫލެއް ކަމަށްވާ އައިޑިއަލް ސްކޫލުގެ މުދައްރިސެކެވެ.
މިއަހަރުގެ އަލިގަދަ ތަރީގެ ފުރަތަމަ އޯޑިޝަނުން ފުވައްމުލަކުގެ 7 ބައިވެރިޔަކު ދެވަނަ ބުރަށް މާލެ ދިޔައެވެ. ނަމަވެސް ފައިނަލް ބުރުން ޖާގަ ލިބުނީ ފުވައްމުލަކުގެ މި3 ބައިވެރިންނަށެވެ.
ގުޅުންހުރި ލިޔުން:
އެންމެ އަލިގަދަ ތަރިއަށް ފުވައްމުލަކުން 3 ބައިވެރިން ހޮވިއްޖެ



ޚިޔާލުތައް