ނަސްރުގެ ދުވަސް 2020: ދިވެހިންގެ ތާޜީޚު އިޔާދަކޮށް ދިން ޙާދިސާއެއް

ނަސްރުގެ ދުވަސް 2020، 3 ނޮވެމްބަރު
Share on facebook
Share on twitter
Share on google

ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ގެ ނޮވެމްބަރު މަހު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިމާވި އުދުވާނީ ހަމަލާ އިން ކާމިޔާބު ލިބުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެހެންނާވެސް ކަންހިގާފައިވާ ބީދައިން ދިވެހިންގެ ބަޔަކު ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމަށް ސްރީލަންކާ ތަމަޅައިންގެ ބަޔަކު ގޮވައިގެން އެރޭ ފަތިހު، ވެރިރަށް މާލެއަށް އަރާ ދިން ހަމަލާ ނާކާމިޔާބުކޮށްލެވުމާއި ގުޅިގެން ފާހަގަ ކުރާ ދުވަހެކެވެ. އެ ހަމަލާގައި ދިވެހި ސިފައިންގެ ތެރެއިން 8 މީހަކާއި އާއްމުންގެ ތެރެއިން 11 މީހަކާއެކު ޖުމްލަ 19 މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައި ވެއެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ހަމައެކަނި ތައުރީފުގެ ބަސްތައް އޮއްސާލުމެއް ވެސް ނޫނެވެ. އެ ދުވަހުގެ ހާދިސާއިން ފިލާވަޅު ލިބި ގައުމީލޯބި އިތުރުކޮށް ގައުމުގެ ދިފާއީ މައި އައްޑަނަ ކަމަށްވާ ސިފައިންގޭގައި ރަނގަޅު ކުރަން ހުރި ކަންތައްތަކާއި މެދު އިތުރަށް ފިކުރުހިންގައި ގައުމުގެ ސިފައިންގެމެދުގައި ގައުމީ ލޯބި އިތުރަށް ވަރުގަދަ ކުރަން ޖެހޭ ވަގުތެވެ.

ހަމައެފަދައިން މިފަދަ ދުވަހަކީ އެދުވަހު ނުވި ކަންތައްތަކަށް ނުވަތަ ގޯސްކޮށް ކުރެވުނު ކަންތައްތަކަށް ބަދުބަސް ބުނަވީ ދުވަހެއް ވެސް ނޫނެވެ. ހިތްވަރު ދޭންވީ ވަގުތެކެވެ. އަދި ހަގީގަތާއި ކުރިމަތިލާން ވެސް ވީ ވަގުތެކެވެ. އެހެން ނޫނީ އެދުވަހުގެ އަސްލު ބަތަލުންނަށް ހައްގު މަގާމު ހޯދައެއް ނުދެވޭނެއެވެ. އަދި އެދުވަހު ފަސްޖެހުނު މީހުންނަކީ މާމަތީ މީހުންކަމަށް ހަދައި ބޮޑުތަކުރުފާނު ވާހަކައިގައި ވާގޮތަށް ފޯކްލޯރަކަށް އެ ހާދިސާގެ ވާހަކަ އަނބުރާލާކަށް ވެސް ނުޖެހެއެވެ.

ތަމަޅަ ޓައިގަރުންގެ ގްރޫޕަކާއި އެކު 2 ބޯޓެއްގައި ދިވެހިންގެ ބަޔަކު މާލެ އެރީ 3 ނޮވެމްބަރު ވީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އަދި އެމީހުން ސިފައިންގެ (ބަނޑޭރިގެ އަށް) ހަމަލާދޭން ފެށުމުން ސިފައިންގެއިން ވެސް ރައްދުގައި ބަޑިން ހަމަލާ ދިނެވެ. ބާޣީންގެ ގްރޫޕް ބޭރުން ހަމަލާ ދޭން ފެށުމުން ރާއްޖޭގެ ސިފައިން އެތެރޭގައި ތިބި މީހުނއެތެރެގައި އަދި ބަނޑޭރިގޭ އެތެރޭގައި ތާށިވިއެވެ. އަދި އެއިގެ ތެރިން ގްރޫޕެއް ބޭރަށް ނިކުމެ ދުޝްމަނުންގެ މައުލޫމާތު ހޯދަން މަސައްކަތް ކުރިއެވެ.

ބައެއް ސިފައިންގެ މީހުން ހިތްވަރާއެކު ކެރިގެން ދުޝްމަނުނާއި ދެކޮޅަށް ހަނގުރާމަ އާއި ކުރިމަތިލިއިރު އެއްބަޔަކު ބިރުން ސިފައިގެއިން ނުކުންނަން ނުކެރި ތިބިކަމާއި އެއްބަޔަކު ސިފައންގެ ޔުނިފޯމް ފޮރުވައިގެން ގޭގައި ސިހިފައި ފިލާ ތިބިކަން ވެސް ގަބޫލުކުރަން ޖެހެއެވެ. ސިފައިންގެ އެތެރެއިން ބޭރަށް ނުކުންނަން ތައްޔާރުކުރި ލަޝްކަރަށް ސިފައިންގެ ތެރެއިން މީހުން ނުވެގެން އުޅުނުކަން ގަބޫލުކުރަން ޖެހެއެވެ. ހަމައެއާއެކު އެދުވަހުގެ ބަތަލު ޝަހީދު ހުސޭން އާދަމް އަށް ދިމާވި ދެރަ ގޮތުން މިސާލު ނެގިކަން އެނގެނީ ސިފައިންގޭގެ ގާޑް-ކޮށިތަކަށް އެތެރެއިން ވަދެ ނިކުމެވޭ ގޮތަށް ބަދަލުކުރި ކަމެވެ. އަދި ކުރިން ނެތް ބަޑި ބުރުޒުތަކެއް ސިފައިންގެ މަރުކަޒުތަކުގައި ކަންކަނުގައި އުސްކޮށް ހެދުމުންނެވެ.

ސިފައިންގެ ކުރިމަތި 3 ނޮވމްބަރު 1988 ދެ ފަރާތުގައި ގާޑް-ކޮށި ހަމައެކަނި ބޭރުން ވަދެވޭގޮތަށް

ހަނގުރާމައިގެ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އާއްމު އުސޫލު އެނގޭނަމަ އެ ދުވަހުގެ ހާދިސާތަކުގައި ނިޔާވި ގިނަ މީހުންގެ (ޚައްސަކޮށް އާއްމުންގެ) ފުރާން ސަލާމަތް ކުރެވުނީސް ކަމަށް ހާދިސާތަކުން ދޭހަވެއެވެ. މިސާލަކަށް ބަލާ ނަމަ ހަނގުރާމައެއްގެ ޙާލަތުގައި ކުޅިބަލަން މައިދާނުގެ ތެރެއަށް ވަނުމަކީ ކޮށްގެންވާނެ ނޫނެވެ. އެއީ އަމިއްލަ ފުރާނަ ނުރަކަލަށް ހުށަހެޅުމެވެ. އަދި ބަޑި ހިފައިގެން ހުރެ ދޭ އިންޒާރަށް ތަބާނުވެ އަމިއްލަ ދިފާއެއް ނެތި މައިދާނުގައި ކުރިޔަށް ޖެހޭނީ ކޮންފަދަ ވިސްނުމަކުން ބާވައެވެ؟ އެ ދުވަހު ހަމަ ނޭނގުނީ ނޫންބާވައެވެ؟

ހަމަލާއިން ބާޣީން ބަލިވާން ފެށުމުން ރާއްޖޭގެ ކާގޯބޯޓެއްގައި ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން އެމީހުން ފިލަން ދިޔައެވެ. އޭރު ރާއްޖޭގެ ސަލާމަތަށް އިންޑިޔާ ސިފައިންގެ އެހީއަށް އެދުމުން އެމީހުން އައިސް މާލެެތެރެ ކޮންޓްރޯލް ކުރިއެވެ. އިންޑިއާ ސިފައިން އައިއިރު އިދިކޮޅު އިސް ހަނގުރާމަވެރިޔާ ވަސަންތީ ވަނީ ދިވެހި ސިފައިންގެ ހަނގުރާމާގައި މަރުވެފައެވެ. ފިލަން ދިޔަ ބާޣިން ހުއްޓުވައި ރަހީނުކުރި މީހުން ސަލާމަތްކޮށްގެން ރާއްޖެ ގެނައީ އިންޑިއާ ކަނޑުގެ މަނަވަރަކުންނެވެ. ރަހީނުކުރި ދިވެހިންގެ ތެރެއިން އެކަކު ބާޣީން ވަނީ ކަނޑުމަތީގައި ބަޑިޖަހައި މަރާލާފައެވެ.

މި ހަމަލާގައި އިސްކޮށް ހުރީ އަބްދު ﷲ ލުތުފީ އާއި ބައިވެރިވި ކަމުގައި ސަގަރު ނާސިރާއި ކަރޯ އައްބާސް އަދި އަބްދުﷲ ޝާހިދު އާއި އުމަރު ޖަމާލު ކިޔާ ދިވެއްސަކު ހިމެނުނެއެވެ. އެމައްސަލައިގެ ހައިކޯޓު ޝަރީއަތުގެ އަޑުއެހުން ދިވެހިރާއްޖޭގެ އަޑުން ބްރޮޑްކާސްޓް ވެސް ކުރިއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގާއި މެދު ގިނަ ސުވާލުތަކެއް އުފެދިފައި ވެއެވެ. މައްސަލައިގެ އެންމެ އިސް އެކަކު ކަމަށް ގިނަ ދިވެހިންނަށް ބެލެވިފައި އޮތް ސަގަރު ނާސިރު ހުކުމް ފުރިހަމަ ކުރުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޭނާ ރާއްޖެ އައީ އެ  ހަމަލާގެ އެއްވެސް މައުލޫމާތެއް އެނގިހުރެގެން ނޫން ކަމަށާއި، ލުތުފީ އޭނާ ގެނައީ އޮޅުވާލައި ރަހީނުކޮށްގެން ކަމަށެވެ. އަދި އޭނާގެ ބަޔާނުންނާއި ލުތުފީގެ ބަޔާނުން އެކަން ހާމަކުރި ނަމަވެސް ތަހުގީގު ކުރި ފަރާތުން އެކަން ބަދަލުކޮށް އޭނާއަށް ވެސް ހަމަ އެއްހުކުމެއް ކުރުވީ ކަމަށެވެ.

އެ މައްސަލާގައި ބައިވެރިވި އެންމެންނަށް ވެސް ރާއްޖޭގެ ހައިކޯޓުން މަރުގެ ހުކުމް ކުރިއެވެ. ނަމަވެސް އޭރު ދައުލަތުގެ އެންމެ އިސްވެރިޔާ މައުމޫނު އަބްދުލް ގައްޔޫމުގެ ވަނީ އެ އެންމެންގެ ހުކުމް ތަންފީޒުކުރުން 25 އަހަރުގެ ޖަލުހުކުމެއް ގޮތަށް ބަދަލުކޮށްފައެވެ. އަދި އޭގެ ގިނަ މީހުން މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިންމާފައެވެ. ލުތުފީ އަދި ވެސް ވީ ޖަލުގައެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި އުދުވާނީ ހަމަލާގެ އަސްލު ސަބަކީ އޭރުގެ ރައީސް މައުމޫނު ވެރިކަން ކުރަމުން އައި ލާއިންސާނީ ގޮތްތަކާއި ހެދި އެ ވެރިކަން ބަދަލުކޮށްލެވޭނެ އިތުރު ގޮތެއް ނެތިގެން ކުރި ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެ ހަމަލާއިން ރައީސް މައުމޫނު ކާމިޔާބު ހޯއްދަވައި އޭގެ ފަހުން ވެސް 20 އަހަރު ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވިއެވެ. މައުމޫނު ރައީސްކަމަށް ވަޑައިގަތީ 1978 ނޮވެމްރު 11 ގައި އަދި 1988 ނޮވެމްބަރު 3 ގައި ހަމަލާ ކުރިމަތިވިއެވެ. އޭގެފަހުން މައުމޫނުގެ ވެރިކަން ނިމިގެން ދިޔައީ 2013 ގައި ރައްޔިތުންގެ ވޯޓުންނެވެ.

ނޮވެމްބަރު 3 ގެ މި ޙާދިސާއަށް ވިސްނާލާއިރު މިއީ ރާއްޖޭގެ ތާރީޚުގައި ވެރިކަން ބަދަލުކުރުމަށް މީގެ ކުރިން ވެސް ހިންގާފައި ހުރި ހާދިސާތަކާއި ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ހަދިސާއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments