ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދުން ކަނޑުގެ ދިރާސާއެއް ހަދަން ނެކްޓޯން ފައުންޑޭޝަނާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ތައްޔާރުވާން ފަށައިފިއެވެ.
އެގޮތުން ނެކްޓޯ ފައުންޑޭޝަނާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުގެ ފަރާތުން ވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްވެރިންނާއި އެކު މިމަހު 21 ގައި ބައްދަލު ކުރައްވައި މިކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
މި ދިރާސާގެ މައުލޫމާތު އެއްކުރުުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މާރޗް އަދި އޭޕްރީލް މަހުގައެވެ. ދިރާސާއަށް މައުލޫމާތު އެއްކުރުމަށް، މިކަމަށް ހާއްސަ ދިރާސާ އުޅަނދަކާއި ސަބްމެރިންއާއި އެހެނިހެން އާލާތްތައް ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ގެނެވޭ އުޅަނދުތަކުގެ އެހީގައި ރާއްޖޭގެ ދެކުނު ސަރަހައްދުގެ އެހެން ބައެއް ތަންތަން ވެސް ސަރވޭ ކުރެވޭނެ ކަމަށް ވެއެވެ.
މިއީ 2019 ވަނަ އަހަރު ދިވެހި ރާއްޖެއާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން އާއި ދެމެދު ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރެވޭ ދިރާސާއެކެވެ. ދިވެހި ރާއްޖޭގެ ކަނޑުފަރުތަކުގެ މިދިރާސާގެ އަލީގައި ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭނެއް ތައްޔާރުކުރުމަށް ކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއަކީ ދުނިޔޭގެ އެކި ގައުމުތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ކަނޑުގެ ދިރުންތަކާއި ގުޅޭ އިންސްޓިޓިއުޓުތައް ގުޅިގެން ކަނޑު ފަރު ހިމާޔަތް ކުރުމަށް އުފައްދާފައިވާ ކޮންސޯރޓިއަމެކެވެ.
މީއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޔޫއެންގެ 74 ވަނަ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ ކަނޑުފަޅު ހިމާޔަތްކުރުމާއި އެތަންތަނުން އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުުވެ ދެއްކެވި ވާހަކަފުޅާއެކު ގުޅިގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އަދި ރާއްޖޭއިން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނާއި ގުޅުނީ އެހިސާބުންނެވެ.
މިމަޝްރޫއުގެ ފުރަތަމަ ބައި ހދ.އަތޮޅުގައި ފެއްށުމުގެ ގޮތުން ރައީސްް ސޯލިހާއި ރައީސް ނަޝީދު ޑައިވްކުރައްވާ ސާވޭގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފއި ވެއެވެ.
މިއީ މެރިން ރިސަރޗް އިންސްޓިޓިއުޓް އާއި ނެކްޓޯން ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެކެވެ.
ޚިޔާލުތައް