ފާއިތުވީ 2019 ވަނަ އަހަރު ތިން ރިސޯޓަކުން އެވުރެޖުކޮށް އެއްހާސް ޑޮލަރަށްވުރެ މަތިން ސާވިސް ޗާޖުދީފައިވެއެވެ. މުޅި އަހަރަށް ޖުމްލަ 12 ހާސް ޑޮލަރަށްވުރެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ ރަންދެލި، ވެލާ އަދި ސެއިންޓް ރެޖިސް ވޮއްމުލި އިންނެވެ. ރިސޯޓުތަކުން ސާވިސް ޗާޖު ދީފައިވާ ގޮތް ހާމަކުރާ މޯލްޑީވްސް ސާވިސް ޗާޖު ވެބުސައިޓުގައިވާ ގޮތުން މިދިޔަ މުޅިއަހަރަށް އެއްކޮށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ޑިސެމްބަރު މަހުވެސް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ރަންދެލިއިންނެވެ. ރަންދެލިން މުޅި އަހަރު ދޫކޮށްފައިވާ ސާވިސް ޗާޖަށް ބަލާއިރު ބޮލަކަށް ޖުމްލަ 16،699 ޑޮލަރުޖެހެއެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަޑަކަށް 257 ހާސް ރުފިޔާއެވެ. އާންމުކޮށް ރިސޯޓެއް އާދައިގެ ވަޒީފާއެއްގެ އަހަރު ދުވަހުގެ މުސާރައަށްވެސް އެއަދު ނުޖެހެއެވެ.
ފާއިތުވީ ޑިސެމްބަރު މަހުގެ ސާވިސް ޗާޖު ދީފައިވާ ގޮތަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ދީފައިވަނީ ރަންދެލިއިންނެވެ. އެއީ 19003 ޑޮލަރެވެ. ސެއިންޓް ރެޖިސް ވޮއްމުލިއިން 948 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ދީފައިވާއިރު ނޮވެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއްދީފައިވާ ވެލާ ޕްރައިވެޓް އައިލެންޑްއިން ސާވިސް ޗާޖަށް ދީފައިވަނީ 931 ޑޮލަރެވެ.
ސާވިސް ޗާޖު ދީފައިވާ ގޮތް އާންމުކުރާ ވެބުސައިޓްގައިވާ ގޮތުން މިދިޔަ ޑިސެމްބަރު މަހުވެސް އެފަރާތަށް މައުލޫމާތު ލިބިފައިވަނީ އެވެބްސައިޓުގައި ލިސްޓްކޮށްފައިވާ 147 ރިސޯޓްގެ ތެރެއިން އެންމެ 75 ރިސޯޓުގެ ސާވިސް ޗާޖެވެ. އެއީ ގާތްގަޑަކަށް 50 އިންސައްތަ ރިސޯޓެވެ. އެހެންކަމުން ބާކީ މައުލޫމާތު ނުލިބި ހުރި ދެބައިކުޅަ އެއްބައި ރިސޯޓުތަކުން ސާވިސް ޗާޖު ދީފައިވާ ގޮތުގެ އެއްވެސް މައުލޫމާތެއް ނެތެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ލިބޭ ސިނާއަތަށް ވުމުގެ އިތުރުން ދިވެހި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއްވެސް ވަންނަ ސިނާއަތެވެ. ނަމަވެސް، އެސިނާއަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އެންމެ އެދެވޭ މަންފާ ނުލިބޭ ޝަކުވާ އާއި ވަކިން ޚާއްސަކޮށް ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ދޭއަދަދާއި ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ދަނީ އަބަދުވެސް ކުރެވެމުންނެވެ. އެގޮތުން، ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދިނުން ލަސްކުރުމުގެ ޝަކުވާއަކީ އާންމު ޝަކުވާއެކެވެ.
ޚިޔާލުތައް