ނެރުތައް ބަންދުކުރާނީތަ؟ބަރާނީތަ؟ ނޫނީ ހުޅުވާލެއްޕޭ ގޮތަށް ދޮރެއް ލާނީތަ؟

މާނޭރު ނެރު ބަންދުކުރުމަށް - ވަންފުވައްމުލައް ޖަމްއިއްޔާގެ މެމްބަރު އަޝްރަފު ނޫމާނު ފޭސްބުކުގައި ހިއްސާ ކުރި ފޮޓޯއެއް.
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ ނެރުތައް ބަންދުކުރުމަށް ނުވަތަ ބަރާލުމަށް އެދި ރަށުގެ ބައެއް މީހުންނާއި ޖަމާއަަތްތަކުން ގޮވާ އަޑުތައް މިދުވަސްކޮޅު ވަނީ ގަދަވެފައެވެ. ނަމަވެސް މިކަން ކުރަން ވިސްނަނީ ކޮންގޮތަކަށްކަން އެއްވެސް ފަރާތަކުން ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ފުވައްމުލަކުގެ ބަންދު ނުކޮށް ހުރި 4 ނެރު ބަންދުކޮށްދިނުމަށް ޕްލޭނިން މިނިސްޓރީގައި ފައިތުވި 2020ގެ ފަހުކޮޅު އެދިފައިވާކަމަށް ވެއެވެ.

ނެރުތައް ބަންދުކުރަން ގޮވަނީ މައިގަނޑު 2 ސަބަބެއް އޮވެގެން ކަމަށް ބެލެވެއެވެ. އެއީ ރަށް ގިރުމާއި މޫދަށްއެރޭ މީހުން ނެރުގެ ގަދަ އޮއިގައި ޖެހި ދިމާވާ ހިތާމަވެރި، ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ ގޮތުންނެވެ. ނަމަވެސް ހިތާމަވެރި ހާދިސާތައް ނެރު ނޫން އެހެން ހިސާބުތަކުގެ މޫދުގައި ވެސް ހިނގާކަން އެނގެއެވެ.

މާނޭރު ނެރު – ފޮޓޯ މުނީރު ހަސަން

ފުވައްމުލައް ސިޓީގެ ދެބިތުން ހަދާފައިވާ 8 ނެރުގެ ތެރެއިން މިހާރު ބަންދުނުކޮށް އޮތީ ހުޅަނގު-ދެކުނު ފަރާތުގެ 4 ނެރެވެ. އިރު-އުތުރު ފަރާތުގެ 4 ނެރުގެ ބޭރުކޮޅުން ވަކި ހިސާބެއްގައި 4 ފައިކަށިލީ ގާ (ޓެޓްރާޕޮޑްސް) ޖަހައި ވަނީ ކޮންމެވެސް ވަރަކަށް ބަންދުކޮށްފައެވެ.

ނެރުތައް ބަންދުކުރުމުގެ ވިސްނުން އެންމެ ފުރަތަމަ އައިކަމަށް ބެލެވެނީ ފުވައްމުލަކުގެެ އިރުމަތީފަރާތުން ރަށްގިރަައިގެން ދިއުމުގެ ސަބަބަކީ ނެރުތައް ކަމަށް ބެލެވުން ކަމަށް ވެއެވެ. ނަމަވެސް އިރުމަތީފަރާތުގެ 4 ނެރު ބަންދުކުރި ކަމުގައިވިޔަސް ރަށްގިރުމަކަށް އެކަމުން ހައްލެއް ނުލިބުނެވެ. ނެރުތައް ބަންދުކުރި ފަހުން ފާއިތުވި ދުވަސްތަކަށް ބަލާއިރު ރަށުގެ އިރުމަތީ ފަރާތުން ގިރުން ކުޑަވެފައެއް ނުވެއެވެ. ގިރާސަރަހައްދު ދަނީ ބޮޑުވަމުންނެވެ. މާނައަކީ އެގޮތަށް ނެރު ބަންދުކުރުމުން ރަށްގިރުމަށް ހައްލައެއް ނުލިބުނުކަން ގަބޫލުކުރެވުމެވެ.

ބަންދުކޮށްފައިވާ އަނބުލެ ނެރު – ފޮޓޯ މުނީރު ހަސަން

ނެރުތައް ބަންދު ކުރުމަށް ގޮވާލާ އަނެއް ސަބަބަކީ ނެރުތަކަށް މޫދަށް ދާމީހުންގެ ސަލާމަތަށް ދިމާވާ ކަންކަމެވެ. ފާހަގަ ކުރެވޭ ކަމަކީ ފާއިތުވި ހަފުތާއިން ފެށިގެން ނެރުތައް ބަންދު ކުރުމުގެ އަޑު ގަދަވެގެން ގޮސްފައިވަނީ ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގައި ކިޔަވަމުން ދިޔަ ޅަޒުވާން ކުއްޖަކު މޫދަށް ގެންބިގެން މަރުވިކަމަށް ބެލެވޭ ހާދިސާއެވެ. އެހާދިސާގެ ކުރިން ވެސް ފުވައްމުލަކުގެ ގިނަ މީހުންނަށް އެނގޭ ހަގީގަތަކީ ބަދަލުވާ ދިޔަވަރުގައި ނެރުތަކަށް ޖަމާވާ ލޮނުގަނޑާއެކު ނެރުގައި ބޭރަށް ދަމާ ގަދަ އޮއިވަރެއް އުފެދެއެވެ. އެގޮތުން އެއޮޔާއި ދެކޮޅަށް ފަތައިގެން ކުރި ލިބުމަކީ ނާދިރުކަމެކެވެ. އެއީ މާނޭރުން ވެސް އަދި އެހެން ނެރުތަައް ވެސް، ފަރުގޮއްވައި ފުޅާކުރުމުގެ މާކުރިންވެސް އެތަންތަނުގައި އޮތް ހަނި ނެރުތަކުގައި ވެސް އުފެދުނު އޮއިވަރެއްކަމަށް، ނެރުތައް ހެދުމުގެ ކުރިން އެތަންތަނުގެ އޮއިވަރު ތަޖުރިބާކުރި މީހުން ބުނެއެވެ. އެކަމަކުވެސް ފަހުން، ގޮއްވައި ފުޅާކޮށް ފުންކުރުމުން އެއޮވަރުގެ އަސަރު ބޮޑުވާނެކަން ގަބޫލުކުރަން ޖެހެއެވެ.

މިހާރު ހުރިގޮތަށް ނެރުތައް ހެދުމުގެ ކުރިންވެސް ފުވައްމުލަކުގައި މޫދަށް ގޮސްގެންނާއި ލަފާފުރުމުގެ އެކި ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިގެން ގޮސްފައިވެއެވެ. އަދި މީހުންގެ މުދަލަށާއި އޮޑިދޯނިފަހަރަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ. ނަމަވެސް އެއީ ނެރުތައް ބަންދުކުރުމަށް ނުވަތަ އިތުރަށް ނެހެދުމަށް އޮތް ސަބަބެއް ކަމަށް އޭރުގެ މީހުން ގަބޫލެއް ނުކުރިއެވެ. އެއިގެ ނަތީޖާއެއްގެ ގޮތުން މިހާރު ހުރިގޮތަށް ނެރުތައް ހެދީއެވެ. އަދި މިހާރު ނެރުގެ ބޭނުމަކީ ލަފާފުރުމަށްވުރެ ބޮޑަށް މުދަށް އެރުންކަން އެނގެއެވެ. ލަފާފުރުމަށް މިފަހުން މަދުންނަމަވެސް ބޭނުންކޮށްފައިވަނީ މާނޭރު ނެރާއި ނެރަގަނޑު ނެރެއެވެ.

ބަންދުކޮށްފައިވާ ރަސްގެފަންނު ނެރު – ފޮޓޯ މުނީރު ހަސަން

ސުވާލަކީ މޫދަށް ދާ ސަލާމަތްކުރުމަށް ކުރަން އޮތްހާވެސް ކަމަކީ ނެރުތައް ބެރުން ނުވަތަ ބަންދުކުރުން ހެއްވެ؟ މީހުން އޮއިގައިޖެހި ސަލާމަތީގޮތުން ނުރައްކާވަނީ ހަމައެކަނި ނެރަށް މޫދަށް ގޮސްގެން ހެއްޔެވެ؟ ނެރުން އެފަދަ ހާދިސާތައް ގިނަވަނީ އެހެން ތަންތަނަށް ވުރެ ގިނައިން މީހުން ނެރަށް މޫދަށް އެރޭތީ ނޫން ބާވައެވެ؟

ޚާއްސަކޮށް ފުވައްމުލަކުގެ ހުޅަނގު ދެކުނު ބިތުން ބޮޑުދިޔާގައި ނޫނީ މީހުން މޫދަށް އެރެން އެކަށީގެންވާ، ނެރު ނޫން އެހެންތަނެއް ނޯންނަކަމެވެ. ވުމާއެކު ދިޔަވަރު ހިކޭ ވަގުތުތަކާއި، އެއްކޮށް ހިކި ދިޔާގައި އަދި ދިޔަވަރު ބޮޑުވާ ގަޑީގައި ފުވައްމުލަކުގެ ދެކުނު ބިތުން މީހުން މޫދަށް ދާނީ ނެރުތަކަށް ކަމަށް ގަބޫލުކުރަން ޖެހެއެވެ. މުދަސް އެރޭ މީހުން ސަލާމަތީ ކަންކަމަށް ހޭލުންތެރިކަން އިތުރކޮށް ސަލާމަތީ އާލާތްތައް އަތުޖެހޭ ހިސާބުގައި ބަހައްޓަން ވިސްނަނީ ކޮންބައެއް ހެއްޔެވެ؟

މީހުން މޫދައްދާ ސަބަބުތައްކެއް ހުރެއެވެ. ކަސްރަތަށް މޫދަށް ދާ އެކިއުމުރުފުރައިގެ މީހުންނާއި، ޚާއްސަކޮށް އުމުރުން ދުވަސްވި ނާޒުކު ޙާލަތްތަކުގެ މީހުންނާއި، ފިޒިކަލް ކުޅިވަރުތައް ނިންމާލާފައި ވަރުބަލިފިލުވާލަން މޫދަށްދާ މީހުންނާއި، ހަފުތާ ބަންދަށް ނުވަތަ ޗުއްޓީ ދުވަހު އާއިލާ އާއެކު ނުވަތަ ރައްޓެހިންނާއެކު ހިތްހަމަޖައްސާލުމަށާއި ފޫހިފިލުވާލުމުގެ ގޮތުން މޫދަށްދާމީހުން ތިބޭކަން ވިސްނުމުގައި ބަހައްޓަން ޖެހެއެވެ. އެމީހުންނަށް މޫދަށް އެރޭނެ ތަނެއްގެ މުހިންމު ކަން ކުޑައެއް ނޫނެވެ. އެފަދަ ވަގުތުތަކަކީ، ފަސޭހައިން ލޮލަށް ނުފެންނަ އިޖުތިމާއީ ގޮތުން އެތައްކަމެއްގެ ފަރުވާއެވެ. މިހާރު ނެރުތައް ވެފައިވަނީ ފުވައްމުލަކުގެ އިޖުތިމާއީ ވެށީގެ ބަޔަކަށެވެ.

މާނޭރު ނެރު ހިކިދިޔާގައި. ފޮޓޯ؛ މުހައްމަދު އަފުރާޙު-އެފްބީ

މީހުން މަރުވުން ފަދަ ދެރަ ގޮތްތައް މެދުވެރިވަނީ ހަމައެކަނި ނެރަކުން ނޫންކަން ހަނދާން ކުރަން ޖެހެއެވެ. އެހެންވެސް އިޖުތިމާއީ ވެށީގައި އެފަދަ ނުރައްކާތައް ކުރިމަތިވާކަން ގަބޫލުކުރަން ޖެހެއެވެ. ރަށުގައި ތާރުއަޅާއި ހެދި މަގުގައިވެސް ކުށެއްނެތް އެތައްބައެއްގެ ފުރާނަ ގެއްލިގެން ހިގައްޖެއެވެ. މަގުތައް ބަންދުކުރުމަށް ގޮވާލާބަޔަކު ނެތެއެވެ. އެންމެން ވެސް ގަބުލުކުރަނީ އެފަދަ ހާދިސާތައް ގިނަފަހަރާ މެދުވެރިވަނީީ ރަށްކާތެރިަކަމުގެ ފިޔަވަޅުތައް ކުޑަކަމުން ނުވަތަ ނެތުމުންނެވެ. ހަމަ އެފަދައިން ނެރުތަކުންވެސް ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނެ ގޮތްތައް ހޯދައި އެގޮތަށް އަމަލުތައް ބެހެއްޓުން ފައިދާބޮޑުކަމަށް ދެކެމެވެ.

ބަންދު ނުކޮށް އޮތް ނެރެއް – ފޮޓޯ: މުނީރު ހަސަން

އެގޮތުން ވިސްނާއިރު ނެރުތައް އެއްކޮށް ބަރާލުމަކީ ހައްލެއް ކަމުގައި ގަބޫލުކުރަން ދަތިވެއެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އިރު-އުތުރު ފަރާތުގެ ނެރުތައް ފަދައިން ހުޅަނގު-ދެކުނު ފަރާތުގެ ބައެއް ނެރުތައް ބޭރުކޮޅުން ކޮންމެ ވެސް ވަރަކަށް ބަންދުކޮށް އެތަންތަނަކީ މޫދަށް އެރެން ސަލާމަތީގޮތުން ރައްކާތެރިކަން ބޮޑު ތަންތަން ކަމުގައި ހެދިދާނެއެވެ. އެހިސާބުން އުފެދޭ ސުވާލަކީ ނެރުނޫން އެހެން ތަންތަނަށް މޫދަށް އެރޭ މީހުންގެ ރަށްކާތެރިކަމަށް މިކަމުން ހައްލެއް ލިބިދެވޭހެއްޔެވެ؟ ނޫނީ އެކަމަށް އޮތްހައްލަކީ ކޮބާހެއްޔެވެ؟

ހުޅަނގު ދެކުނު ފަރާތުގެ ހުރިހާ ނެރުތައް ބަންދު ނުކުރަން ވީ ކީއްވެހެއްޔެވެ؟

ރަށުގެ ހުރިހާ ނެރުތައް ބައްދާލުމުން ފުވައްމުލަކުގެ ބަނދަރަށް ނުވަދެވޭ މަދު ނަމަވެސް ދުވަސްތަކުގައި ދަތުރުވެރިންގެ އަރާފޭބުމާއި މުދާ ބޭލުމަށް ގޮތެއް އޮތުމަކީ ވެސް މުހިންމު ކަމެކެވެ. އެފަދަ ދުވަސްތަކުގައި ރަށް ގެނެވޭ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ރަށް ބޭލޭނެ ގޮތެއް އޮތުން ވެސް މުހިންމުވެއެވެ. މިހާރު އެއީ އަހަރަކު 3-4 ދުވަސް ނަމަވެސް، މޫސުމށް އަންނަ ބަދަލުތަކާއި ގުޅިގެން، ނުވަރަ ރަށުގެ އުރު އުތރު ބިތުގައި ރަށްގިރުން ހިމާޔަތް ކުރުމަށް ތޮށިލުމަނުން ރަށުގެ ވަށައިގެން އުފެދޭ އޮއިވަރަށް ބަދަލުއައިސް އެދުވަސްތައް އިތުރުވުމަކީ ވެސް ދުރުކަމެއް ނޫނެވެ.

އެފަދަ ހާލަތަކަށްވެސް ދުރާލާ ވިސްނާލުން މުހިންމެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ސުއޭޒްކެނެލް ނުވަތަ ޕެނަމާކެނެލް ފަދަގޮތަކަށް ފުވައްމުލަކުގެ ނެރުތައް ހުޅުވާ ލެއްޕޭނެ ގޮތް ހެދުމަކީ މާލީ ގޮތުންނާއި އިގުތިސާދީ ގޮތުން އެކަށީގެންވާ ވަރުގެ ކަމެއް ނޫންކަމެވެ.

ނެރަގަނޑު ނެރު – ފޮޓޯ: މުނީރު ހަސަން

ބޭރުގައިކޮޅުގައި ގާޖަހަިއގެން ވެސް ނެރު ބަންދުކޮށްފިނަމަ އެނެރެއްގައި ވެއްޔާއި ގާ ހަރުލައި ތިލަވަމުން ގޮސް އެނެމްފަހުން އެއްކޮސް ބެރޭނެއެވެ. ނުވަތަ ހިކޭނެއެވެ. އަދި އެތަނުގައި މުރަކައާއި ގާތަކުގެ ދިރުންތަކުން އެކުވެގެންދަނެއެވެ. މިކަމަށް ގިނަ ދުވަސްތަކެއް ނަގާފާނެއެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި ފުވައްމުލަކުގެ ހުޅަނގު ދެކުނު ބިތުން ބަންދު ކުރަންވީ އަރުއްފަންނު ނެރާއި ކަނދުވަލި ފަންނު ނެރެވެ. އެދެނެރަކީ މޫދަށް އެރެން ޚާއްސަ ތަންތަނުގެ ގޮތުގައި ހަމަޖައްސައި، ތަރައްގީ ކުރެވިދާނެއެވެ. އަދި މާނޭރު ނެރާއި ނެރަނަގޑު ނެރު ރަށުގެ އަރާފޭބުމަށް ބެކަޕް ދެތަނުގެ ގޮތުގައި ހުޅުވާލާފައި ބޭއްވުން މުހިންމެވެ. އެދެނެރަކީ ރަށުގެ ބަނދަރަށް ވަނުމަށް ދަތިވާ ދުވަސްތަކުގައި، އޮއިވަރާއި ރާޅުތަކަށް ބަލައި މޫސުން އެންމެ ރަނގަޅުކޮށް އޮންނަ ދެތަނަށްވެ، އަމާންކަމާއެކު ވަދެ ނުކުތުމަށް އޮތް އެންމެ ފަސޭހަ ދެތަން ކަމުގައި ބެލެވޭތީއެވެ.

ނެރު ބަންދުކުރުމަށް – ވަންފުވައްމުލައް ޖަމްއިއްޔާގެ މެމްބަރު އަޝްރަފު ނޫމާނު ފޭސްބުކުގައި ހިއްސާ ކުރި ފޮޓޯއެއް.

އެ ދެ ނެރު ބަންދު ނުކުރާތީ، އެތަންތަނަށް މޫދަށް އެރުމަށް ޚާއްސަ އުސޫލުތަކާއި، ގަޑިތަކެއް ކަނޑައަޅާއި ސަލާމަތީ ގޮތުން އެކަން ބަލަހާއްޓާނެ ބަޔަކު އެގަޑިތަކުގައި ބޭތިއްބުމާއި، މޫދަށް އެރޭ ހުރިހާ ދިމާލެއްގައި ފަސޭހައި އަތުޖެހޭ ހިސާބުގައި ސަލާމަތީ ތަކެތި ބަހައްޓައިގެން ކަންބޮޑުވާ މައްސަލަތަކަށް ހައްލެއް ހޯދިދާނެ ކަމަށް ގަބޫލުކުރަމެވެ

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments