A wide advertisement which will be shown on all devices. (700 x 100)

ސިއްރުން މިހިތާ ކުޅެލީ… 16 (ފަހުބައި)

ސިއްރުން މިހިތާ ކުޅެލީ... ޝާހީން މުޙައްމަދު

ސޯޅަވަނަ ބައި – ފަހު ބައި

އިޝާރާގެ ހިތް ހާރިސްއަށްޓަކައި ކޮންމެވެސް ވަރަކަށް ކިލަނބު ވިއެވެ. އެހެންނަމަވެސް ވަގުތު ޖެހެންދެން މަޑުން ހުންނަން ނިންމިއެވެ. ހާރިސްގެ ކައިވެނި ވުމުން އިޝާރާއަށް އިޝާރާގެ ލޯބި ހާސިލް ކުރަން މަސައްކތް ކުރެވޭނެތީއެވެ.

ހަވީރު ހަތަރެއް ޖެހިއިރު ތޫބާ ހުރީ ތައްޔާރު ވެގެންނެވެ. އިޝާރާގެ އިންތިޒާރުގައެވެ. އިޝާރާއަށް ފާހަގަ ކުރެވުނީ ތޫބާ ދުވަހަކު ވެސް ރީތިވެގެން ނެތް ވަރަށް މިއަދު ރީތިވެގެން ހުރިކަމެވެ. ތޫބާއަކީ ވަރަށް އާދައިގެ ގޮތަކަށް ރީތިވާ ކުއްޖަކަށް ވިޔަސް މިއަދު ރީތިވެގެން ހުރި ގޮތުން ތޫބާ ފެންނަނީ އުމުރަށްވުރެން ދިހަ ވަރަކަށް އަހަރު ހަނގު ކަމަށެވެ. އެހެންކަމުން ފުރަތަމަ އިޝާރާއަށް ހުރެވުނީ ތޫބާއާ ދިމާއަށް ކަޅި ޖަހާނުލާ ބަލަހައްޓައިގެންނެވެ.

“އަސްލު ބުނެބަލަ ކީއްކުރަންތަ އަހަރެމެން މި އުޅެނީ!”

ޙައިރާންކަން އެކުލެވިފައިވާ އަޑަކުން އިޝާރާ ސުވާލުކުރިއެވެ.

“ވަރަށް މުހިންމު ނިންމުމެއް ނިންމަން މިއުޅެނީ! މިއަދު އިޝާއަށް ވެސް ސާޕްރައިޒެއް ދޭނީ! އޯކޭ ނު!”

ތޫބާ ހީވަނީ ފޮޅިފައިވާ ފިނިފެން މަލެއްހެންނެވެ. އުފަލުން ގޮސް މިއަދު ތޫބާގެ އަނގަވެސް އެހާ ގަދައެވެ.

“ތޫ! މިއަދު އިރު އެރީ ހުޅަނގުންތަ!”

“މަ ހަމަ ތި ސުވާލް އިޝާއާ ކުރާނަން! އެކަމަކު އަދި ފަހުން ! އަވަސްކުރޭ ދެން ! ލަސް އެބަވޭ!”

ޙަމްދާންމެންގެއަށް ތޫބާ ގޮސްވަނީ އިޝާރާއާ އެކުގައެވެ. ގޭގެ ފަސްވަނަ ފަންގިފިލާއަށް ލިފްޓް މަޑުކުރުމުން މިއީކޮންގެއެއްތޯ އިޝާރާ އެހީ މުޅި ހިސާބަށް ނަޒަރު ހިންގާލަ ހިންގާލާ ހުރެއެވެ.

“މިއީ ޙަމްދާންމެންގެ!”

ވަރަށް އާދައިގެ ގޮތެއް ދައްކަމުން ތޫބާ ވާހަކަ ދެއްކިއެވެ. އެ ވަގުތު އަނެއްކާ ވެސް އިޝާރާގެ މޫނުމަތިން ފެނުނީ އިންތިހާއީ ހައިރާންކަމެކެވެ. ހަމަ އެއާއެކު ތުންފަތްމަތީ ކުޅެލީ ހިތް އުފާވި ކަމުގެ ކުލަވަރެކެވެ. ޙަމްދާން ފެންނާނެތީއެވެ.

ރަން ކިޔުމުގެ ކަންތައް ހަމަ ޖެހިފައި ވަނީ ފަސްވަނަ ފަންގެފިލާގެ މަތީގައި ގޭގެ ޓެރެހުގައެވެ. އިޝާރާ ސިޓިންގރޫމްގައި ބައިންދާފައި ތޫބާ  ގޮސް އުޅުނީ ހޫދު ރީތިކުރަންވެގެން ޙަމްދާން މަންމަ ކޮޓަރީގައެވެ. ތޫބާގެ ބައްޕައާއި ޙަމްދާން ބައްޕަ އިޝާރާ އާއި ވާހަކަ ދައްކާތީ ތެދުވެގެން ދާކަށް ވެސް އިޝާރާއަކަށް ނުކެރުނެވެ.

ޙަމްދާންގެ މަންމަ އެކޮޓަރިން ނިކުތީ ޙޫދުގެ އިނގިލީގައި ހިފަހައްޓައިގެން ހުރެއެވެ. އެ ދެމައިން ސިޑިން ޓެރެހަށް އެރުމުގެ ކުރިން ޙަމްދާން މަންމަ އިޝާރާއަށް ގޮވާލާ ހިނިތުންވެލިއެވެ.

ތޫބާ މައްޗަށް ގެންދަން އައީ ޙަމްދާންއެވެ. ހުދުކުލައިގެ އަތްދިގު ގަމީހުގައި އަޑިއަށް ޖަހާލައިގެން ހުރި އިރު އެ ރީތި ފިރިހެނާގެ ރީތިކަމާ ފިރިހެން ވަންތަކަން އިތުރުކޮށް ދެނީ ގަމީހުގެ އަތް އުޅަބޮއްޓާހަމައަށް އޮޅާލާފައި ހުރުމުންނެވެ. ޙަމްދާން އަޅައިގެން ހުރި ގަދަ ނޫކުލައިގެ ޓައި އިން އިތުރު ރީތިކަމެއް ޙަމްދާންއަށް ގެނެސްދެއެވެ.

އިޝާރާއަށް ހުރެވުނީ ކަޅި ވެސް ޖަހާނުލާ ދެ ލޯ ބޮޑުކޮށްގެން ޙަމްދާންއަށް ބަލަހައްޓައިގެންނެވެ.

ތޫބާގެ އިނގިލީގައި ހިފައިގެން ކޮޓަރިން ޙަމްދާން ނުކުތްތަން ފެނުމުން އިޝާރާއަށް އިންތަނުން ތެދުވެވުނެވެ. އެވަގުތު މުފީދު ވެސް އިޝާރާއާ އެކު ތެދުވެގެން އިޝާރާގެ ކުރީގައި ހުރެ ހިނގައިގަންނަމުން އައުމަށް އަތުން އިޝާރާތް ކުރިއެވެ. އިޝާރާގެ ފަހަތުގައި ހުރީ ޚަލީލެވެ. އެހެންކަމުން މި ވާނުވާއެއް ނޭނގި އިޝާރާ ހުރީ ބަސްހުއްޓިފައެވެ.

ރަންކިޔުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔަ ޓެރެހަށް މުފީދު އެރީ އެކަން ނިމޭހާ ވަގުތު ކޮށްފައެވެ. ގަސްދުގައެވެ.

އިޝާރާއަށް އެތަނަށް ދެވި ހިނގިކަންތައް އޮޅުން ފިލި އިރު މީހާ ހުރީ ރުޅިއާ ނަފުރަތުން ފުރިފައެވެ. މުފީދުއާ އިޝާރާއާ ދެމެދު ދެކެވުނު ވާހަކަތަކާ ކުރެވުނު މަޝްވަރާތަކަށް ވީ ކީއްހެއްޔެވެ؟

މިކަން މިހާ ހަލުވިކޮށް އިޝާރާއަށް ހިލަންވެސް ނުވެ، ކުރިޔަށް ދިޔަ ގޮތަކާ މެދު ވިސްނާ ވިސްނާ އިޝާރާ ހުރީ ބޮލުގައި ރިއްސާފައެވެ. އަނެއްކޮޅުން ހާރިސް ގާތު މިވާހަކަ ބުނާނެ ހިތްވަރެއް ވެސް އިޝާރާގެ ނެތެވެ.

އެރޭ އިޝާރާ ގެއަށް އައީ ޙަމްދާންއާ ތޫބާއާ އެކުގައެވެ. އައި ގޮތަށް އައިސް ތޫބާ އުޅުނީ ޕެކް ކުރުމާއިގެންނެވެ. އެނދުގައި ތޫބާގެ ޙަރަކާތްތަކަށް ބަލަން އިން އިޝާރާ އިނީ ބަސް ހުއްޓިފައެވެ. ތޫބާގެ ހަމަ ހިމޭންކަމުން ކޮންމެ ވެސް ކަމެއް ގޯސްވެއްޖެކަމަށް ހިތް ބުނަމުން ދިޔައެވެ. އަނެއްކާ ތޫބާގެ ބައްޕަ ހުރިހާ ވާހަކައެއް ތޫބާއަށް ކިޔައިދިނީ ހެއްޔެވެ!

ދެ އެކުވެރިންނަށް ފުރުސަތު ދީގެން ޙަމްދާން އިނީ ސިޓިންރޫމުގައި މަޑުކޮށްގެންނެވެ.

“ތޫ ކޮންތާކަށް ދާންތަ ތިއުޅެނީ! ކީއްކުރަން ޕެކް ތިކުރަނީ!”

އެންމެ ފަހުން ނީނދެވިގެން އިޝާރާ ވާހަކަދެއްކިއެވެ.

“އަހަރެން ކުރިން އުޅުނު ގެއަށް!”

އިޝާރާއާ ދިމާއަށް ބަލައި ވެސް ނުލާ ތޫބާ ޖަވާބު ދިނެވެ.

“ކީއްވީ! މި ގެ ކިހިނެއްވީ! ދެން މަ އެކަނި؟”

އިޝާރާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި ހުރެގެންނެވެ. އެއާއެކު އަމިއްލަ ކުށް ވެސް އިޙުސާސް ވަމުން ދެއެވެ. މިއަދު ނިމިގެން ދިޔަ ތޫބާގެ ދިރިއުޅުމުގެ އެފަދަ މުހިންމު ކަމެއް ނިންމި އިރު ވެސް ދުރުކަމެއް ބެހެއްޓިކަން އިޝާރާއަށް ފާހަގަ ވިއެވެ. ކުރިން އެ ވާހަކަ ބުނެ ނުލީމައެވެ. އެއީ ތޫބާގެ ގޮތެއް ނޫނެވެ.

“އިޝާ ހާސްނުވޭ! މައްސަލައަކަށް ވާނީ ކުލި ދެއްކުމެއްނު! އަހަރެން ދޭންވާ ފައިސާއެއް އަހަރެން މި ގޭގައި ނެތަސް 3 މަސް ވަންދެން ދޭނަން!”

ތޫބާ ވާހަކަ ދެއްކީ ޙަމްދާންއާ ދެމީހުން ދޭތެރޭ ވާހަކަ ދެކެވުނު ގޮތަށެވެ. އެއީ އެ ދެ މީހުން ނިންމާފައިވާ ގޮތެވެ. ތިން މަސް ތެރޭ އިޝާރާ އެހެން ރޫމް މޭޓަކު ހޯދާފާނެއެވެ.

ތޫބާގެ ޢަމަލު ހުރި ގޮތުން އަދި ވާހަކަ ދައްކާ ގޮތުން އަދި ނިންމާފައިވާ ގޮތް ބުނުމުން ކުރެވުނު ކުށް އިޙުސާސްވެ އިޝާރާ އިނީ ދެރަވެފައެވެ. ލަދުގެންފައެވެ. އެ ވަގުތު އިޝާރާގެ ދެ ލޮލުން ކަރުނަ ނީރާލިއެވެ.

ހުރިހާ އެއްޗެއް ޕެކްކޮށް ނިންމުމަށްފަހު ތޫބާ ހިންދެމިލުމުން އިޝާރާ ވެސް އެނދުން ތެދުވެއްޖެއެވެ. އަދި މަޑު މަޑުން ހިނގާލާފަ ޑްރެސިންޓޭބަލް ކައިރީ ހުއްޓިހުރި ތޫބާގެ ފުރަގަހަށް ގޮސް ހުއްޓިއްޖެއެވެ. އޭރު ތޫބާ ހުރީ ފުނާ ނަގައިގެން ބޮލުގައި ފުނާ އަޅަން ވެގެންނެވެ.

ތޫބާ ސިހިގެން ދިޔައި އިޝާރާ ފުރަގަހުން ތޫބާގެ ކޮނޑުގައި ބޯއަޅައިލުމުންނެވެ.

“ތޫ އަހަންނަށް މަޢާފު ކުރޭ! އަހަރެން ކުރި ކަމެއް ކުރީ ތޫއަށް ރަނގަޅަކަށް! ހުވާ ގަންދީ! ހާރިސް އަހަރެން ގާތު އެދުނީ ތޫ ހޯދައިދިނުމަށް ! އަހަންނަކަށް ނޭނގެ އޭރު ތޫ އުޅެނީ ޙަމްދާންއާ ރައްޓެހިވެގެން ކަމެއް!…… އެހެންވެ ….. އެހެންވެ ޙާރިސް ބުނީ ތޫ ގާތު ނުބުނެ ތޫ ބައްޕަ ރުއްސައިދޭށޭ!”

ގިސްލެވިފައިވާ އަޑަކުން އިޝާރާ ވާހަކަ ދެއްކި އަޑު އަހަން އިސް ޖަހާލައިގެން ތޫބާ ހުއްޓެވެ.

“އަސްލުވެސް ތޫ ޙާރިސްއަށް އާނއެކޭ ނުބުނާނެކަން އެނގޭތީ ތޫބައްޕައާ ގުޅިގެން ތޫގެ ކައިވެނި ކުރުވަން އަހަރެން އުޅުނީ! ….އެކަމަކުވެސް މިއަދު އަހަރެން ވަރަށް ދެރަވެއްޖެ! އަހަރެން ގަބޫލުކުރަން ތިހާ ރަނގަޅު އެކުވެރިޔަކު އަހަންނަށް ދުވަހަކު ވެސް ނުލިބޭނެކަން! ޕްލީޒް އަހަންނަށް މަޢާފުކުރޭ!”

ހުރިހާ ވާހަކައެއް ދެއްކި އިރުވެސް އިޝާރާ ނުބުނީ އެންމެ ވާހަކަ އެކެވެ. އެއީ އިޝާރާގެ ހިތުގައި ކުރަހަމުން ދިޔަ ޙަމްދާންގެ ލޯބީގެ ކުލަ ނުޖެހުނު ހުވަފެނުގެ ވާހަކައެވެ. އެ ވާހަކަ މިހާރު ބުނެގެން އެ ދެމީހުންގެ ހީނަރުވެފައިވާ ގުޅުން އަބަދަށް ހީނަރުވެ ކެނޑިގެން ދާކަށް މިހާރު ދެން އިޝާރާ ބޭނުމެއް ނޫނެވެ. އެހެންވެ އެ ކުލަ ނުޖެހުނު ލޯބި ހިތުގެ ކަނެއްގައި ރައްކާކޮށްފައި ބޭއްވުން ނޫން ގޮތެއް އިޝާރާއަކަށް ނުވެސް ނެތެވެ.

ތޫބާ ހިފީ އިޝާރާގެ އަތުގެ އިނގިލިތަކުގައެވެ. ދެން މަޑު މަޑުން އެނބުރިލާފަ އިޝާރާ ގައިގަ މަޑު މަޑުން ބައްދައިލިއެވެ.

“އިޝާއަށްޓަކައި އަހަރެންގެ ހިތުގައި އެއްވެސް އެއްޗެއް ނެތް! އަހަރެން ޙަމްދާން ދެކެ ލޯބިވީ އިއްޔެއަކު މިއަދަކު ނޫން! ޙަމްދާން މީހެއްގެ ފިރިއެއްގެ ގޮތުގައި އަދި އަހަރެން މީހެއްގެ އަނތްބެއްގެ ގޮތުގައި ހުއްޓާ އަހަރެންގެ ހިތުގައި ޙަމްދާންގެ ސޫރަ ކުރެހި އެ ލޯތްބަށްޓަކައި އަހަރެން ދީވާނަވި! ދެރަވާ ކޮންމެ ވަގުތަކު ޙަމްދާންގެ ހަނދާންތަކުން ހިތަށް ހަމަޖެހުން ހޯދައިގެން އަހަރެން އަށް ވަރަކަށް އަހަރު އުޅެފިން! އެކަމަކު އެކަން އެނގެނީ ކިތަށް ފަރާތަށް! ޚުދު ޙަމްދާން އަކަށް ވެސް ނޭނގޭނެ! އޭރު އަހަރެން ބެލީ އެ ސޫރަ އަހަރެންގެ ހިތުން ނެރެ އެއްލައިލެވޭތޯ! އަހަރެންގެ ފިރިމީހާއަށް ތެދުވެރި ވުމަށްޓަކައި! ……. ވަފާތެރިކަންމަތީ ދެމި ހުރުމަށްޓަކައި…….. އެހެން އެކަން އޮތްވާ ވަކި ހިސާބަކުން އަހަންނަށް ޙަމްދާން ގެއްލުނީ! އެ ގޮތުގައި ފަސްވަރަކަށް އަހަރު ވޭތުވެގެން ދިޔައިރު ވެސް އަހަރެންގެ ހިތުގައި ޙަމްދާންއަށްޓަކައި އުފެދުނު ލޯތްބަކަށް އެއްވެސް ބަދަލެއް ނާދޭ! އެކަމަކު ޙަމްދާން ފެނުމުން ވެސް އިސް ނަގަން އަހަރެން ހުރީ ނުކެރި! ރައްޓެހިވާން އަދި އިންނަން ވެސް ކިތަންމެ ބަޔަކު އެހި! އެކަމަކު ދެން ޙަމްދާން ނޫން މީހަކު ޙަޔާތަށް ގެންނަން އަހަރެން ބޭނުން ނުވާތީ ހުރީ!”

ތޫބާ ދައްކަމުން ދިޔަ ވާހަކަ ނިންމާލީ ހިނިތުން ވަމުން އަދި ލޮލުން ފޭދުނު ކަރުނަ ތިކި ވެސް ފޮހެލަމުންނެވެ.

ދެ އެކުވެރިންގެ ހިތް ސާފު ވެ އެކަކު އަނެކަކަށް ކުރިން އޮތް ގުޅުން ބާއްވަން ވަޢުދުވި އިރު ކޮންމެ މީހެއްގެ ހިތުގައިވެސް އެޅުނު ކޫރުން އޮތްބައިލީ ސިއްރުތަކެއް ވެސް ވަންހަނާ ކުރަމުންނެވެ.

ތޫބާ ބޭރަށް ނިކުތްއިރު ވެސް ޙަމްދާން އިންތާ އިނެވެ. ތޫބާ ފެނުމުން ޙަމްދާން ތެދުވެގެން ހިނގައިގަތީ ބޭރަށެވެ.

“ޙަމްދާން! ބޭނުން ވާހަކައެއް ބުނަން! ”

ތޫބާގެ އަޑު އިވުމުން ޙަމްދާން އެނބުރިލީ ތޫބާގެ އަތުގައި ވެސް ހިފަހައްޓަމުންނެވެ.

“ބުނޭ!”

އަހަންނަށް ހީވަނީ އަހަރެން މިގޭގަ މަޑު ކުރާނީހެން! ކައިވެނި ކުރެވެންދެން! ޓަސްލާފަ ދިޔާމަ އިޝާ ވަރަށް ދެރަ ވާނެ!”

އިޝާރާއާ ވަކިވާން ޖެހޭތީ ތޫބާ ވެސް ހުރީ މޮޅިވެފައެވެ. އެކަން އެނގުމުން ޙަމްދާން ތޫބާގެ ނިންމުމާ އެއްބަސްވިއެވެ.

ތޫބާގެ އަތުގައި ހިފާލައިގެން ނިކުތް ޙަމްދާން އެރީ ތޫބާ ގޮވައިގެން ގޮސް މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކަޅުކުލައިގެ ކާރަށެވެ. އެ ކާރު މަޑު ދުވެއްޔެއްގައި ދުއްވަމުން ދިޔައިރު ކާރު ތެރޭ ތިބި ދެ ލޯބިވެރިންގެ ހިތުގެ ހިނގުން ނުލާހިކު އަވަހެވެ. އަތާ އަތް ޖޯޑުކޮށްގެން އިށީނދެގެން ދެމީހުން ތިބިއިރު ދެކެވެމުން، ކިޔައިދެމުން ދިޔައީ ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް އެދޭ މިންވަރެވެ.

ރަޖަބުމަހެއްގެ ސަތާރަ ވިލޭރޭގެ ރީތި ހަނދު އޭގެ އެންމެ ފުރިހަމަ ކަމުގައި މުޅިދުނިޔެއަށް އަލިކޮށްދެވޭތޯ ބަލަމުން ދިޔައިރު އެ ހަނދުގެ ހަނދުވަރުން ހިތަށް އުފާ ހޯދަމުން ދިޔަ އެތައް ލޯބިވެރިންނެއްގެ ތެރޭ ތޫބާއާއި ޙަމްދާން ވެސް ހިމެނޭނެއެވެ.

ހުޅުމާލޭ ނިކަގަސް މަގުގައި އެކާރު މަޑުކުރީ ދުލުން ލަފުޒުތަކެއް ބޭރުނުމެކޮށް ކޮންމެ މީހަކުވެސް އެކަކު އަނެކެއްގެ ހޫނަށް ބޭނުންވާކަން ހިތާ ލޮލުގެ ބަސްމޮށުމުން އިޙުސާސްވެގެންނެވެ. ޙަމްދާން ތޫބާ ގަޔާލާ ބޮނޑިކޮށްލީ ތޫބާ ވެސް ނިހާޔަތަށް އެކަމަށް އެދިގެން އިންކަން އެނގޭތީއެވެ. އެ ވަގުތު ޙަމްދާންގެ އެ ކުޑަ ކުޑަ ބީހިލުމުން ވެސް ތޫބާއަށް އެ ކުރެވުނު އިޙުސާސް އެއީ މުޅި ދުނިޔޭގައި ހުރިއްޔާ ހުރި ހުރިހާ ވަސްމީރު ކުލަ ރީތި މާތަކެއް އެއްފަހަރާ ތޫބާގެ ލޮލުގެ ކުރިމަތީގައި ފޮޅިގެން ދިއަޔަސް ނުކުރެވޭ ވަރުގެ ފޮނި މީރު އިޙުސާސެކެވެ.  ޙަމްދާންގެ ނޭފަތް ގެންގޮސް ތޫބާގެ ނިތުގައި މަޑުމަޑުން ޖައްސައިލީ އެއަށްވުރެ އިތުރަށް ކުރިއަށް ގެންދާނީ އަމިއްލަ ގެއަށް އަމިއްލަ މީހެއްގެ ގޮތުގައި ތޫބާ ގެންދިއުމަށްފަހު ކަމަށް ޢަޒުމު ކަނޑައަޅަމުންނެވެ. ކިތަންމެ ބޭނުންވިޔަސް އެވެ. ދެމީހުން މަޑު މަޑުން ދުރުވެލާ ކުރިން ތިބި ގޮތަށް ސީޓްގައި ހަމަ ޖެހިލަމުން ހާމައަށް ފެންނަން އޮތް ނޫކުލައިގެ އުޑަށް ނަޒަރު ހިންގައިލުމުން ދެމީހުންގެ ނަޒަރުވެސް ގޮސް ހުއްޓުނީ އެރޭ މުޅި އުޑުގައި ރަންކުލައިގެ ސާލު ފަތުރާލައިގެން އިން ލޯބިވެރިންގެ ބައިވެރިޔާ އެ ރީތި ހަނދަށެވެ. ތޫބާގެ ޙިއްސުތަކަށް އައި ހަލަ ބޮލިކަމުގައި ހަނދަށް ބަލަހައްޓައިގެން މާގިނަ އިރަކު ނީނދެވުނެވެ. ޙަމްދާންގެ ނަޒަރު ހަނދަށް ހުއްޓައިލެވިފާ އިންދާ މަޑުމަޑުން އަރިވެލާ ތޫބާ ޙަމްދާންގެ ކޮލުގައި ތުންފަތް ޖައްސައިލިއެވެ. ކިތަންމެ ސިއްރުން އެ ޙަރަކާތް ތޫބާ ގެނަޔަސް ޙަމްދާން އިނީ އެ މަންޒަރު ނުފެންނަ ކަމަށް ހަދާލައިގެންނެވެ. ދެން މަޑުމަޑުން ތޫބާ ގަޔާ ކައިރިކޮށްލިއެވެ. އޭރު އެމޫނުމަތީގައި ވަނީ ހިތްހަމަ ޖެހުމެވެ. ނާރުތަކުގައި ޖަހާ ވިންދު އެދި ގޮވަނީ ދެމީހުން އެއަށްވުރެން ވެސް ގާތްވެލުމަށެވެ. އެހެންނަމަވެސް ޙަމްދާން ކެތްތެރި ވިއެވެ. ވަގުތު ޖެހެންދެނެވެ.

ނިމުނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !