A wide advertisement which will be shown on all devices. (700 x 100)

ރުމޭނިޔާގެ ބޮޑުވަޒީރަކަށް މުސްލިމެއް

ރުމޭނިޔާގެ ބޮޑުވަޒީރުކަމަށް ނޮމިނޭޓްކޮށްފައިވާ ސެވިލް ޝްހާދޭ. ފޮޓޯ: ނިއުޔޯކް ޓައިމްސް އިން ނަގާފައި

ރުމޭނިޔާގެ ބޮޑުވަޒީރަކަށް ޓަޓާ ދަރިކޮޅުގެ މުސްލިމެއްގެ ނަން، އެ ޤައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ހުށަހަޅައިފިއެވެ. ރުމޭނިޔާގެ ރައީސްގެ ރުހުން މިނަމަށް ލިބިއްޖެ ނަމަ، ސެވިލް ޝްހާދޭ ވާނީ ރުމޭނިޔާގައި ބޮޑުވަޒީރުކަން ކުރާ ފުރަތަމަ މުސްލިމަށެވެ. އަދި ފުރަތަމަ އަންހެން ބޮޑުވަޒީރަށްވެސް މެއެވެ.

ޑިސެންބަރު 11 ގައި ބޭއްވި ޢާއްމު އިންތިޚާބުގައި ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އަށް ވަނީ ބޮޑު ތާއީދެއް ލިބިފައެވެ. އެޕާޓީން ވަނީ 45 އިންސައްތަ އަށްވުރެ ގިނަ ވޯޓު ކާމިޔާބުކޮށްފައެވެ. އަދި މައިނޯރިޓީ ދެ ޕާޓީ ކަމަށްވާ އެލަޔަންސް ފޯ ލިބަރަލްސް އާއި ޑިމޮކްރަޓްސްގެ ތާއީދާއެކު ޕާލަމަންޓުގެ އަޣުލަބިއްޔަތު ވަނީ ލިބިފައެވެ.

ޢާއްމު އުޞޫލެއްގެ ގޮތުން، ބޮޑުވަޒީރަކަމަށް ހަމަޖައްސަނީ އެންމެ ބޮޑު ޕާޓީގެ ލީޑަރެވެ. ނަމަވެސް، ސޯޝަލް ޑިމޮކްރަޓުންގެ ލީޑަރު ކަމަށްވާ ލިވިއު ޑްރެގްނޭ އިންތިޚާބުތަކުގައި މަކަރުހެދިކަން ސާބިތުވުމާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުވަނީ ދެއަހަރަށް ސަސްޕެންޑްކޮށްފައެވެ. ރުމޭނިޔާގެ ރައީސް ކްލައުސް އަޔޮހަނިސް ވިދާޅުވިގޮތުގައި އެޤައުމުގެ ބޮޑުވަޒީރު ވާންވާނީ ކުށެއް ސާބިތުވެފައި ނުވާ، އަދި ކުށެއްގެ ތުހުމަތުގައި ތަޙްޤީޤުކުރެވެމުން ނުދާ މީހެއްކަމަށެވެ.

އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރުގެ ގޮތުން ޑްރެގްނޭ އަށް އޮތް ފުރުޞަތު ގެއްލުމުން، ސޯޝަލް ޑިމޮކްރަޓުން އެނބުރުނީ ޢުމުރުފުޅުން 52 އަހަރުގެ ސެވިލް އާ ދިމާއަށެވެ. ސެވިލް އަކީ ސިޔާސީ ގޮތުން މަޝްހޫރުކަން ކުޑަ ބޭފުޅެކެވެ. އޭނާ ވަނީ އެންމެ ފަހުގެ ސޯޝަލް ޑިމޮކްރަޓުންގެ ވެރިކަމުގައި ރީޖަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުކަން ހަމަސްވަންދެން ކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !