A wide advertisement which will be shown on all devices. (700 x 100)

ނޮވެމްބަރު 3، 1988 ގާތުން އަހުމަދު ސައީދުގެ ތަޖުރިބާ

އަހުމަދު ސައީދު އައި އެކުވެރިން އިންދިއާ ސިފައިންގެ މީހަކާއެކު 6 ނޮވެމްބަރު 1988ގައި މާލޭ ލޮނުޒިޔާރަތް ކޮޅުގައި

އަހުމަދު ސައީދު – ރަންދުވަރު

ދިވެހިންގެ ތެރެއިން ބަޔަކާއި ސްރީލަންކާގެ ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާއި ގުޅިގެން 3 ނޮވެމްބަރ 1988 ވަނަ ދުވަހުގެ ފަތިހު މާލެއަރައި ނުރައްކާތެރި ހަމަލާއެއް ދޭންފެށިއިރު، އަޅުގަނޑު އުޅެނީ އެމް.އީ.އެސް.ގެ ދަރިވަރެއްގެ ގޮތުގައި މާލޭގައެވެ. އޭރު އުޅުނީ މުލީއާގޭ ފުރަގަހުން އޮންނަ ހިތަށްފިނިވާ މަގުގެ ބުރުނީގޭ ހިމެނޭ ކޮށީގައި ހުންނަ ގެއެއްގައެވެ. ފަތިހު ހޭލެވެނީ ދެ ނާށި ތެޅުމުން ނިކުންނަ ކަހަލަ އަޑެއް އިވޭތީއެވެ. ތެދުވެ، ބޭބެ މުޙައްމަދު ވަޙީދު ކުރެން އަހާލުމުން ނޮވެމްބަރ 11 އަށް ތައްޔާރުވުމަށް ސިފައިން ތަމްރީނެއް ހަދަނީ ކަމަށް ވެދާނެކަމަށް ބުނެފައި ބަންގި ގޮވަން ފެށުމުން އިސްލާމީ މަރުކަޒަށް ދިއުމަށް ނިކުތެވެ.

ހިސާބުގަނޑުގެ ހުރިހާ ގެތަކުންވެސް މީހުން ތެދުވެ އުޅެންފެށިއެވެ. އެކި މީހުން އެކިގޮތަށް ވާހަކަތައް ދައްކަން ފެށިއެވެ. ބޭބެ ފަތިސް ނަމާދުން ނިމިގެން ގެއަށް އައެވެ. ބަޔަކު އަރައި ހަމަލަ ދޭ ވާހަކަޔާއި މުލީއާގޭ ކުރިމައްޗަށް ދިވެއްސަކު ވެއްޓިފައި އޮތްވާހަކަ ބުންޏެވެ. އެ ހިސާބުން ހަތިޔާރާއެކު ކުރެވޭ ނުރައްކާތެރި ހަނގުރާމައެއްގައި މާލެ އޮތްކަން އެނގިއްޖެއެވެ. ދޭތެރެ ދޭތެރެއިން ބަޑީގެ ހަމަލާތަކުގެ އަޑު މުލީއާގެއާއި ރައީސް އޮފީހާއި ސިފައިންގެ މައި އިދާރާހުރި ހިސާބު ގަނޑުން އިވެއެވެ. އިސާހިތަކު ސިފައިންގެއިން ރައްދު ހަމަލާތައް ފޮނުވާލާ އަޑު އިވެން ފެށިއެވެ. ދިވެހި ސިފައިންގެ ރައްދު ހަމަލާ ދޭންފެށީ ވަރަށް ވަރުގަދަޔަށްކަން އެނގޭހާ ވަރަށް ހަމަލާގެ ބާރު ގަދައެވެ. އެކަން އެނގެނީ ޕްލޮޓް ޖަމާއަތުން ދެމުންދިއަ ހަމަލާތަކުގައި ބޭނުންކުރި ހަތިޔާރުން އިވޭ އަޑާއި ސިފައިންގެ ރައްދު ހަމަލާގެ އަޑުގެ ތަފާތުތަކެއް ހުންނާތީއެވެ. ސިފައިންގެ ހަމަލާތަކުގެ ވަޒަންތައް ފޮނުވާލާއިރު ވަރަށް ގިނައިރުވެއެވެ.

އެއާއެކު ދެން ފާހަގަވާންފެށީ ޓެރަރިސްޓުންގެ ހަމަލާ ދޭލެއް ބަލިކަށިވަމުންދާ ކަމާއި ދިވެހި ސިފައިންގެ ހަމާލާތަކަށް ޓެރަރިސްޓުންނަށް ރައްދު ނުދެވި ގިނަ އިރުތަކެއް ވާކަމެވެ.

އަޅުގަނޑުގެ ޝަޢުޤުވެރިކަން ހުރީ ސިއްރުސިއްރުން ނަމަވެސް މި ހަމަލާގެ މައިދާންގެ މަންޒަރުތައް ހަމަލޮލުން ފެނޭތޯއެވެ. މީހުންގެ ވާހަކަތަކަށް ބިރުން ދާކަށް ނުކުރެނެވެ. އެހެނަސް ވަރަށް ބިރުން ހުރެ ނަމަވެސް ދޭތެރެއަކުން މަގުމައްޗަށް ނިކުމެ ސިއްރުން ބޯ ދިއްކޮށްލާ ކަމެއް ފެނޭތޯ ބަލަމެވެ. މުލީއާގެ ފުރަގަހުން ޓެރަރިސްޓުންގެ 3 މީހަކު ހަރަކާތްތެރި ވާތަން އަޅުގަނޑަށް ނުފެނުނަސް ކާރީގައި ތިބި ބައެއް މީހުންނަށް ފެނުނެވެ.

ހެދުނު 8 ޖެހި އިރު އަޑު އަހާ މީހުންނަށް ވެސް ޓެރަރިސްޓުންގެ އަޑު ހިނދިއްޖެކަން އެނގޭވަރު ވިއެވެ. ދެން އެ މީހުންނަށް ރާއްޖޭގެ މައްޗަށް އަތްގަދަ ނުކުރެވޭނެކަން އަޅުގަނޑުގެ ހަވަނަ ހިއްސު ބުނެދޭންފެށިއެވެ. އެގޮތަށް ޒަމީރު ގަބޫލުކުރަން ފެށީ، އެމީހުން އަންނާނީ ދަތުރުކޮށްފައި ކަމާއި މިފަދަ ހަމަލާއެއްގެ ރޭވުންތަކުގައި ކުރީ ރޭ ތިބޭނީ ނުނިދާކަން ހިތަށް ވަންނާތީ އާއި ނިދިބަރުވެ އެމީހުންނަށް ކެއުމާއި ބުއިމުގެ އުދަނގޫތަކާ ވެސް މާލެއިން ކުރިމަތިވާނެކަން ވިސްނޭތީއެވެ. އަދި އެހެން ބުނަން ފެށީމެވެ.

ދިވެހި ސިފައިން ހަނގުރާމައިގެ މާދަނަށް ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންހާ މޮޅެއް ނުވާނެކަން ޔަގީނެވެ. އެކަމަކު ސިފައިންގެއިން ދޭންފެށި ރައްދު ހަމަލާގެ ވަރުގަދަކަމުން ދުޝްމަނުންގެ ޕްލޭން ފެއިލްވެ އެމީހުންނަށް ދެވަނަ ޕްލޭނަކަށް މަސައްކަތެއް ނުކުރެވުނެވެ. އެމީހުންނަށް ކުރެވެން އޮތްހާވެސް ކަމަކީ ފިލުން ކަމަށްވާތީ، ކުރީ އެކަމެވެ.

ފޮޓޯގައި އެފެންނަނީ 3 ނޮވެމްބަރ 88 ގެ އުދުވާނާ ގުޅިގެން، އެ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުލޭއަށް އައިސް އަނެއް ދުވަހުގެ ހެދުނު މާލެއެރި އިންޑިއާ ސިފައިންގެ ފައުޖުގެ މީހަކާއެކު 6 ނޮވެމްބަރ 1988 ވީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ލޮނުޒިޔާރަތްކޮޅު (މިހާރު ނިއުޕޯޓް) ސަހައްދުގެ ތޮށިގަނޑު މަތީގައި ނަގާފައިވާ ފޮޓޯއެކެވެ.

ހައިޖެކްކުރި އެމްވީ ޕްރޮގްރެސް ލައިޓް އިން ސަލާމަތްކޮށްގެން މީހުން ގެނައުން. އޭރުގެ މިނިސްތަރު މުޖުތަބާ – ބޮޑުފެންވަޅުގެ

އަޅުގަނޑުގެ މަދަރުސީ ދައުރުގެ އެކުވެރިޔެއް ކަމުގައިވާ ފުވައްމުލަކު ތަރާނާގެ ޢަބްދުﷲ މުޙައްމަދު (ތަރާނާ) ޕްލޮޓް ޖަމާޢަތުގެ ޓެރަރިސްޓުންގެ އަތްދަށުވެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ރަހީނުވިއެވެ. ރަހީނުވި ދިވެހިން ޕްރޮގްރެސް ލައިޓަށް އަރުވަން ގެންދިއުމުގެ ތެރޭގައި ތަރާނާ ސިއްރުން މޫދަށް ފުންމާލައި އޮޑިއެއްގެ ނިވާފަތްގަޑުގައި ފިލާ އޮތުމަށްފަހު ފަތާފައި އެއްގަމަށް އަރާ ސަލާމަތުން ގެއަށް އައެވެ. ޕްރޮގްރެސް ލައިޓަށް އެރުވި ރަހީނުންގެ ތެރެއިން ބައެއް މީހުން ނެރެ އިންޑިއާ ސިފައިންނަށް ބިރު ދެއްކުމުގެ ގޮތުން މަރާލިއެވެ. އަނެއްބަޔަކު ޕްރޮގްރެސް ލައިޓަށް އިންޑިއާ ސިފައިން ދިން ހަމަލާގައި މަރުވިއެވެ. އަދި ބައެއް މީހުން ޕްރޮގްރެސް ލައިޓާއެކު ކަނޑުގެ އަޑިއަށް ޣަރަޤުވީއެވެ.

ދިވެހި ސިފައިންގެ ހިތްވަރުން ޓެރަރިސްޓުން ބަލިކުރިއެވެ. އިންޑިއާ ސިފައިން އެބައިމީހުން ފިލުނަ ނުދީ އަތުލައިގަނެ ދިވެހި ސަރުކާރާއި ހަވާލު ކުރިއެވެ. މައުސޫމް އެތައް ދިވެހިންނެއް ޝަޙީދުވިއެވެ. ނުރައްކާތެރި ބިރުވެރި ދުވަސްތަކުގައި އިންޑިއާގެ ސިފައިން ވަނީ ރާއްޖެ ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ.

އެންމެ މަތީގައިވާ ފޮޓޯގެ ކަނާތުން ވާތައް: އަޅުގަނޑާއި(އަހުމަދު ސައީދު)، އަލީ ސައީދު – ރަންދުވަރު، އިންޑިއާ ސިފައިންގެ މީހާ، އަދި އޯކިޑް އާރިފު ސޮބްރީ (ވ.)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !