A wide advertisement which will be shown on all devices. (700 x 100)

ނަސްރުގެ ދުވަސް – 3 ނޮވެމްބަރު 1988 ފާހަގަ ކުރާއިރު

ދިވެހިރާއްޖެގައި ފާހަގަ ކުރާ ނަސްރުގެ ދ

ނަސްރުގެ ދުވަހުގެ ގޮތުގައި 3 ނޮވެމްބަރު (1988) ވަނަ ދުވަސް ފާހަގަ ކުރާއިރު ހަނދާން އާކޮށްލަން ޖެހޭ މުހިންމު އެއްކަމަކީ އެދުވަހު ނަސްރު ލިބުނީ ކޮންބަޔަކަށް ކަމާއި މެދު ގައެވެ؟ އަދި އެއީ ކީއްވެ ހެއްޔެވެ؟ މިއީ ޚިޔާލު ތަފާތުވާނެ ވިސްނުމެއް ކަން ވެސް ގަބޫލުކުރަން ޖެހެއެވެ.

ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ގާނޫނީ އިމުގެ ތެރެއިން ފުރުސަތު ނުލިބޭތީ އެތައް ފަހަރަކު ވެރިކަން އެހެން މަގަކުން ބަދަލުކުރަމަށް މަސައްކަތް ކޮށްފައިވާކަމީ ތާރީޚު ހެކިދޭ ކަމެކެވެ. އެގޮތުން 3 ނޮވެމްބަރަކީ ވެސް އެފަދަ ދުވަހެކެވެ. ވެރިކަން ބަދަލުކުރުމުގެ ހަރަކާތް ހުއްޓުވާލެވުމުން އެހަރަކާތުން ކާމިޔާބުލިބި ނަސްރު އެލިބެނީ އެދުވަހު ދިވެހި ވެރިކަމުގައި ތިބި ފަރާތަށް ހެއްޔެވެ؟ ނުވަތަ ދިވެހި ރައްޔިތުންނަށް ހެއްޔެވެ؟ އެއީ ދިވެހި ހުރިހާ ދިވެހި ރައްޔިތުންނަށް ލިބުނު ނަސްރެއް ނަމަ އެހިސާބުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކަން ލިބި ‘ބޮޑުކާފު ކުޑަކާފު’ ޖެހުން ހުއްޓުނީހެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އެހެނެއް ނޫންކަން ސާބިތެވެ.

އިހުނަށްވުރެ ވެރިކަމުގައި ހުންނެވި ފަރާތުގެ ބާރުގަދަވެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ނުކުރުން އިތުރުވެގެން ދިޔައީއެވެ. ތިނެއް ނޮވެމްބަރުގެ ހާދިސާއިން ނަސްރު ލިބިގެންދިޔައީ ދިވެހި ވެރިކަމުގައި ތިބި ފަރާތަށް ކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް އެއީ ހުރިހާ ދިވެހިންނަށް ލިބުނު ނަސްރެއްގެ ގޮތުގައި މިވަނީ ފާހަގަ ކުރަން ފެށިފައެވެ.

3 ނޮވެމްބަރު ހަމަލާގައި ޝަހީދުވި މީހުން – ދަޕްރެސް

ވެރިކަން ބަދަލުކުރުމަށް އެދިގެން ހިންގާ ހަރަކާތުން ވެރިކަން ގެއްލޭ ފަހަރާއި ވެރިކަން ދެމެހެއްޓޭ ފަހަރުތައް ވެސް އާދެއެވެ. އެގޮތުން ވެރިކަން ވެއްޓޭ ފަހަރު އެހަރަކާތެއް ހިންގާ މީހުން (ކާމިޔާބު ލިބޭ މީހުން) ސިފަވެގެންދާނީ ޣާޒީންގެ ގޮތުގައެވެ. ނުވަތަ ގައުމީ ބަތަލުންގެ ގޮތުގައެވެ. އަދި އަދި ނާކާމިޔާބު ލިބޭ މީހުން އެއީ ބާޣީންނެވެ. ނުވަތަ ޣައްދާރުންގެ ގޮތުގައި ސިފަކުރެވިގެން ދެއެވެ. މައްސަލައިގެ އަސްލު ހާމަކުރުމެއް ނޯވެއެވެ. އަސްލަކީ ވެރިކަމާއި ތޮޅުމެވެ.

އެގޮތުން ނޮވެމްބަރު 3 ގެ ހާދިސާގައި ޝަރީއަތް ކުރެވުނު ގޮތުންވެސް މިކަމަށް ބާރުދެއެވެ. އެހަރަކާތުގައި އެކި މިންވަރަށް އެނގިގެންނާއި ނޭނގި ބައިވެރިވެވުނު މީހުން ނުވަތަ މަޖުބޫރީ ހާލަތެއްގައި ބައިވެރިވެވުނު މީހުންނަށް ވެސް އެއް ހުކުމެއް ކުރެވިގެން ދިޔަދިއުން މިކަމަށް ބާރުދެއެވެ.

3 ނޮވެމްބަރުގެ ޙާދިސާގައި އެންމެ އިސް އެކަކު ކަމަށް ނިންމި ސަގަރު ނާސިރުގެ ވާހަކައިންނާއި އެހަރަކާތުގައި އެންމެ އިސްކޮށް އުޅުނު ލުތުފީގެ ބަހުންނާއި އަދި އެހެނިހެން މީހުންގެ ބަހުން ސަގަރު ނާސިރަށް އެހަރަކާތުގެ މަގުސަދެއް ކުރިން ނޭނގޭ ކަމަށާއި، އަދި އެކަމުގައި ބައިވެރިވާން މަޖުބޫރުވި ގޮތް ސާފުކޮށް އެނގެން އޮތް ހިނދުވެސް، އޭނާގެ ކުށާއި އެކަން ރާވާހިންގި އެންމެ އިސް މޭސްތިރި އަބްދުﷲ ލުތުފީގެ ކުށާއި އެއްވަރު ކުރެވިގެން ދިޔައީ މައްސަލައިގެ ހަގީގަތް ހާމަ ކުރުމަށްވުރެ ބޮޑަށް މައްސަލަ އެހެން ގޮތަކަށް ދެއްކުމަށް ކަމަށް ގަބޫލުކުރަން ފުރުސަތު ހުޅުވެއެވެ.

މަލަބާރުންނާއި ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް ހިންގުނު ހަރަކާތާއި އަދި އެނޫންވެސް ރަސްކަންތައް އަދި ދިވެހި ޖުމްހޫރިއްޔާގެ ވެރިކަން ބަދަލުކުރުމަށް ހިނގުނު ހަރަކާތްތައް އެކުއެކީ ވަޒަންކުރެވިގެންނޫނީ ހަގީގީ ނަސްރުގެ ދުވަސް ދެނެގަތުމަށް އުނދަގޫވާނެއެވެ. އެންމެ ދުވަހެއްގެ ހާދިސާއިން މުޅި ގައުމަށް ނަސްރު ލިބުނު ގޮތް ސާފުވާން ދަތިވާނެއެވެ.

ސިފައިންގެ ކުރިމަތި 3 ނޮވމްބަރު 1988 ދެ ފަރާތުގައި ގާޑް-ކޮށި ހަމައެކަނި ބޭރުން ވަދެވޭގޮތަށް

އެއީ ރާއްޖޭގެ ތާރީޚުތައް ކުރިން ލިޔެފައިވަނީ މިފަދަ ހަރަކާތްތަކުން ކާމިޔާބު ހޯދާ ފަރާތްތައް ބޭނުންވާ ކުލައެއް ޖެއްސުމަށް އެފަރާތުން އެދޭ ގޮތަށް ކަމަށް ވުމެވެ.

ނޮވެމްބަރު 3 ގައި ވެސް ފާހަގަ ކުރަނީ އެފަދަ ގޮތަކަށް ކާމިޔާބު ލިބުނު ފަރާތުން އެދުނު ގޮތަށް އެކަން ދެއްކުމަށް ފާހަގަ ކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެވެ. އެހަރަކާތުން ދިވެހިންގެ 19 މީހެއްގެ ފުރާނަ ގެއްލިގެން ދިޔަކަން ހަނދާންކުރަން ވެސް ޖެހެއެވެ. އެއާއެކު އެހާދިސާއިން ދިވެހި ސިފައިންނާއި އާއްމުންނަށް ވެސް ފިލާވަޅުތަކެއް ލިބިގެން ދިޔައެވެ. ދިފާއީ ގޮތުން އިސްލާހުކުރަން ޖެހޭ ގިނަ ކަންކަމަށް ސަމާލު ކުރުވިއެވެ. އަދި ހަނގުރާމައިގެ ހާލަތުގައި ކުރަންވާ ކަންކަމާއި ނުކުރަންވާ ކަންކަން ދެނެގަތުމަށް ފިލާވަޅުތަކެއް ލިބިގެންދިޔައެވެ.

އެދުވަހު ގެއްލިގެން ދިޔަ ގިނަ ފުރާނަތަކަކީ ހަނގުރާމައެއްގެ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތްތައް ނޭގުމުގެ ސަބަބުން ގެއްލިގެން ދިޔަ ފުރާނަތަކެއް ކަމަށް ވެސް އެހާދިސާތަކުން ހާމަވެއެވެ. އެއި ވެސް މުހިންމު ފިލާވަޅެކެވެ.

ނޮވެމްބަރު 3 ގެ ހާދިސާއަށް ފަހުންވެސް ދިވެހި ވެރިކަން އުސޫލުން ބޭރުން ބަދަލުކޮށްލުގެ ހަރަކާތްތަކެއް 2012 ފެބްރުއަރީ 7 ގައި ވެސް ހިންގިއެވެ. ނަމަވެސް އެފަހަރު ކާމިޔާބު ލިބުނީ ބަޣާވާތް ކުރި ފަރާތަށެވެ. ވުމާއެކު އެފަރާތްތައް ވެގެން ދިޔައީ ޣާޒީންނަށެވެ. ނަތީޖާ ނުކުތް ގޮތް ތަފާތުވުމުން އެދުވަސް ވެގެންދިޔައީ އެއްބަޔަކަށްކަޅު އަނދިރި ދުވަހަކަށެވެ. އަނެއް ބަޔަކަށް ހައްގާއި ނަސްރު ލިބުނު ދުވަހަކަށެވެ.

7 ފެބްރުއަރީގައި 2012 ގައި ވެސް ވެރިަކން ބަދަލުކޮށްލި

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ އަސްލު ސަބަބަކީ އޭރުގެ ރައީސް މައުމޫނު ވެރިކަން ކުރަމުން އައި ލާއިންސާނީ ގޮތްތަކުގެ ސަބެބެވެ. އަދި ވޯޓުން އެ ވެރިކަން ބަދަލުކޮށްލެވޭނެ ގޮތެއް ނެތިގެން، އެންމެ ފަހުން ބޭރު ސިފައިންގެ އެހީ ހޯދައިގެން ވެރިަކން ބަދަލުކޮށްލުމަށް ހިންގި ހަރަކާތެއްގެ ގޮތުގައެވެ. ނަމަވެސް އެ ހަމަލާއިން އިންޑިއާ ސިފައިންގެ އެހީއާއެކު ރައީސް މައުމޫނު ކާމިޔާބު ހޯއްދަވައި އޭގެ ފަހުން ވެސް 20 އަހަރު ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވިއެވެ. މައުމޫނު ރައީސްކަމަށް ވަޑައިގަތީ 1978 ނޮވެންބަރު 11 ގައެވެ. އޭގެ ގާތްގަޑަކަށް 10 އަހަރުފަހުން 1988 ނޮވެމްބަރު 3 ގައި ހަމަލާއާއި ކުރިމަތިވިއެވެ. އޭގެފަހުން މައުމޫނުގެ ވެރިކަން ނިމިގެން ދިޔައީ 2013 ގައި ރައްޔިތުންގެ ވޯޓުންނެވެ.

ނޮވެމްބަރު 3 ގެ މި ޙާދިސާއަށް ވިސްނާލާއިރު މިއީ ރާއްޖޭގެ ތާރީޚުގައި ވެރިކަން ބަދަލުކުރުމަށް އެއިގެ ކުރިންވެސް ހިންގާފައި ހުރި ހާދިސާތަކާއި ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ހާދިސާއެއްކަން ފާހަގަ ކުރެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !