A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައިގެ ހައްލު މިއަހަރު!

ފުވައްމުލަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއްވެސް ހައްލެއް ނުލިބި އޮތް ގިނަ ދުވަސްވެފައިވާ ރަށް ގިރުމުގެ މައްސަލައެކެވެ. ފަޅެއް ވިލެއްގެ ރައްކާތެރިކަމެއް ނެތި ވަށައިގެން ކަނޑު އޮންނަ ފުވައްމުލަކުގެ ރައްޔިތުން ވަނީ ތަފާތު އެކި ފަހަރު އެކި ލެވެލްގައި ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފަ އެވެ. ނަމަވެސް 21 ވަނަ ގަރުނުގައި މިވީހާ ތަނަށް ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކަށް މިކަމަށް ހައްލެއް ހޯދައިނުދެވުނެވެ.

މިހާރުގެ ސަރުކާރުން ވެސް މި މައްސަލައިގައި އަދި ފެންނަނީ “ވަނދު” ކޮށެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރާނެ ކަމަށާއި އެ މަސައްކަތް ކުރާނެ ކަމަށް ބުނި ނަމަވެސް ގިރާ ސަރަހައްދު ހިމާޔަތްކުރާ ޕްރޮޖެކުޓުގެ ހަބަރެއް ހިލަމެއް އަޑެއް ނީވިގެން އެންމެ ފަހުން ސަރުކާރަށް ނިސްބަތްވާ ފުވައްމުލަކު އުތުރު ދާއިރާ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ވަނީ މި މަސައްކަތާއި ސަރުކާރުން ހަވާލުވެފައިވާ ވުޒާރާގެ ވަޒީރު މަޖިލިސް އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ދޮންބެ ރަޝީދަށް ޝުކުރިއްޔާއެވެ. ސަރުކާރު ލައްވާ މަސައްކަތްކުރުވާނެ ކަމަށާއި ޖަވާބުދާރީކުރުވާނެ ކަމަށް ބުނެ ވި ވައުދު އެބަ ފުއްދައެވެ.

އަނެއްކާވެސް ފުވައްމުލަކު ރައްޔިތުންގެ އިހްސާސްތަކާއި ގުޅިފައިވާ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރާ ޕްރޮޖެކްޓުގެ ވާހަކައެވެ. މި ފަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުންނެވެ.

“އިރާދަކުރެއްވިއްޔާ އޭގެ ފަހުން (ޓެންޑަރ މަސައްކަތަށް ފަހު) އަމަލީ މަސައްކަތް، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެށުމަށް މި ވަނީ ތައްޔާރުވެފައި. ދުވަސްވީ ބޮޑު މައްސަލައަށް މި އަހަރުގެ ތެރޭގައި ހައްލެއް އަންނަން ފަށާނެ” – ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ފުވައްމުލައް ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެކު ބޭއްވި ޒޫމް އޮންލައިން ބައްދަލުވުމެއްގައެވެ. ބައްދަލުވުމުގެ ބައިވެރިއެއް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ބިޔަބޮޑު ޕްރޮޖެކްޓް ވަނީ ޓެންޑަރ ކުރެވިފައި ކަމަށެވެ. އަދި މާރިޗު މަހުގެ 8 ވަނަ ދުވަހު ބިޑްކުރުން އޮންނާނެކަމަށެވެ.

މިކަލް ނޫހަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މި ޕްރޮޖެކްޓުގެ ދަށުން ފުވައްމުލަކުގެ ގޮނޑުދޮށުގެ 2650 މީޓަރު ހިމާޔަތް ކުރެވިގެން ދާނެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ މިފަދަ އެންމެ ބޮޑު ޕްރޮޖެކްޓެވެ. މި ރިޕޯޓަށް މައުލޫމާތު ދެއްވި ސަރުކާރުގެ ކަމާއި ގުޅުން ހުރި ވުޒާރާއެއްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މަޝްރޫއު ހިންގަން މި ސަރުކާރުން މިދިޔަ އަހަރުވެސް މަސައްކަތްކުރިއެވެ. ނަމަވެސް ޕްރޮޖެކްޓަށް ޝަރުތު ފުރިހަމަވާ ވަރުގެ ބަޔަކު ނުވެ އެކަން ނުކުރެވުނީއެވެ. ނަމަވެސް ރައީސް ވިދާޅުވެފައިވާ ފަދައިން މިއަހަރުގެ ތެރޭގައި ބަޔަކާއި ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓުގެ ޓެންޑަރިން އާއި ބިޑިން އަށް ލުއި ދީގެން ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ރައީސްގެ ވާހަކަފުޅުން ފުވައްމުލަކުގެ ގިނަ ރައްޔިތުންނަށް އުފާވެރިކަމާއި އުއްމީދު ލިބުނު ނަމަވެސް ބައެއް ރައްޔިތުން ތިބީ މި ޕްރޮޖްކްޓުގެ އަމަލީ މަސައްކަތް ނުފެށެނީސް މިއީ ކުރެވޭނެ ކަމަކަށް ބަލައިގެންނެއް ނޫނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަށިއެތެރެ މީހާ

    މިފަހަރު މިކަން ވެއްޖިއްޔާ ރަގަޅު