ރައްޔިތުންގެ މަޖްލީސްގެ ތެރެއިން ފެނިގެން މިދަނީ އަބަދުވެސް ޤާނޫނުއަސާސީ އާއި ޙިލާފަށް ޤާނޫނުތަކެއް ހެދިގެންދާ މަންޒަރުކަމަށް ކާށިދޫ ދާއިރާގެ މެމްބަރ އަދި ރައްޔިތުންގެ ޙާއްސަ މަޖްލީހުގެ ފުވައްމުލަކު މެމްބަރުކަން ކުރެއްވި ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖްލީހުގެ 2 ވަނަ ދައުރުގެ 15 ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ރިފާޢު ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 1/2003 ސުލްޙަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އަށް އިޞްލާޙުގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުޘްގައި ވާހަކަ ދައްކަވަމުންނެވެ.
“އަޅުގަނޑުމެނަށް މި ފެންނަނީ ޤާނޫނުއަސާސީގައި އޮތް ގޮތަށް ކަންތައްތައް ނުކުރެވިގެން ޤާނޫނުއަސާސީއާ ޚިލާފަށް އަބަދުވެސް ގާނޫނުތަކެއް ހެދިގެންދާ މަންޒަރު. މިދިޔަ ހަފުތާގައި ވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ މަންޒަރު. އަދި މި ހަފުތާގައި މި ފެންނަނީ. އަންނަ ހަފުތާގައި އަދި ނޭނގެ ވާނެ ގޮތެއް”ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް ކުރާ ކަމަކަށް މި އޮންނަނީ ކޮންމެވެސް ކަހަލަ ޓެކްސެއް ނެގުން، ފީއެއް ނެގުން،ނޫނީ މިނިވަންކަމާއި ރައްޔިތުންގެ ޙައްޤުތަކާއި ގުޅިފައި ހުރި ކަންތައްތައް ހަނިކުރުންކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ވަކި މީހަކު ޓާރގެޓުކޮށްގެން ވަކި މީހެއްގެ ދުވަސް ދުއްވާލަން، ޤާނޫނުއަސާސީ އާއި ޙިލާފަތް ޤަނޫނުތައް ހަނދާނަމަ،މިކަމަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ ކަމަށެވެ.
“ބެރިކޭޑުތަކާ އެއްޗެހި ވެސް ފެޅި ވާހަކަ ދެއްކޭ. ކޮބައިތޯ ކުރީގައި ބެރިކޭޑު ފެޅި މީހުން؟ މިއަދު ބެރިކޭޑު މަތިން މީހަކު ދިޔައިމަތޯ އެ މަންޒަރު މި ފެންނަނީ؟ މިއީ އަޅުގަނޑުމެންގެ މައްސަލައަކީ. އަޅުގަނޑުމެން ފިޔަވަޅުއަޅާ ކަމަށް ވަންޏާ ފިޔަވަޅުއަޅަންޖެހޭނެ ހުރިހާ އެންމެނާ ދޭތެރޭ ވެސް. ވަކި މީހަކު ޓާރގެޓުކޮށްގެން ވަކި މީހެއްގެ ދުވަސް ދުއްވާލާކަށް ނޫން ކަންތައްތައް ކުރަންވީ. އެހެން ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ މުޅިން ވެސް މިކަހަލަ ގާނޫނުތައް؛ ޤާނޫނުއަސާސީއާ ޚިލާފު ގާނޫނުތައް ހަދަން އަޅުގަނޑުމެން އަބަދުވެސް އުޅޭހާ ވާނީ މި އަހަރު ނިމެންދެން ވެސް. މި ދައުރު ނިމެންދެން ވެސް. މުޅި މި ޓަރމް ނިމެންދެން ވެސް” ފައިސަލް ވިދާޅުވިއެވެ.
މިފަދަ ޤާނޫނުތަކަށް ބަދަލު ގެނައުމަށް ވުރެ، ޤައުމަށް ޓަކައި ވިސްނާފައި، ރައްޔިތުންނަށް ޓަކައި ވިސްނާފައި ކުރެވޭނެ މާ ގިނަ، މާ ރަނގަޅު ކަންތައްތަކެއް އެބަހުރިކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.



ޚިޔާލުތައް