ހަތްވަނަ ބައި
ޝީލާގެ އުޅުން ކިތަންމެ ކަމު ނުދިއަޔަސް ޙަމްދާންގެ މަންމަ ދުވަހަކުވެސް އެކަމާ އެއްވެސް އެއްޗެއް ޙަމްދާން ގާތަކު ނުބުނެއެވެ. ޚުދު ޙަމްދާން ހުންނަނީ އެކަމާ ލަދުންކަން ޙަމްދާން މަންމައަށް އެނގޭތީއެވެ.
މާލެ އައިތާ ދެ ހަފުތާއެއްހާ ދުވަސް ފަހެވެ. ހޫދު ގޮވައިގެން ޙަމްދާން ނިކުތީ ހަވީރުގަޑީގައި ދުއްވާލަން ދިއުމަށެވެ.
ޝީލާ ދަންޏާ ކާރެއްގައި ހުޅުމާލެއާ ހަމައަށް ދުއްވާލަން ދާން ހަމްދާން ހުރީ ނުހަނު ބޭނުންވެފައެވެ. އެވާހަކަ ޙަމްދާން ބުނީ ޝީލާ އަބަދު ކޮޓަރީގައި އޮންނާތީ ފޫހިވާނެ ވަރު ހިތަށް އަރާވަރުންނެވެ. ޙަމްދާން ގަބޫލުކުރި ގޮތުގައި ޝީލާ މީހުންގެ ތެރެއަށް ނިކުމެ އުޅެން ލަދުގަންނަނީއެވެ. ވިހެއުމާ ގުޅިގެން ހަށިގަނޑަށް އައިސްފައިވާ ބަދަލު ވެސް ހަމައަކަށް ނޭޅޭތީ ޝީލާ ހުންނަނީ އެކަމާ ވަރަށް ދެރަވެފައެވެ. އެއީވެސް ޝީލާ ބޭރަށް ނުދާނެ ސަބަބެކޭ ޙަމްދާން ހިތަށް އަރައެވެ.
އެދުވަހުވެސް ޙަމްދާން ދާން ޖެހުނީ ހޫދު ގޮވައިގެން އެކަންޏެވެ. ޝީލާ ގަބޫލުކުރި ގޮތުގައި ޙަމްދާން ދާނީ ހުޅުމާލެއަށެވެ.
ސައިކަލުގައި ނުކުތް ޙަމްދާން އެނބުރި ގެއަށް އައީ ވިއްސާރަ ވައްތަރު އުޑުމަތިން ދައްކާތީއެވެ. ތަންކޮޅެއް ވައިގަދަ ވެލާފަ މާޙައުލުގައި ފިނިކަން ގަދަވާން ފެށުމުން ހޫދު ރޯނގާ ޖެހިދާނެތީއެވެ. ދޮރާށި ހުޅުވާލާފައި ގެއަށް ވަން ޙަމްދާން އަތުން ހޫދު އަތުލަމުން ޙަމްދާންގެ މަންމަ ހިނގައިގަތީ ސިޓިން ރޫމު ސޯފާއާ ދިމާއަށެވެ.
” މާމަ ދޫނި، ހާދަ އަވަހަކަށް މިއަދު ބުރު ނިންމައިލީ!’
ހޫދުގެ ކޮލުން ދޮނެއް ނަގަމުން ޙާމްދާން މަންމަ ހޫދު ބޮނޑިކޮށްލިއެވެ.
ޙަމްދާން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ތަޅުގައި ހިފައިލި އިރު ދޮރު ހުރީ ތަޅުލާފައެވެ. އެހެންކަމުން ދެ ފަހަރަކު ޓަކި ޖަހާލުމަށްފަހު ޖިންސްގެ ޖީބުން ތަޅުދަނޑި ނަގައިގެން ދޮރު ހުޅުވައިލިއެވެ.
“ޝީލާ ނޫޅެނީބާ! ކޮންތާކަށްބާ އެ ދިޔައީ! ”
ކޮޓަރި ހުސްކޮށް އޮތުމުން ޙަމްދާން ހައިރާން ވިއެވެ. ހިނގާލާފައި އެނދާ ދިމާއަށް ދަމުން ސައިކަލުގެ ތަޅުދަނޑި ޑްރެސިންގް ޓޭބަލްމަތީ ބައްވާފަ އެނބުރިލިއިރު ޙަމްދާންގެ ލޮލުގައި އަޅައިގަތީ ޝީލާގެ ފޯނެވެ. ފޯނު އޮތީ ވައިބަރ ހުޅުވާފައެވެ. ވައިބަރއިން ފެންނަނީ ކޮޓަރިއެއްގެ މަންޒަރެވެ. ޙަމްދާން އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު ވީޑިއޯކޯލް ކަނޑައިލިއެވެ. އަދި ފޯނަށް ރަނގަޅަށް ބަލައިލިއިރު އެއީ ބޭރު ނަންބަރެކެވެ. އެމީހެއްގެ ފޮޓޯގެ ބަދަލުގައި ހުރީ ފައްވާރާއެއްގެ ފޮޓޯއެކެވެ.
އެ ނަމްބަރުން ވަރަށް ގިނަ މެސެޖު އައިސްހުއްޓެވެ. އަދި ޝީލާ ވެސް ވަރަށް ގިނަ ވާހަކަ ދައްކާފައި ހުއްޓެވެ. ބައެއް މެސެޖުތައް ޙަމްދާންގެ އަމިއްލަ ފޯނަށް ނެގުމަށްފަހު ޙަމްދާން ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އޭރު ފާޚާނާގެ ތެރޭ ޝީލާ އުޅޭ އަޑު އިވެއެވެ.
އަމިއްލަ އަނބިމީހާ އަމިއްލަ ގޭގައި އަމިއްލަ ކޮޓަރީގައި ނުނުކުމެ އޮވެ ކުރަމުންދާ ކަންކަން ހަމަ ލޮލުން ކޮންމެވެސް ވަރަކަށް ފެނުމުން މީހާ ހުރީ ބުނާނެ އެއްޗެއް ކިޔާނެ އެއްޗެއް ނޭނގި ހުއްޓިފައެވެ. އަމިއްލަ މީހާގެ ދިރިއުޅުމުގައި ބޭކާރު މީހެއްގެ އިޙުސާސް މިހާ ބޮޑަށް ވި ފަހަރެއް މި ނޫނީ ނާދެއެވެ. އަހުމަދުގެ ދުލުން ޝީލާގެ ބޭވަފާތެރިކަމުގެ ވާހަކަ ދެއްކި ދުވަހު ވެސް ޙަމްދާން މިހާ ދެރައެއް ނުވެއެވެ. ދަރިއަކު ލިބުމުގެ އުފާވެރި ޚަބަރާއެކު އޭރު ހިތުގައި އުފެދުނު ނުތަނަވަސްކަމާ ހިތްދަތިކަން ފިލުމުން ކުރިން ހިނގި ހުރިހާ ކަމެއް ޙަމްދާންގެ ހިތުން ފިލައިގެން ދިޔައެވެ. އަދި ހިތާ ރޫޙުން ޝީލާއަށް މަޢާފުކުރީ ދެން އެފަދަ ކަމެއް ޝީލާގެ ފަރާތުން ނުފެންނާނެ ކަމުގެ ފޮނި އުންމީދުގައެވެ. އެހެންނަމަވެސް އާހް!……….
މިޙާލަތުގައި މަންމައަށް މޫނުދައްކަން ނުކެރޭނެތީ ޙަމްދާން ހިނގައިގަތީ ގޭގެ ޓެރެހާ ދިމާއަށެވެ. ހިތަށްކުރި އަސަރު އަމިއްލަ މީހާއަށް އިޙުސާސްވީ ޓެރެސްއަށް އަރާ ހާމަ އުޑާ ދިމާއަށް ބަލައިލި ވަގުތު ލޮލުން ފޭދިގެން ފޭބި ކަރުނަތިކި ކޯތާފަތުން ތިރިއަށް ދެމިގެން ދިޔުމުންނެވެ. މި އޮތް ހުރިހާ ދުވަހު ކުރަމުން އައި ހިތްވަރު އެލުނީ ހަލާލް އަނބިމީހާ އެހެން މީހަކަށް އޭނަގެ މުޅި ޖިސްމު ހިބައިން ދެމުން އައިކަން އެނގުމުންނެވެ. އެއް ދުވަހު ދެ ދުވަހަކު ނޫނެވެ. އެތައްމަހެއް މިކަން ހިނގަމުން އަންނަތާ ފާއިތުވެ ދިޔައީއެވެ. ހޫދު ވިހެއުމުގެ ކުރިންވެސް…….. އަހުމަދު އެ ދެއްކީ މުޅިން ތެދު ވާހަކަ ކަން މިހާރު ޙަމްދާންއަށް މާބޮޑަށް ވެސް ގަބޫލު ކުރެވިއްޖެއެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވުމުން ގެންނަ ކަހަލަ ޙަރަކާތެއް ޙަމްދާންއަށް ގެނެވުނެވެ. ދެއަތް މުށްކަވާލުމަށްފަހު ލެނގިގެން ހުރި ރެއިލިންގައި ދެތިން ފަހަރަކު ޖަހައިލިއެވެ.
“ފަންސަވީސްހާސް ރުފިޔާ! ހާދަ ބައިވަރެއް! ”
އެ ވަގުތު އެ ޢަދަދާ ބެހޭގޮތުން ސުވާލު ނުކުރެވުނީތީ ޙަމްދާން ދެރަވިއެވެ. އަމިއްލަ މީހާގެ މޮޔަކަމާމެދު ފުރަތަމަ ފަހަރަށް ޚިޔާލު ކުރެވުނެވެ.
“ޙަމްދާން! އަހަރެން ލާރިކޮޅެއް ބޭނުން! ލިބިދާނެތަ!”
ޝީލާ އަކީ ޙަމްދާން ކައިރިން މިހާރު ލާރިއަށް އެދޭ މީހެއް ނޫނެވެ.
“ކީއްވެ ނުދެވެންވީ! އަހަރެން އަތަކު ނުހުންނާނެނު ޝީލާއަށް ނުދެވޭނެ އެއްޗެއް!”
ޙަމްދާން ބުނީ ހިތުގެ އަޑިންނެވެ. އަދި ކޯޑު ޖެހުމަށްފަހު ފޯނު ޝީލާއާ ދިމާއަށް ދިއްކޮށްލިއެވެ. ކުޑަކޮށް މަޑުކޮށްލުމަށްފަހު ޙަމްދާން އަތުން ޝީލާ ފޯނު އަތުލިއެވެ. އަނބުރާ ފޯނު ޙަމްދާން އަތަށް ދެމުން ޝީލާ ބުނީ ނެގި ލާރި އަނބުރާ ދޭނެ ކަމަށެވެ.
“ޝީލާ! ”
ޙަމްދާން ޝީލާގެ ނަމުން ގޮވައިލީ ލޯބިވެތި ގޮތަކަށެވެ. ޝީލާ އަޅާ ވެސް ނުލިއެވެ.
ޙަމްދާން ފޯނު އަތުލަމުން އައިސް އިށީނީ ޝީލާއާ ޖެހިގެން އެނދުގައެވެ. އަދި ޝީލާގެ އަތުގެ އިނގިލިތަކަށް ފިތާލަމުން ޝީލާގެ ކަނދުރާގައި ނޭފަތް ޖައްސާލަން އުޅުނެވެ. ޝީލާ މަނާވެގަންނަމުން ތެދުވެގެން ގޮސްވަނީ ފާޚާނާއަށެވެ. ޝީލާގެ ގައިގާ ޙަމްދާން ބީހިލަން ވެސް ބޭނުން ނުވާހެން ޙަމްދާންއަށް ހީވާތާ ކިތަންމެ ދުވަހެކެވެ.
ރޭގެ މަންޒަރު ޙަމްދާންގެ ސިކުނޑީގައި ފިލްމެއްހެން ތަކުރާރުވަމުން ދިޔައެވެ. ޝީލާގެ ހުރި ބޭވަފާތެރިކަމާހެދި މިހާވަރަށް ޙަމްދާންގެ ހިތުގައި ރިހުން އުފެދުނު ފަހަރެއް ނާދެއެވެ. ކޮންފަދަ ރަހުމު ކުޑަ އަންހެނެއް ހެއްޔެވެ! އަހަރެންގެ އުނީ ކޮންކަމެއްހެއްޔެވެ! ޝީލާއަށް މަދީ ކޯއްޗެއް ހެއްޔެވެ! މަނަލީ ކޮންކަމެއް ހެއްޔެވެ! ޙަމްދާންއަށް ޚިޔާލީ ފިކުރުގެ ކަނޑަކަށް ފީނައި ގަނެވުނެވެ.
“ޙަމްދާން! ދަރިފުޅާ!”
ޙަމްދާންއަށް މަންމަ ގޮވައިލި އަޑު އިވުމުން މޫނުގައި އަތް ހާކާލެވުނެވެ. ހަމަޔަކަށް އެޅިލަން ނެގި ވަގުތުކޮޅަށް ފަހު ޙަމްދާން ފޭބީ ތިރިއަށެވެ. އޭރު ހޫދު ރޯ ވައްތަރަކަށް އިނުމުން ޙަމްދާން ހޫދު އުރައިލިއެވެ. އެހެންނަމަވެސް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ދަރިފުޅު ގޮވައިގެން ޙަމްދާން އެރީ އަނެއްކާ ވެސް ޓެރެހަށެވެ. ހަވީރުގެ ވަގުތު ނިމި ރޭގަނޑެއް އައުމުގެ ކުލަވަރު އުޑުމަތިން ފާޅުވާން ހުއްޓެވެ. ހުޅަނގު ފަރާތުން ކަނޑުގެ ލޮނުގަނޑުގެތެރެއަށް ފީނާގަންނަން ތައްޔާރު ވަމުންދިޔަ އިރަށް ބަލަހައްޓައިގެން ޙަމްދާންއަށް ހުރެވުނީ އަނެއްކާ ވެސް އޭނަގެ ހާލަށް ފިކުރު ދޫވެފައެވެ. ނިމިދާން ތައްޔާރު ވަމުންދާ ދުވަހެކޭ އެއްގޮތަށް ޙަމްދާންގެ ދިރިއުޅުން ނިންމާލާކަށް ޙަމްދާން ބޭނުމެއްނޫނެވެ. ކެހިވެރި، މަކަރުވެރި އަމުދުން ބޭވަފާތެރި އަނތްބަކަށްޓަކައި ހިތާމަކުރާކަށް ޙަމްދާން ބޭނުމެއްނޫނެވެ.
ބަންގީގެ އަޑު އިވުމުން ޙަމްދާން ފޭބީ ތިރިއަށެވެ. ހޫދު ގެން ގޮސް ޙަވާލުކުރީ ޙަމްދާން މަންމައާއެވެ. އެބައަންނަމޭ ބުނަމުން ޙަމްދާން ނިކުތީ ބޭރަށެވެ.
މަޣުރިބު ނަމާދުން ފޭބި ގޮތަށް ޙަމްދާން ގޮސް އިށީނީ އާޓިފިޝަލްބީޗުގެ ގޮނޑިއެއްގައެވެ. އަދި ދެން ފޯނު ނަގައިގެން މެސެޖު ލިޔަން ފެށިއެވެ. އެއް މެސެޖެއް ނޫނެވެ. އެތައް މެސެޖެކެވެ. ހަމައެކަނި ޝީލާއަކަށް ނޫނެވެ. ސޫރަޖަށް ވެސް މެއެވެ. އަދި ޙަމްދާން މަންމައަށް ވެސް މެސެޖެއް ލިޔުނެވެ.
އިން ގޮނޑިން ތެދުވެގެން ގެއާ ދިމާއަށް މިސްރާބު ޖެހި ޙަމްދާން މިސްރާބު އަނެއްކާ ވެސް ބަދަލު ކުރީ އެހެން ދިމާއަކަށެވެ. ގެއަށްވަންނަން ބޭނުން ނުވަނީ ކަހަލައެވެ.
އެރޭ ޙަމްދާން ގެއަށް ދިޔައީ މަންމަ އެތައް ފަހަރަކު ގުޅުމުންނެވެ. ގެއަށް ގޮސް ވެސް އިނީ ސިޓިންގރޫމުގައެވެ. މަންމައަށް ގުޅީ ސިޓިންރޫމު ސޯފާގައި އިނދެ އެވެ.
” މަންމާ!”
ކެތްކުރަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މަންމަގެ ނަމުން ގޮވައިލެވުމާއެކު ޙަމްދާންގެ އަޑު ކުރެހިގެން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ގިސްލެވެން ފެށުމުން ޙަމްދާން ފޯނު ކަނޑައިލީއެވެ. ދެން ފެނުނީ ޙަމްދާންގެ މަންމަ ކޮޓަރިން ނިކުމެގެން އަންނަ ތަނެވެ. މަޑުމަޑުން ހިނގާލާފަ އައި ޙަމްދާންގެ މަންމަ އިށިނީ ޙަމްދާން ގާތު ސޯފާ ގައެވެ. އެއަށްފަހު ޙަމްދާންގެ އަތްތިލާގައި ހިފައި މަޑުމަޑުން ގެންގޮސް އެ މަންމަގެ އުނގުމަތީ ޙަމްދާންގެ އަތްތިލަ ބޭއްވިއެވެ.
މަންމަގެ އޯގާތެރިކަމާ ލޯބި ލިބުމުން ޙަމްދާންއަކަށް ކެތެއް ނުކުރެވުނެވެ. ކުޑަކުއްޖަކުހެން މަންމަގެ ގައިގާ ބައްދަ ބައްދާފައި ރޯން ފެށިއެވެ.
“މަންމާ! އަހަރެންގެ ބުރަކަށީގައި ފިރުމައިދީ! އަހަރެން ވަރުބަލި ވެއްޖެ!”
“ދަރިފުޅާ! ހިތްވަރުކުރޭ! ދިރިއުޅުމަކީ ހަނގުރާމައެއް! ދުނިޔެއަކީ ގިނަ މީހުންނަށް ކެހިވެރި ތަނެއް! …. ދަރިފުޅު ފަދަ……. ”
ޙަމްދާންގެ މަންމައަށް ވެސް ރޮވުނީއެވެ. ދައްކަން ބޭނުން ކިތަންމެ ވާހަކައެއް އެ ދުލު ކުރީގައި ވިއެވެ. އެހެންނަމަވެސް އަމިއްލަ ދަރިފުޅުގެ ހިތުގައި އަޅަމުންދިޔަ ވޭން އަމިއްލަ މައިމީހާއަށް އިޙުސާސްކުރެވުމުން އެ ހިތް ކުދިކުދި ވިއެވެ. ދަރިފުޅަށްޓަކައި ހިތްވަރުކޮށް ދަރިފުޅަށް ހިތްވަރުދޭން އެ މަންމަ ނިހާޔަތަށް ބޭނުންވިއެވެ. އަދި އެކަން ކާމިޔާބު ވެސް ކުރިއެވެ. މިއަދު ޙަމްދާންއަށް އެހެން ބައެއްގެ އޯގާތެރިކަމާ އަޅާލުން ކިހާ ވަރަކަށް ބޭނުންވާނެކަން ދުރުވިސްނޭ ތަޖުރިބާކާރު މައިމީހާއަށް އެނގެއެވެ.
އަމިއްލަ ޖަޒުބާތު ކޮންޓްރޯލް ނުކުރެވިދާނެތީ އެރޭ ހޫދު ކޮބައިތޯ ބަލާކަށް މަންމަމެން ކޮޓަރިއަކަށް ޙަމްދާން ނުވަދެއެވެ. ހޫދު ނިދައިފިތޯއާ ނިދީ ރަނގަޅަށް ކައިގެންތޯ މަންމަ ގާތު އެހުމަށްފަހު މަންމަ ނިދަން ފޮނުވައިލީއެވެ. އެރޭ އަމިއްލަ ކޮޓަރިއަކަށް ޙަމްދާން ނުވަދެއެވެ. ނިދޭތޯ ހިތްވަރު ކުރަމުން ދިޔައީ ބޮކި ނިއްވާލާ އަނދިރިކޮށްލާފައި އޮތް ސިޓިން ރޫމުގައި އޮވެގެންނެވެ.
ފިކުރުތަކާ ޚިޔާލުތަކުން އޮޅުން ބޮޅުންވެ ޙަމްދާން މުޅިން ގޮތް ހުސްކޮށްލިއެވެ. އެހެންނަމަވެސް ހިތްވަރުކުރުމަށް އަޒުމު ކަނޑައެޅީ ޝީލާއާ އެކީ ހޭދަ ކުރި ދުވަސްތަކަކީ އެއީ ޙަމްދާންއަށް ފެނުނު ކުލަ ރީތި އެހެނަސް ބިރުވެރި ހުވަފެނަކަށް ހަދަމުންނެވެ.
ނިދުނީ ކިހާ އިރަކު ކިހާ ވަރަކަށް ކަން ބުނާކަށް ޙަމްދާންއަކަށް ނޭނގެއެވެ. ފަތިސް ނަމާދަށް ބަންގި ގޮވި އަޑަށް ތެދުވެގެން އަމިއްލަ ކޮޓަރިއަށް ވަންނަން ޙަމްދާން ހިނގައިގަތީ ބައްޕަ ނަމާދަށް ދާން ތެދުވުމުގެ ކުރިން ބައްޕައަށް ނުފެނިކޮޓަރިއަށް ވަނުމަށެވެ.
ކޮޓަރީގެ ތަޅުގައި ހިފާލަމުން އަމިއްލަ ނަފުސަށް އެއް ކަމެއް ވިސްނައިދެވޭތޯ ޙަމްދާން ބުރަ މަސައްކަތްތަކެއް ކުރަމުން ދިޔައެވެ.
ދޮރު ހުޅުވައިލަމުން އެތެރެއަށް ވަން ޙަމްދާން ނޭވާލީ ވެސް އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން ހުރުމަށްފަހު އެވެ. ދޮރުން އެތެރެއަށް ވަދެވުމާއެކު ދެލޯ މަރާ ބާރުކޮށްލިއެވެ. އަދި ދޮރުފަތުގައި ބުރަކަށި ޖައްސާލައިގެން އިރުކޮޅަކު ހުއްޓެވެ. މިހާރުވެސް ކޮޓަރި ތެރޭގައިވަނީ ޝީލާ އެންމެ ފަހުން ބޭނުން ކުރި ސެންޓްގެ މީރު ވަހެވެ. ކިތަންމެ ހިތްވަރު ކުރިއަސް އަނެއްކާ ވެސް ޙަމްދާންގެ ދެލޯ ތެމިގެން އައެވެ.
(ނުނިމޭ)
5
4
3
2
1