ފުލުހަކަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން ފުވައްމުލައް ސިޓީން މިއަދު ތިން މީހުން ހައްޔަރުކޮށްފި އެވެ. މިމައްސަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ފުވައްމުލައް ސިޓީގެ އުމުރުން 19 އަހަރާއި 25 އަހަރާއި 31 އަހަރުގެ ތިން ފިރިހެނުން ކަމަށް ފުލުހުން ހާމަކުރެއެވެ.
މިތިންމީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. މި ތިން މީހުން ފުލުސް މީހާއަށް އިންޒާރު ދިން ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަނިޔާވެރިކަމަށް ހިތްވަރުދޭ ޓްވީޓެއް ކޮށްގެން މީގެ ދެ ދުވަސް ކުރިން ވެސް ވަނީ ފުވައްމުލައް ސިޓީގެ އުމުރުން 19 އަހަރުގެ ޒުވާނަކު ފުލުހުން ކޯޓް އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވެއެވެ. އޭނާ ވެސް ހައްޔަރުކޮށްފައި ވަނީ މީހަކު މަރަން ފަސްނުޖެހޭނެ ކަމަށް ބުނެ ކުރި ޓްވީޓަކާއި ގުޅިގެން ކަމަށް ވެއެވެ.
މީހަކަށް ގެއްލުމެއް ދޭން ގޮވާލުމަކީ ޓެރަރިޒަމްގެ ގާނުނޫނު ކުށެކެވެ. އަދި އެފަދަ ކަމަކަށް ހިތްވަރުދޭ ޕޯސްޓްތައް ޝެއަރ ކުރުމާއ، ޓެރަރިސްޓް ޖަމާއަތްތަކުގެ ލޯގޯއާއި ދިދަ އަދި ޝިއާރުތައް ބޭނުންކުރުމަކީ ވެސް ކުށްވެރިވާނެ ކަމެކެވެ. ފުލުހުން ކުރިން ބުނެފައި ވަނީ މިފަދަ މައްސަލައް ތަހުގީގު ކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ. މިއީ މިއަދު އެންމެން ވެސް ހޭލުންތެރިވާން ޖޭހޭ ކަމެކެވެ.
އިސްލާހު ކުރެވުނު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވެއެވެ.
ޚިޔާލުތައް